Advertisement

ސަލާހާއި ކްލޮޕްގެ އަރާރުމަކާ އެކު ލިވަޕޫލްގެ ހާލަތު ގޯހަށް

28 އޭޕްރީލް 2024 - 07:20 0


ސަލާހާއި ކްލޮޕްގެ އަރާރުމަކާ އެކު ލިވަޕޫލްގެ ހާލަތު ގޯހަށް

28 އޭޕްރީލް 2024 - 07:20 0

ލަންޑަން (އޭޕްރީލް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް ޔުނައިޓެޑާ 2-2 އިން ލިވަޕޫލް އެއްވަރުވި މެޗުގައި އެ ޓީމުގެ ތަރި، މުހައްމަދު ސަލާހު އާއި ކޯޗު، ޔާގެން ކްލޮޕްގެ އަރާރުމެއް ހިނގައި ކްލަބް އިތުރު މައްސަލައެއްގެ ތެރޭގައި ތާށިވެއްޖެ އެވެ.

ފޯމު ގެއްލިފައިވާތީ، ލިވަޕޫލުން މި މެޗު ފެށީ ސަލާހު ބެންޗުގައި ބައިންދައިގެންނެވެ. ދެ ވަނަ ހާފުގެ ފަހު ކޮޅުގައި ސަލާހު އަރުވަން ޓަޗްލައިން ރޮނގުމަތީގައި ހުއްޓައި، ކްލޮޕް ބުނާ އެއްޗަކުން ސަލާހު އެ އަށް ރައްދުދީ ނުރުހުން ވެގެން ވާހަކަ ދައްކާ މަންޒަރު ކެމެރާ އިން ވެސް ދައްކަ އެވެ. ސަލާހު، ހަމަޖައްސަން ޖެހުނީ އޭނާ އެކު ބަދަލަކަށް އަރަން ތައްޔާރުވަމުން އައި ޑާވިން ނޫނޭޒް އެވެ.

މެޗަށް ފަހު ކްލޮޕްއާ މީޑިއާ އިން ވަނީ އެ ކަންކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ. ކްލޮޕް ބުނީ ޗޭންޖިން ރޫމުގައި އެ މައްސަލައިގައި ވާހަކަ ދެކެވިފައިވާ ކަމަށާއި އޭނާ އަށް އެ މައްސަަލަ ނިމިފައިވާ ކަމަށެެވެ. އިތުރަށް ސުވާލުކުރުމުން ވެސް ކްލޮޕް ދިން ޖަވާބަކީ އެއީ އެވެ.

މީޑިއާ އިން ވަނީ މި މައްސަލަައިގައި ސަލާހުއާ ވެސް ސުވާލުކޮށްފަ އެވެ. ސަލާހު ދިން ޖަވާބާ އެކު، މައްސަލަ އެއްކޮށް ހަމަޖެހުމަކާ ހަމައަށް ދެވިފައިނުވާކަން ދޭހަވެ އެވެ.

"އަހަރެން ވާހަކަ ދައްކައިފިއްޔާ މީގެ ނަތީޖާ ވަރަށް ގޯސްވާނެ،" މީޑިއާގެ ސުވާލުތަކަށް ސަލާހު ކުރު ޖަވާބެއް ދިނެވެ.

ނުވަ އަހަރަށް ފަހު، ކްލޮޕް، މި ސީޒަނަށް ފަހު ލިވަޕޫލް ދޫކޮށްލާނެކަން ވަނީ ސީޒަނުގެ މެދުތެރެއިން އިއުލާނުކޮށްފަ އެވެ. ކްލޮޕްގެ ނުވަ އަހަރުގެ ކާމިޔާބީތަކުގައި އެންމެ އިސް ރޯލެއް ކުޅެފައިވާ އެއް ކުޅުންތެރިއަކީ ސަލާހު އެވެ.

އެކަމަކު، ކްލޮޕް އެ ޓީމު ދޫކޮށްދާން ކުޑަ ދުވަސްކޮޅަކަށްވެފައި އޮއްވައި، ސީޒަނުގެ މުހިންމު ހިސާބުގައި ޓީމުގެ މުހިންމު ކުޅުންތެރިޔާ، ސަލާހުއާ މައްސަލަ ގަނޑެއްގެ ތެރެއަށް ދިއުމަކީ، އެ ކްލަބަށް ރަނގަޅު ކަމެއް ނޫން ކަމަށް އިނގިރޭސި ފުޓްބޯޅަ ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ.

އިނގިރޭސި ލީގު ކަޕްގެ ޗެމްޕިއަންކަން މި ސީޒަނުގައި ހޯދި ލިވަޕޫލަށް ބާކީ ތިން މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ބޮޑުކޮށް އޮތެވެ. އެކަމަކު، ފޯމު ގެއްލި އެ ޓީމަށް މިހާރު އިތުރު ތަށްޓަކާ އެކު ސީޒަން ނިންމާލުމުގެ އަމިއްލަ ބާރެއް ނެތެވެ. ޔޫރޮޕާ ލީގާއި އެފްއޭ ކަޕް ކުއާޓާ ފައިނަލުން ކެޓިއިރު، ލީގުގެ ތިން ވަނަ އަށް ވަނީ ސޮއްސާލައިފަ އެވެ.