Advertisement

ބްރައިޓަން ބަލިކޮށް ސިޓީން ލީގުގެ ރޭހުގައި ފެންވަރު ދައްކާލައިފި

26 އޭޕްރީލް 2024 - 08:38 0


ބްރައިޓަން ބަލިކޮށް ސިޓީން ލީގުގެ ރޭހުގައި ފެންވަރު ދައްކާލައިފި

26 އޭޕްރީލް 2024 - 08:38 0

ލަންޑަން (އޭޕްރީލް 26) - އިނގިރޭސި ޕްރިމިއާ ލީގުގައި ބްރައިޓަން 4-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ލީގުގެ ރޭހުގައި ފެންވަރު ދައްކާލައިފި އެވެ.

މި މޮޅާ އެކު، ސިޓީން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލަށް ވުރެ އެއް މެޗު މަދުން ކުޅެގެން، އެ ޓީމާ އެއް ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. އާސެނަލަށް 34 މެޗުން 77 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި ސިޓީ އޮތީ 33 މެޗުން 76 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލިވަޕޫލަށް ވަނީ 34 މެޗުން 74 ޕޮއިންޓް ލިބިފަ އެެވެ.

އެންމެ ފަހުން ތިން ސީޒަނުގެ ލީގު ޗެމްޕިއަން، ސިޓީން ރޭގެ މެޗުގެ 17 ވަނަ މިނިޓްގައި ލީޑުނެގީ، އޭރިއާތެރެއިން ކެވިން ޑި ބްރޭނާ ބޮލުން ޖެހި ގޯލުންނެެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީގެ އަނެއް ދެ ލަނޑު ޖެހީ، ފިލް ފޯޑެން އެވެ.

މި ދެ ގޯލާ އެކު، ފޯޑެން ވަނީ ލީގުގައި ޖުމްލަ އެކު، ސިޓީ އަށް 51 ލަނޑު ހަމަކޮށްފަ އެވެ. އޭނާ އަކީ ސިޓީ އަށް ލީގުގައި މި އަދަދަށް ލަނޑު ޖަހައިދިން 10 ވަނަ ކުޅުންތެރިޔާ އެވެ. މިއީ ފޯޑެންގެ ކެރިއަރުގައި ގޯލު ޖެހުމަށް ބަލާއިރު އެންމެ ރަނގަޅު ސީޒަނެވެ.

ދެ ވަަނަ ހާފުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ޖެހީ، ހޫލިއަން އަލްވަރޭޒް އެވެ. ސިޓީގެ އެއް ވަނަ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް އަނިޔާގައި ހުރުމުން މި މެޗުގައި ވެސް ސިޓީގެ އެޓޭކް ލީޑުކުރީ އަލްވަރޭޒް އެވެ.

ރޭގެ މެޗަށް ފަހު، ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާ ބުނީ، މެޗު ހަމަކުރާއިރު އެ ޓީމަށް ލީގުގެ އެއް ވަނަ މަގާމު ލިބެން އޮތް ކަމުގައި ވިޔަސް، ބާކީ މި އޮތް މެޗުތަކުގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ ކަމަށެވެ. އެހެންކަމުން، ގަދަ ތިން ޓީމަށް ވެސް ފުރުސަތު އޮތް ކަމަށް ގާޑިއޯލާ ގަބޫލުކުރެ އެވެ.