Advertisement

ސުޕަ މެޖޯރިޓީއާ އެކު މީހުންނަށް ބިރެއް ނުދައްކާނަން، މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް

23 އޭޕްރީލް 2024 - 10:23 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އޭނާ އަކީ 2009 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ މެމްބަރެއް. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ


ސުޕަ މެޖޯރިޓީއާ އެކު މީހުންނަށް ބިރެއް ނުދައްކާނަން، މައިނޯރިޓީއަށް އިހުތިރާމްކުރާނަން: ސަލީމް

23 އޭޕްރީލް 2024 - 10:23 0

ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލިބުނު ސުޕަ މެޖޯރިޓީއާ އެކު މީހުންނަށް ބިރު ނުދައްކާނެ ކަމަށާއި މަޖިލީހުގައި ވެސް މައިނޯރިޓީއަށް އިހުތިރާމް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވެއްޖެ އެވެ.

ވިހިވަނަ ރަައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވަން ބޭއްވި އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބުކުރި އިރު އެޕާޓީގެ ތާއީދާ އެކު ހޮވުނު މެމްބަރުންނާ އެކު ޖުމްލަ 70 ގޮނޑި، އެޕާޓީއަށް ލިބުނެވެ. އިދިކޮޅު އެމްޑީޕީއަށް ލިބުނީ 12 ގޮނޑި އެވެ. ވިހި ވަނަ މަޖިލީހުގައި ޖުމްލަ 93 މެމްބަރުން ތިއްބަވާނެ އެވެ.

މަޖިލީހުގެ އިންތިހާބުގެ ދުވަސްކޮޅެއް ކުރިން ފެށިގެން ޖަލްސާތައް މެދުކަނޑާލައިފައި އޮތުމަށް ފަހު މަޖިލީހުގައި މިއަދު ބޭއްވި ފުރަތަމަ ޖަލްސާގައި ސަލީމް ވިދާޅުވީ އާރާއިބާރު އަދި ތަނަވަސްކަމަކީ ﷲ އިރާދަކުރެއްވި އަޅަކަށް ދެއްވައި، އަދި ގެންދަވާ ކަންތައްތައް ކަމަށާއި އެކަމުން އިބުރަތް ހާސިލުުކުރަން ޖެހޭ ކަމަށެވެ. އެހެންވީމާ މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބާރު ހުރި ފަރާތްތަކުން މިކަންކަން ކުރާ ކަމަށް ވަންޏާ ދުވަހަކު ވެސް އަޅުގަނޑުމެންގެ މިގައުމު އިސްލާހުވެެގެން ނުދާނެ. އިރާދަކުރެއްވިއްޔާ މާތް ﷲގެ ރަހުމަތްފުޅާ އެކީގައި ، އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" ސަލީމް ވިދާޅުވި އެވެ.

ޕީއެންސީން މަސައްކަތްކުރާނީ ހުރިހާ ބަޔަކަށް އިހުތިރާމްކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ [ޑރ.މުހައްމަދު މުއިއްޒު]ގެ ވިސްނުންފުޅު ހުރީ ވެސް ހަމަ އެގޮތަށް،" އޭނާ ވިދާޅުވި އެވެ.

ސަލީމް ތުހުމަތުކުރެއްވި ގޮތުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީއާ އެކު ޕީޕީއެމް/ޕީއެެންސީގެ މަދު މެމްބަރުން ތިއްބަވައިގެން 19 ވަނަ މަޖިލީހުގައި ތަފާތު ފިއްތުންތައް ކުރިމަތިކޮށް މައިނޯރިޓީގެ އަޑު އިއްވަން ހުރަސް އެޅި އެވެ. އެހެން ނަމަވެސް އެއީ މަޖިލީހުގެބ ރިޔާސަތުން ކުރި ކަމެއް ކަމަކަށް އޭނާ ތުހުމަތެއް ނުކުރައްވަ އެވެ. ވިދާޅުވީ "ނިޒާމީ ނުކުތާގެ ތެރެއިން" ހުރަސް އެޅި ކަމަށެވެ.