Advertisement

ދިވެހިން ތިބި ގޮތް ބޭރު ގައުމުތަކަށް މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޭޕްރީލް 2024 - 22:30 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕީއެންސީއަށް ލިބުނު ތާރީހީ ކާމިޔާބީ ސަޕޯޓަރުންނާއެކު ފާހަގަ ކުރަނީ - ފޮޓޯ: އިޔާދު އަބްދުއްވައްހާބު / އަދަދު


ދިވެހިން ތިބި ގޮތް ބޭރު ގައުމުތަކަށް މިހާރު ސާފުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

22 އޭޕްރީލް 2024 - 22:30 1

ރިޔާސީ އިންތިހާބަށް ފަހު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ތަކުރާރުކުރި ކާމިޔާބީއާއެކީ ދިވެހީން ތިބި ގޮތް ބައިނަލް އަގުވާމީ މުޖުތަމައަށް ސާފުވެގެން ގޮސްފި ކަމަށް ޕީއެންސީގެ ލީޑަރު އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ތާރީހީ ކާމިޔާބީ ފާހަގަ ކުރުމަށް މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ސަޕޯޓަރުންނާ އެކު ބޭއްވި ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުން ބޭނުންވާ ގޮތަކީ ބޭރުގެ ނުފޫޒުތަކުން ދުރުވެ ދިވެހީން، ދިވެހި ދައުލަތް ހިންގަންވާ ގޮތް ނިންމުން ކަމަށެވެ.

"ރާއްޖެއިން ބޭރުގެ ހުރިހާ ފަރާތްތަކަށް ވެސް މުޅި އިންޓަނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށް ވެސް މިހާރު ސާފުވާން ވާނެ. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ކަންކަން އަޅުގަނޑުމެން އަމިއްލައަށް ނިންމަންކަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވެސް ޕީއެންސީގެ ކެމްޕެއިން ސްޓްރެޓެޖީގެ މައިގަނޑު ފޯކަސްއަކީ ކުރިން އޮތް ސަރުކާރުގައި އިންޑިއާއަށް ގެންގުޅުނު ހާރިޖީ ސިޔާސަތަށެވެ. ދިވެހި ދައުލަތް ހިންގުމުގެ މައްޗަށް އެ ގައުމުގެ ނުފޫޒު އިންތިހާއަށް އޮތް ކަމަށް އޭރު ރައީސް މުއިއްޒު ވެސް ތުހުމަތު ކުރައްވަމުން ގެންދެވި އެވެ.

މަޖިލިސް އިންތިހާބުގައި ވެސް އެމަނިކުފާނު ތަކުރާރުކޮށް ދެއްކެވި ވާހަކައަކީ އެމަނިކުފާނުގެ ވާދަވެރިން މަސައްކަތް ކުރަނީ ގައުމުގެ އެންމެ މަތީ މަސްލަހަތު އިސްކޮށްގެން ނޫން ކަމަށެވެ. ވާދަވެރި އެމްޑީޕީއަކީ ގައުމުގެ ދުޝްމިނުންގެ ގޮތުގައި، އެމަނިކުފާނު ސިފަކުރެއްވި އެވެ.

މިރޭ ވިދާޅުވީ ދިވެހިން ބޭނުންވާ ގޮތް ބޭރު މުޖުތަމައަށް ފެނިގެން ގޮސްފި ކަމަށެވެ.

"... [ދިވެހިން ތި ގޮތް] އަޅުގަނޑުމެން އެތެރޭގައި ތިބި އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ސާފުވެވަޑައިގަންނަވާނެ،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މަޖިލީހުގެ ސާފު މެޖޯރިޓީ ދިނުމަށް ފަހު ދިވެހިން އެދިގެން އައި ކަންކަން އަދި ސަރުކާރުގެ ވައުދުތައް ފުއްދުމުގެ މަސައްކަތް އެމަނިކުފާނާއި އެމަނިކުފާނުގެ ޓީމުން ދެން ކުރިއަށް ގެންދާނެ ކަމަށެވެ. ސަރުކާރުން ގެންގުޅޭ ވަތަނީ ރޫހުގައި ވާދަވެރިންނާއި ސިޔާސީ ފިކުރު ތަފާތު މީހުން ތިބުމަށް މިރޭ ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ.

ވަތަނިއްޔަތުގެ ފަލްސަފާއެއް ކަމަށް ބުނެ ރައީސް މުއިއްޒުގެ އެންމެ ބޮޑު ރިޔާސީ ވައުދަކީ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމާއި ދެކުނު ކަނޑުގެ ސަރަހައްދުން މޮރިޝަސްގެ ސަރަހައްދެއް ގޮތުގައި އިޓްލޮސް އިން ހުކުމްކުރި ސަރަހައްދު ރާއްޖެއަށް އަނބުރާ ހޯދުމެވެ.

އިންޑިއާގެ އަސްކަރިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ތިން ވައިގެ އުޅަނދުގެ އޮޕަރޭޝަންތަކަށް އެ ގައުމުގެ ސިފައިން މި ތަނުގައި ގާއިމުވެ ތިބި އިރު ސިފައިން ފޮނުވާލުމަށް އެއްބަސްވުމެއްގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެ އެއްބަސްވުން ސަރުކާރުން ހާމައެއް ނުކުރެ އެވެ. ގައުމީ ސަލާމަތާ ގުޅުން ހުރި މައުލޫމާތުތައް އޭގައި ހިމެނޭ ކަމަށް ބުނެ އެވެ. އެ އެއްބަސްވުމުގެ ދަށުން ސިފައިންގެ ދެ ބެޗެއް ފޮނުވާލި ނަމަވެސް ސިފައިންގެ ބަދަލުގައި އިންޑިއާގެ މަދަނީ ހިދުމަތްތެރިން އުޅަނދުތަކުގެ އޮޕަރޭޝަނަށް ވަނީ ގެނެސްފަ އެވެ.