Advertisement

ހަޔާތުގެ ބާކީ ބައިގައި މަސައްކަތްކުރާނީ ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރެން: އިމްރާމް

23 އޭޕްރީލް 2024 - 13:40 0

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަ ދައްވަނީ. ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އޭނާ އަށް ކުރިމަތިވީ ނާކާމިޔާބީ. ފޮޓޯ:މުހައްމަދު ޝާބިން/އަދަދު


ހަޔާތުގެ ބާކީ ބައިގައި މަސައްކަތްކުރާނީ ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތަށް ނެރެން: އިމްރާމް

23 އޭޕްރީލް 2024 - 13:40 0

ހަޔާތުގެ ބާކީ ބައިގައި ވެސް ކުރައްވާނީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މައިދާނަށް އިސް ސަފަށް ނެރުމުގެ މަސައްކަތް ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމްމިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން މިދިޔަ އާދީއްޔަ ދުވަހު ބޭއްވި އިންތިހާބުގައި ވާދަކުރައްވައި ނާކާމިޔާބުވި ފަހުން، ސޯޝަލް މީޑިއާ އެކްސްގައި މިއަދު އިމްރާން ވިދާޅުވީ މިހާތަނަށް ވެސް ކުރައްވަމުން ގެންދެވީ އެ މަސައްކަތް ކަމަށެވެ.

"އަޅުގަޑު މިހާތަނަށް ކުރަމުން އައި އަދި އެކަމެއް ކުރުމުގެ މަތީގައި ހަޔާތުގެ ބާކީ އޮތް ބައިގައި އިންޝާ الله، ދެމި ހުންނާނެ މަސައްކަތަކީ ފަސްވަގުތު ނަމާދުކުރާ މީހުން ސިޔާސީ މަސައްކަތުގެ އިސް ސަފަށް ނެރެ ބާރުވެރި ކުރުން،" އިމްރާން ވިދާޅުވެފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މަކުނުދޫ ދާއިރާއަށް ވާދަކުރައްވައިގެން އިމްރާނަށް ލިބިވަޑައިގެންނެވީ 28 ޕަސެންޓް ވޯޓެވެ. އެ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓް އާދަމް ޝަފީގެވެ.

ސިޔާސީ ބޭފުޅެއްގެ ގޮތުގައި އިމްރާން އެންމެ ފުރަތަމަ މަޝްހޫރުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި، އަދަލާތު ޕާޓީ ލީޑްކުރުމުގެ ފުރުސަތު އޭނާއަށް ލިބިވަޑައިގެންނެވި ހިސާބުންނެވެ. އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި އޭނާ އިސްކޮށް އުޅުއްވި އެވެ.

އޭގެ ފަހުން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އޭރުގެ އިދިިކޮޅު މީހުންނާ އެކުގައި ވެސް މުޒާހަރާތަކުގައި އިސްކޮށް އުޅުއްވި އެވެ. އޭރު ކުރި މުޒާހަރާއެއްގައި ދެއްކެވި ވާހައަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާކޮށް 12 އަހަރަށް ޖަލަށް ވެސް ލި އެވެ.

އޭގެ ފަހުން އެމްޑީޕީގެ ދެވަނަ ވެރިކަމުގައި އޭނާއަކީ ހޯމް މިނިސްޓަރެވެ.