Advertisement

ތުލުސްދޫ ގޮނޑިއަކީ ބަސް އިއްވޭ، ބަސް ވިކޭ ގޮނޑިއަކަށް ހަދަން އަމީރު މަޖިލީހަށް!

20 އޭޕްރީލް 2024 - 17:42 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ތުލުސްދޫ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހިމް އަމީރު


ތުލުސްދޫ ގޮނޑިއަކީ ބަސް އިއްވޭ، ބަސް ވިކޭ ގޮނޑިއަކަށް ހަދަން އަމީރު މަޖިލީހަށް!

20 އޭޕްރީލް 2024 - 17:42 1

ގައުމެއް ހަމަ މަގުގައި ހިފެހެއްޓުމަށް ވަރުގަދަ އިގުތިސޯދަކާއި، ހަރުދަނާ މާލީ ނިޒާމެއް މުހިއްމެވެ. މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ގޮނޑިއަށް، ކުރީގެ ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު ވާދަ ކުރައްވަން ނިންމެވީ "ގޮނޑި ހޫނު" ކުރުމުގެ ބަދަލުގައި، މާލީ، އިގުތިސާދީ އަދި ހިންގުމުގެ ތަޖުރިބާއާއެކު، އެ ދާއިރާ އަށާއި މުޅި ގައުމަށް ހިދުމަތް ކުރުމަށެވެ.

"ކާފު އަތޮޅުގެ ވެރިކަންކުރާ ރަށް މި ދާއިރާގައި އޮތަސް، ދާއިރާގެ ސިޔާސީ ބާރުވެރިކަން އެހެން ދާއިރާތަކާ އަޅައި ބަލާއިރު ދަށް. ސިޔާސީ ކަންކަމުގައި ތުލުސްދޫ ދާއިރާގެ ބަސް މާ ބޮޑަކަށް ނުވޭ. އަހަރެންގެ އަމާޒަކީ ތުލުސްދޫ ދާއިރާއަކީ މަޖިލީހުގައި ބަސް އިއްވޭ، ބަސް ވިކޭ ގޮނޑިއަކަށް ހެދުން. އެ ޔަގީންކަށް އެބަ އޮތް،" އަމީރު ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާއަކީ އެމްޑީޕީއަށް މީގެ ކުރިން ދޯޅު ދާއިރާއެއް ނޫނެވެ. ޑީއާރުޕީ އާއި ޕީޕީއެމްގެ މެމްބަރުން އެ ދާއިރާ ތަމްސީލުކުރި އެވެ. އެ ދާއިރާގައި މިހާރު ހުންނެވީ އަމިއްލަ ގޮތުން ވާދަ ކުރައްވައި ގޮނޑި ކާމިޔާބު ކުރެއްވުމަށް ފަހު، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޕީއެންސީއަށް ބަދަލުވެފައިވާ މެންބަރެކެވެ.

ކުރީގެ ރައީސް ސޯލިހު އަދި އަމީރު


"މިހާތަނަށް މި ދާއިރާއަށް މާ ބޮޑު ހެވެއް، މޮޅެއް ލިބިފައެއް ނެތް. އެހެންވީމަ އެމްޑީޕީގެ މެންބަރަކަށް މިފަހަރު މި ދާއިރާ ލިބިގެން ދިޔުމަކީ މުޅި ދާއިރާއަށް ވެސް އެންމެ ފައިދާ ހުރި ގޮތް،" މާލީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވިއިރު ވެސް ނަން ވަނައިގައި ފާސްވެފައިވާ އަމީރު ވިދާޅުވި އެވެ.

އުމުރުން 34 އަހަރުގައި، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ފިނޭންސް މިނިސްޓަރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ތަޖުރިބާކުރައްވަން ޖެހުނީ، މިހާތަނަށް ދުނިޔެ ތަޖުރިބާކުރަން ޖެހުނު، ހާއްސަކޮށް ރާއްޖެ ތަޖުރިބާކުރި އެންމެ ބިރުވެރި، އަދި އިގުތިސޯދަށް އެންމެ ގެއްލުން ލިބުނު ކޮވިޑު 19 ބަލިމަޑުކަމެވެ.

ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް މި ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު އިގުތިސޯދު ފުލުގައި ޖެހުނުއިރު، އެ ތަދުމަޑުކަމުގެ ހިތި އިހުސާސް ކުރިޔަ ނުދީ ހިފެހެއްޓުމުގެ އެއް މޭސްތިޔަކީ އަމީރެވެ. ކުރީގެ ސަރުކާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަޝްވަރާގެ މަތިން، ދައުލަތުގެ މާލީކަންކަން އިސްވެ މެނޭޖުކުރެއްވީ އަމީރެވެ.

"މިހާރު މި އޮތީ ގައުމު ރަނގަޅު ހާލަތެއްގައި. ކުރީގެ އެ ކަންކަމެއް އިހުސާސެއް ވެސް ނުވެއެންނު،" އަމީރު ފަހުރުވެރިވެލާފައި ބުނެލި އެވެ.

މަޖިލީހުގެ ކޮމިޓީއެއްގައި އަމީރު ފިނޭންސް މިނިސްޓަރުގެ ހައިސިއްޔަތުން ޖަވާބުދާރީ ވަނީ


ކޮވިޑުގެ ހާލަތާ ގުޅިގެން އަވައްޓެރި ސްރީ ލަންކާ އާއި ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ އިގުތިސާދު ފުނޑުފުނޑުވެގެން ދިޔައިރު، ރާއްޖެ އެ ދަރަޖައަށް ނުދިޔައީ އޭރު ސަރުކާރުން ބުއްދިވެރި، ރަނގަޅު މަސައްކަތްތަކެއް ކުރެވިގެންނެވެ. އެކަންކަން ރާވައި، ހިންގި އެކަކީ އަމީރެވެ. އޭރު ކުރަމުން ދިޔަ ބައެއް ކަންކަމަށް މިހާރު އޮތް ޕީއެންސީ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފާޑުކިޔަސް، ކޮވިޑުގެ ދަތިކަން، ބަނޑަށް އިހުސާސް ނުވިކަމަށް ޝުކުރު ކުރަންޖެހެ އެވެ.

ފާޑުކިޔާ ބައެއް ފަރާތްތަކުން އަމީރުގެ މައްޗަށް ތުހުމަތުތަކެއް ކުރަމުން ދިޔަސް، އަމީރު ދެއްވާ ޔަގީން ކަމަކީ އޭނާ ގާނޫނާ ހިލާފު، އަދި ކޮރަޕްޓު އެއްވެސް އަމަލެއްކޮށްފައި ނުވުމެވެ. ފެށުނީއްސުރެ އޭނާ އުޅެމުން އައީ އާދައިގެ ދިރިއުޅުމެކެވެ. މިނިސްޓަރަކަށް ވުމުން، އެ އުޅުމާއި ގުޅުމަށް ބަދަލެއް ނާދެ އެވެ. ދެން ވެސް ފެންނާނީ އެ އަމީރު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ މަޖިލީހަށް ވަންނަނީ ހަމައެކަނި ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ހެޔޮ ނިޔަތާއެކު އެވެ. އާ ގާނޫނު އަސާސީގެ ދަށުން ވޭތުވެދިޔަ ތިން މަޖިލީސް އެއްކުރެވުނުއިރު ވިޔަފާރި މަސްލަހަތު ހިމާޔަތް ކުރުމަށް ބައެއް މެންބަރުން މަސައްކަތް ކުރެއްވިތަން ފެނިގެން ދިޔަ އެވެ.


"އަހަރެން އޮންނާނީ ހަމައެކަނި ދާއިރާގެ މަސްލަހަތު. އަހަރެންނަކީ ވިޔާފާރި ކުރާ މީހެއް ނޫން. އެހެންވީމަ ހިމާޔަތް ކުރާނެ ވިޔަފާރި މަސްލަހަތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

އަމީރުގެ ސިޔާސީ މަސައްކަތް ފެށިގެން ދިޔައީ 2013 ވަނަ އަހަރު އެމްޑީޕީންނެވެ. އެންމެ ބޮޑު ސިޔާސީ ޕާޓީގެ މެނިފެސްޓޯތަކާއި އިގުތިސޯދީ ސިޔާސަތުތައް އެކުލަވާލުމުގައި އަމަލީ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. އަމީރުގެ އަޒުމަކީ މިއެވެ. އޭނާ ޕާޓީއެއް ބަދަލެއް ނުކުރާނެ އެވެ. ރައްޔިތުންގެ އިތުބާރު އޮތް، ބަސްވިކޭ ގޮނޑިއަކަށް ތުލުސްދޫ ގޮނޑި ހަދާނެ އެވެ.