Advertisement

މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި، ކުރީ އަހަރަށް ވުރެ އިތުރު

24 އޭޕްރީލް 2024 - 17:22 0

މާލޭ ވިޔަފާރި ބަނދަރުގައި ހުރި ކޮންޓެއިނަރުތަކެއް: ރާއްޖެ އެތެރެކުރާ މުދަލުގެ 90 ޕަސެންޓު އަންނަނީ މި ބަނދަރަށް -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


މިދިޔަ މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެ ކުރި، ކުރީ އަހަރަށް ވުރެ އިތުރު

24 އޭޕްރީލް 2024 - 17:22 0

ނިމުނު މާޗު މަހުގެ ތެރޭގައި ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި މިދިޔަ މަހުގެ އިމްޕޯޓު މިދިޔަ އަހަރުގެ މާޗަށް ވުރެ ހަތަރު ޕަސެންޓު އިތުރެވެ. ނަމަވެސް އެކްސްޕޯޓު ކުރި މުދަލުގެ އަގު މިދިޔަ އަހަރަށް ވުރެ 64 ޕަސެންޓު ދަށެވެ. މިދިޔަ މަހު ބޭރު ކުރީ 124 މިލިއަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓު ކުރި މުދަލުގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގީ ތެލަށެވެ. އެގޮތުން ހުސްވި މަހުގެ ތެރޭގައި ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތެޔޮ ރާއްޖެ އެތެރެކޮށްފައިވާއިރު، ބޮޑު ބައި އެތެރެކުރީ އޮމާނުންނެވެ. މިދިޔަ މަހު އެއް ގައުމަކުން އެންމެ އަގުހުރި މުދާ އެތެރެކުރި ގައުމަކީ ވެސް އޮމާނެވެ.

އެންމެ ގިނައިން މުދާ އެތެރެކުރި ގައުމުތައް

  1. އޮމާން - 777 މިލިއަން ރުފިޔާ
  2. އިންޑިއާ - 763 މިލިއަން ރުފިޔާ
  3. ޔޫއޭއީ - 617 މިލިއަން ރުފިޔާ
  4. ޗައިނާ - 440 މިލިއަން ރުފިޔާ
  5. ސިންގަޕޫރު - 401 މިލިއަން ރުފިޔާ

މިދިޔަ މަހު ވެސް ރާއްޖޭން އެންމެ ގިނައިން މުދާ ބޭރުކުރީ، ދިވެހި މަސްވެރިން ބާނާ ކަނޑު މަހުގެ ބޮޑު ބައެއް އެކްސްޕޯޓު ކުރާ ތައިލެންޑަށެވެ. ދެން އެންމެ ގިނައިން މުދާ ބޭރުކުރީ ހުޅަނގުގެ ބިޔަ އިގުތިސޯދުތަކުގެ ތެރޭގައި ހިމެނޭ ހިމެނޭ ޔޫކޭ އާއި ޖަރުމަނާއި ފްރާންސާއި އަވައްޓެރި އިންޑިއާއަށެވެ.

އެންމެ ގިނައިން މުދާ ބޭރުކުރި ގައުމުތައް

  1. ތައިލެންޑު - 41 މިލިއަން ރުފިޔާ
  2. ޔޫކޭ - 27 މިލިއަން ރުފިޔާ
  3. ޖާމަނީ - 12 މިލިއަން ރުފިޔާ
  4. އިންޑިއާ - ހަތް މިލިއަން ރުފިޔާ
  5. ފްރާންސް - ހަ މިލިއަން ރުފިޔާ

މިދިޔަ މަހު ކަސްޓަމްސްއިން ޑިއުޓީގެ ގޮތުގައި 320 މިލިއަން ރުފިޔާ އަދި ރޯޔަލްޓީގެ ގޮތުގައި 19 މިލިއަން ރުފިޔާ ބަލައިގެންފައިވެ އެވެ.