Advertisement

ވޯޓުލުން ކުރިއަށް ދަނިކޮށް ރަސްދޫ އަތޮޅު ފަޅުގެ އުތުރުން ބައެއް ތޮއްޑޫ އަދި ރަސްދޫއަށް ދީފި

21 އޭޕްރީލް 2024 - 12:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ތޮއްޑޫ އަދި ރަސްދޫގެ އިހުތިސޯސްގައި ހިމެނި ސަރަހައްދު - ގްރެފިކްސް: ރައްޔާން މުހައްމަދު / އަދަދު


ވޯޓުލުން ކުރިއަށް ދަނިކޮށް ރަސްދޫ އަތޮޅު ފަޅުގެ އުތުރުން ބައެއް ތޮއްޑޫ އަދި ރަސްދޫއަށް ދީފި

21 އޭޕްރީލް 2024 - 12:44 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށް ދަނިކޮށް އއ. ރަސްދޫ އަތޮޅުގެ އުތުރުން އޮންނަ ފަޅުގެ ބައެއް އެ އަތޮޅު ތޮއްޑޫ އަދި ރަސްދޫއަށް ދީފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރު، ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައިވަނީ މިއަދު ހެނދުނު 11:28 ގަ އެވެ. ގަރާރުގައި ތޮއްޑޫގެ އިހުތިސާސްގެ ތެރޭގައި ހިމަނާފައިވާ ފަޅުގެ ބަޔަކީ އެ ރަށުގެ ދެކުނަށް 11.4 ކިލޯމީޓަރު ދުރުގައި އޮތް ފަޅެކެވެ.

ގަރާރުގައި ބުނާ ގޮތުން އެ ފަޅުގެ އުތުރުން އެންމެ އިރުމަތިން 200 ހެކްޓަރުގެ ސަރަހައްދެއް ތޮއްޑޫއަށް ދީފައިވެ އެވެ. އެއާ ޖެހިގެން އޮތް 200 ހެކްޓަރުގެ ސަރަހައްދު ރަސްދޫގެ އިހުތިސާސްގައި ވަނީ ހިމަނައިފަ އެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމް "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ފަޅު ތޮއްޑޫގެ އިހުތިސާސްގައި ހިމެނުމަށް ކައުންސިލުން އެދިފައިވާ ކަމަށެވެ. އެއީ ތޮއްޑޫގެ ބިމުގެ އިތުރުން އެ ރަށުގެ އިހުތިސާސަށް އެންމެ ކައިރިން ލިބޭނެ ފަޅު ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަކި ހާއްސަ ޕްލޭނެއް، އެ ފަޅުން ދެން ސަރުކާރުން ހުއްދަ ދިން ރަނގަޅު މަސައްކަތެއް، ތަރައްގީއެއް ހޯދައިގެން، ތޮއްޑުއަށް ފައިދާވާނެ ކޮންމެ ވެސް ކަންކަމެއް ހަމަޖެއްސުން،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކަރަމް ވިދާޅުވި އެވެ.

ސަރުކާރު ގެޒެޓުގައި އެ ދެ ގަރާރު ޝާއިއުކޮށްފައިވާއިރު މިއީ އިންތިހާބާ ދިމާކޮށް ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވާ ދުވަހެކެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން ކަނޑައަޅަން ބާއްވާ އިންތިހާބު ކުރިއަށް ދަނިކޮށް ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއް މިއަދު ނެރުއްވި އިރު މިދިޔަ ހަފުތާގެ ތެރޭގައި އިތުރު ހަ ރަށެއްގެ އިހުތިސާސް ބޮޑު ކުރުމަށް ގަރާރު ނެރުއްވާފައިވެ އެވެ.

އޭގެ ތެރޭގައި އަރި އަތޮޅުގެ ދެ ބިތުގެ ރަށްރަށް ހިމެނެ އެވެ. އެ ރަށްރަށް ހިމެނޭހެން އަރިއަތޮޅު ދެ ބިތުގެ ފަސް ރަށުގެ އިހުތިސާސްގެ ތެރޭގައި އިތުރު ރަށް ނުވަތަ ފަޅު ހިމަނާފައިވެ އެވެ.

  • އއ. އުކުޅަހަށް ގަލަގިލި ފަޅު (އޭޕްރީލް 17)
  • އއ. ބޮޑުފޮޅުދޫއަށް ވެލިދޫދިއްގާ ފަޅު (އޭޕްރީލް 15)
  • އދ. މަހިބަދޫއަށް މާފަރުފަޅު (އޭޕްރީލް 16)
  • ހއ. ތުރާކުނަށް ވާގަރު (އޭޕްރީލް 17)
  • މ. މުއްޔަށް ބޯހުރާ (އޭޕްރީލް 18)
  • ނ. މާފަރަށް ކަނޑިންމާހުރާ (އޭޕްރީލް 15)