Advertisement

އަލް ހިލާލް ކަޓައި، އަލް އައިން ފައިނަލަށް

24 އޭޕްރީލް 2024 - 10:10 0


އަލް ހިލާލް ކަޓައި، އަލް އައިން ފައިނަލަށް

24 އޭޕްރީލް 2024 - 10:10 0

ރިޔާދު (އޭޕްރީލް 24) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި ރޭ ޔޫއޭއީގެ އަލް އައިން އަތުން 2-1 އިން ސައުދީ އަރަބިއްޔާގެ އަލް ހިލާލް މޮޅުވި ނަމަވެސް، 4-5ގެ އެގްރިގޭޓް ނަތީޖާއަކުން އަލް އައިން ފައިނަލްގެ ޖާގަ ހޯދައިފި އެވެ.

މިއީ 2016 ވަނަ އަހަރުގެ ފަހުން އަލް އައިން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އާޖެންޓީނާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ހާނަން ކްރެސްޕޯގެ އިރުޝާދުގެ ދަށުން ކުޅެމުންދާ އަލް އައިން ވަނީ 2003 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ތަށި ހޯދައިފައެވެ.

މުބާރާތުގެ ފައިނަލްގައި އަލް އައިންއާ ދެކޮޅަށް ނުކުންނާނީ ޖަޕާނުގެ ޔޮކަހޯމާ އެފް މެރިނޯސް ނުވަތަ ދެކުނު ކޮރެއާގެ އުލްސާން ހިޔުންޑާއީއެވެ.

އަލް އައިންގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު 4-2 އިން އެ ޓީމު ކާމިޔާބުކޮށްފައި އޮތުމުން، އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ގޯލުތަކެއް ޖަހަން އަލް ހިލާލަށް އޮތީ މަޖުބޫރުވެފައެވެ. މެޗުގެ ފުރަތަމަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އަލް ހިލާލަށް ލީޑު ހޯދައިދިނީ ޕޯޗުގަލްގެ މިޑްފީލްޑަރު ރުބެން ނެވޭސްއެވެ.

އެކަމަކު މެޗުގެ 12 ވަނަ މިނިޓުގައި އަލް އައިންގެ މިޑްފީލްޑަރު އެރިކް ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.

އޭއެފްސީ ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފައިވާ އަލް ހިލާލަށް މެޗުގެ 51 ވަނަ މިނިޓުގައި އަލުން ލީޑު ހޯދައިދިނީ ސައުދީ އަރަބިއްޔާގެ ގައުމީ ޓީމުގެ ފޯވަޑް ސާލެމް އަލްދައުސަރީއެވެ.

އެކަމަކު މެޗުގެ ބާކީ އޮތް ބައިގައި އަލް ހިލާލަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއްނުވިއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން އަލް އައިންގެ ކޯޗު ކްރެސްޕޯ ބުނީ އެ ޓީމުގެ ކުޅުންތެރިން ދެ ލެގުގައިވެސް ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަަށެވެ.

"އަހަރަމެން އިދިކޮޅު ޓީމަށްވެސް ވަރަށް އިހުތިރާމްކުރަން. އަލް އައިން އިން ދެއްކި ކުޅުމާމެދު ފަހުރުވެރިވޭ،" ކްރެސްޕޯ ބުންޏެވެ. -