Advertisement

އައްޑޫއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 167 މިލިމީޓަރުގެ ވާރޭ ވެހިއްޖެ

27 އޭޕްރީލް 2024 - 09:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫއަށް ވާރޭވެހި ފެންބޮޑުވުން: މިދިޔަ 24 ގަޑިއިރު 167 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައި -- ފޮޓޯ: އެމްއެންޑީއެފް


އައްޑޫއަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 167 މިލިމީޓަރުގެ ވާރޭ ވެހިއްޖެ

27 އޭޕްރީލް 2024 - 09:23 0

އައްޑޫ ސިޓީ ގަމަށް މިދިޔަ 24 ގަޑިއިރު ތެރޭގައި 167،7 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.

މީޓިއަރޮލޮޖިސްޓް މުހައްމަދު ޝަހުދު "އަދަދު" އަށް ވިދާޅުވީ އައްޑޫއަށް ބޯކޮށް ވާރޭވެހިފައިވާ ކަމަށާއި، މިދިޔަ 24 ގަޑިއިރަކީ މިހާތަނަށް އައްޑޫއަށް މި އަހަރު އެންމެ ބޯކޮށް ވާރޭވެހުނު 24 ގަޑިއިރު ކަމަށެވެ.

އެހެން ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި ހުޅަނގު މޫސުން އަދި ނުފެށެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ ދެމޫސުން ބެދޭ ދުވަސްވަރެެވެ.

"މި ސަރަހައްދުގައި އެބަ އުޅޭ ސާކިއުލޭޝަންސްތަކެއް. ހާއްސަކޮށް ދެކުނާއި ހުޅަނގުގައި އެބަ އުޅޭ. މި ދެ ސާކިއުލޭޝަންސްގެ ސަބަބުން ވިއްސާރަ ވިލާތައް އުފެދިގެން މިދަނީ" މުހައްމަދު ޝަހުދު ވިދާޅުވި އެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ވެސް އައްޑޫ އާއި ދެކުނުގެ އަތޮޅު ތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާ ކުރެވޭ ކަން ފާހަގަ ކުރައްވައި ޝަހުދު ވިދާޅުވީ މިއަދު މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، އަދި އުތުރުގެ އަތޮޅުތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ.

އައްޑޫއަށް ފަހުގެ ތާރީހެއްގައި އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ 2015 ވަނަ އަހަރު އެވެ. އެފަހަރު 228 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

މި ހިނގާ އެޕްރިލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ ހޫނު މަސް ކަމަށްވާއިރު، ދޭތެރެ ދޭތެރެއިން ވާރޭ ވެހެ އެވެ. ނަމަވެސް އާންމު ގޮތެއްގައި އިހުސާސް ކުރެވޭ ހޫނުމިން އެޕްރިލް މަހު ހުންނަނީ 40 ޑިގްރީއަށް ވުރެ މަތީގަ އެވެ.