އަދާލަތު ޕާޓީގެ ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ޕަޓީން މިއަދު ކުރި އިއުލާނެއްގައި ބުނި ގޮތުގައި އެ މަގާމަށް ވާދަކުރެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށެވެ.
ރައީސްގެ މަގާމަށް ވާދަކުރުމުގެ ޝަރުތުތައް
- މުސްލިމަކު ކަމުގައިވުން
- ސުންނަތް ޖަމާޢަތުގެ މީހަކު ކަމުގައިވުން
- ދިވެހި ރައްޔިތެއް ކަމުގައިވުން
- ބޭރު ގައުމެއްގެ ނެޝަނެލިޓީ އޮތް މީހަކު ކަމުގައި ނުވުން
- ބުއްދި ސަލާމަތުން ހުރި މީހަކު ކަމުގައިވުން
- ޕާޓީގެ މެންބަރެއް ކަމުގައިވުން
- މީލާދީ ސަނަތުން 30 (ތިރީސް) އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން
- ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައިވާކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ހިޔާނަތުގެ މައްސަލައެއް، ނުވަތަ ބަދުއަހުލާގީ މައްސަލައެއް، އޭނާގެ މައްޗަށް ޝަރީއަތުން ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- އެ ޕާޓީގެ މަޖިލިސްތަކުގެ ތެރެއިން މަޖިލީހެއްގައި މަދުވެގެން 2 (ދޭއް) އަހަރު އުޅެ، ޕާޓީގެ އުސޫލުތަކާއި ހަމަތަކަށް ހޭނިފައިވާ މީހަކު ކަމުގައި ވުން
- ސަނަދުގެ ފެންވަރު ބެލުމާއި ބެހޭ ދައުލަތުގެ ކަމާއި ބެހޭ އިދާރާއިން ޤަބޫލުކުރާ ޔުނިވަރސިޓީއަކުން، ނުވަތަ މުއައްސަސާއަކުން ދަށްވެގެން ޑިޕްލޮމާ ހާސިލުކޮށްފައިވުން، އަދި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން.
އެ މަގާމަށް އެންމެ މީހަކު ކުރިމަތިލި ކަމުގައިވީ ނަމަވެސް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ އެވެ. އެކަކަށް ވުރެ ގިނަ މީހުން ވާދަކުރާނަމަ ޖެނުއަރީ 31، 2026 ގައި ރައީސަަކު އިންތިހާބުކުރަން ވޯޓު ނަގާނެ އެވެ. އެ ވޯޓު ނަގާނީ އިލެކްޓްރޯނިކް ވޯޓިން މެދުވެރިކޮށް ކަމަށް އަދާލަތުން ބުނެ އެވެ.
ރައީސްގެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖެނުއަރީ 8، 2026 ގެ 16:00 އެވެ.
މިވަގުތު އެ ޕާޓީގެ ރައީސްގެ މަގާމުގައި ހުންނެވީ މިދިޔަ އެމްޑީޕީ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނެވި އިމްރާން އަބްދުالله އެވެ. އަދާލަތަކީ އެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެކެވެ.
Comment