Advertisement

ނަޑާލް، މެޑްރިޑް އޯޕަން ފެށީ މޮޅަކުން

26 އޭޕްރީލް 2024 - 08:24 0


ނަޑާލް، މެޑްރިޑް އޯޕަން ފެށީ މޮޅަކުން

26 އޭޕްރީލް 2024 - 08:24 0

މެޑްރިޑް (އޭޕްރީލް 26) - އަނިޔާއިން ސަލާމަތްވެ, ރެފެއަލް ނަޑާލް މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް އިތުބާރު ހޯދައިފި އެވެ.

މި އަހަރަށްފަހު ނަޑާލް ޓެނިސް ކުޅުން ހުއްޓާލާނެކަން އޭނާ ވަނީ އިއުލާންކޮށްފަ އެވެ. މިދިޔަ އަހަރާއި, މި އަހަރުގެ ބޮޑު ބައެއް ނަޑާލް އަށް އަނިޔާގެ ސަބަބުން މުބާރާތްތަކުގައި ވާދަކުރެވޭ ގޮތް ވަނީ ނުވެފަ އެވެ.

އަނިޔާ އިން ސަލާމަތްވެ, މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގައި ނަޑާލް ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އެމެރިކާގެ ޑާވިން ބްލަންޗް އާއެވެ. މި މެޗު ސީދާ ދެ ސެޓުން ނަޑާލް ވަނީ ކާމިޔާބު ކޮށްފަ އެވެ. އެއީ 6-1 އަދި 6-0 އިންނެވެ.

މީގެ ކުރިން ނަޑާލް ވަނީ މެޑްރިޑް އޯޕަންގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބުނެފަ އެވެ. ނަޑާލް 37, ބުނީ އޭނާ ތައްޔާރު ވަމުން އަންނަނީ ފްރެންޗް އޯޕަން މުބާރާތައް ކަމަށާއި, އެކަމަކު އެ މުބާރާތް ވެސް ކުޅޭނީ ރަނގަޅު ޕާފޯމެންސް އެއް ދެއްކޭނެ ކަމުގެ ޔަގީންކަން އޮތްނަމަ ކަމަށެވެ.

މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުގައި ނަޑާލް ވާދަކުރަން ޖެހޭނީ އޮސްޓްރޭލިއާގެ އެލެކްސް އާއެވެ. އެލެކްސް ވަނީ މިދިޔަ ހަފްތާ ކުރިއަށް ދިޔަ ބާސެލޯނާ އޯޕަން މުބާރާތުގައި ނަޑާލްގެ މައްޗަށް ކުރިހޯދައިފަ އެވެ.

ނަޑާލް ބުނީ މެޑްރިޑް އޯޕަންގައި ބައިވެރިވާން ނިންމީ ފްރެންޗް އޯޕަންގެ ކުރިން ރަނގަޅު މުބާރާތެއް ބޭނުންވާތީ ކަމަށެވެ.

ނަޑާލް އަކީ ފްރެންޗް އޯޕަން އެންމެ ގިނަ ފަހަރު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ އެ މުބާރާތް 14 ފަހަރު ކާމިޔާބު ކޮށްފަ އެވެ.