24 އޭޕްރީލް 2024 - 19:41 0
24 އޭޕްރީލް 2024 - 19:41 0
ވިއޭނާ، އޮސްޓްރިއާ (އޭޕްރީލް 24) - އޮސްޓްރިއާ ގައުމީ ފުޓްބޯޅަ ޓީމާ ހަވާލުވެހުރި ކޯޗު ރަލްފް ރަންގްނިކް އަށް މި ސީޒަނަށް ފަހު ހުސްވާ ބަޔާން މިއުނިކްގެ ކޯޗުގެ މަގާމު ހުށަހަޅައިފި އެވެ.
ބަޔާންގެ ކޯޗުކަމުން ތޯމަސް ޓުޗެލް މި ސީޒަނަށް ފަހު ވަކިވާނެކަން، އެ ކްލަބުން ވަނީ އިއުލާނުކޮށްފަ އެވެ. ބަޔާނުން އާ ކޯޗެއް ހޯދުމުގެ މަސައްކަތުގައި، ބަޔާ ލެވަކޫސަންގެ ޒަބީ އަލޮންސޯ، ޖަރުމަނު ޓީމުގައި ހުރި ބަޔާންގެ ކުރީގެ ކޯޗު ހޫލިއަން ނާގަލްސްމަން، މި ސީޒަނުގައި ރޯމާ އިން ވަކިކުރި ހޯސޭ މޮރީނިއޯ އަދި ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން، ޓީމަކާ ހަވާލުނުވެ ހުރި ޒިނެދިން ޒިދާންއާ ވަނީ މަޝްވަރާކޮށްފަ އެެވެ.
މީގެއިން އެއްވެސް ކޯޗަކާ ރަސްމީ ސިފައެއްގައި ބަޔާނުން ވާހަކަ ދައްކާކަން، އެ ކޯޗެއް އަދި އެ ކްލަބަކުން ވެސް އިއުލާނެއް ނުކުރެ އެވެ.
އެކަމަކު، ދާދި ފަހުން ދިން އިންޓަވިއުއެއްގައި މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަންގްނިކް ބުނީ، އޭނާ އަށް ބަޔާނުގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށެވެ. އަދި އެ ހުށަހެޅުމުގެ ވާހަކަތައް ރަންގްނިކް މި ވަގުތު ހަވާލުވެހުރި، އޮސްޓްރިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބެލެނިވެރިފަރާތް ކަމަށްވާ އޮސްޓްރިއާ ފުޓްބޯޅަ ފެޑެރޭޝަނާ ވެސް ހިއްސާކޮށްފައިވާނެ ކަމަށް ރަންގްނިކް ވަނީ ބުނެފަ އެވެ.
"ފުރަތަމަ ބަލަންވީ ބަޔާނުން މި ކަމަށް ބޭނުންވަނީ ކިހާ ވަރަކަށްތޯ. ދެން، އެ ޓީމާ މެދު އަހަރެން ޝައުގުވެރިވަނީ ކިހާ ވަރަކަށްތޯ. ދެން، މީގެ ބަލަންޖެހޭނެ އޮސްޓްރިއާ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމީ ގޮތެއް ވެސް،" ޖަރުމަނުގެ އާރްބީ ލައިޕްޒިގް، ހޮފެންހައިމް، ޝާލްކާ، ހޮފެންހައިމް އަދި ސްޓުޓްގާޓަށް ކުރިން ކޯޗުކޮށްދިން ރަންގްނިކް ބުންޏެވެ.
ހަ މަސް ދުވަހު ޔުނައިޓެޑްގެ ކޯޗަކަށް ހުރި ރަންގްނިކްގެ ވިސްނުން އެ ކްލަބްގެ ވެރިންނަށް ކަމަކުނުދިޔަ އެވެ. ރަންގްނިކް، ޔުނައިޓެޑް ދޫކޮށްލިއިރު، ފާހަގަކުރި އެއް ކަމަކީ، އެ ކްލަބަށް ބޭނުންވަނީ ކުޅުންތެރިން ގެނެސްގެން، ޓީމު ވަރުގަދަ ކުރުމަށް ވުރެ، މުޅި ކްލަބްގެ ފުޓްބޯޅައިގެ ކަންކަން ބަދަލުކުރަން ޖެހޭ "އޯޕަން ހާޓް ސާޖަރީއެއް" ކަމަށެވެ.
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު އޮސްޓްރިއާ ގައުމީ ޓީމާ, ރަންގްނިކް ހަވާލުވީ، 2022 ވަނަ އަހަރުގެ އޭޕްރީލް މަހު ދެ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. މި ފަހަރުގެ ޔޫރޯ އަށް އޮސްޓްރިއާ ކޮލިފައިކޮށްދިނުމުން، ރަންގްނިކްގެ ކޮންޓްރެކްޓް ދެ އަހަރަށް އާ ކުރެވޭ މާއްދާއެއް އޮތް ނަމަވެސް، އަދި އެ އަށް ވަކި ގޮތެއް ނުނިންމަ އެވެ.
Comment