Advertisement

އިންތިހާބާ ދިމާކޮށް އެމްޕީއެލްގެ ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން!

20 އޭޕްރީލް 2024 - 09:21 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާލޭ ވިޔަފާރި ބަނދަރު: ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހާ ދިމާކޮށް އެމްޕީއެލްއިން 500 ވަރަކަށް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށްވޭ. -- ފޮޓޯ: އަދަދު


އިންތިހާބާ ދިމާކޮށް އެމްޕީއެލްގެ ގިނަ މުވައްޒަފުންތަކަކަށް ޕްރޮމޯޝަން!

20 އޭޕްރީލް 2024 - 09:21 0

މާދަމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް މޯލްޑިވްސް ޕޯސްޓު ލިމިޓެޑު (އެމްޕީއެލް) އިން ގިނަ މުވައްޒަފުންތަކަކަށް ވަޒީފާގެ ކުރިއެރުން ދީފި އެވެ.

"އަދަދު" ނޫހާ ވާހަކަ ދެއްކި، ސަރުކާރުގެ ޕަސެންޓު ހިއްސާ އޮންނަ, 2000 އަށް ވުރެ ގިނަ މުވައްޒަފުން އުޅޭ އެމްޕީއެލްއިން ވާހަކަ ދެއްކި ބައެއް މުވައްޒަފުން ކަށަވަރުކޮށްދިން ގޮތުގައި ވަޒީފާގެ ކުރިއެރުން ދިން މުވައްޒަފުންގެ 500 އަށް އަރާނެ އެވެ.

"ވަރަށް ގިނަ މީހުންނަށް ދަނީ ޕްރޮމޯޝަން ދެމުން. އެކަމުގެ ސީދާ މައުލޫމާތެއް މުވައްޒަފުންނަށް ވެސް ހާމައެއް ނުކުރޭ. ނަމަވެސް އަޑުތައް ހުރި ގޮތުން 500 އާ ގާތްކުރާ އަދަދަކަށް މުވައްޒަފުންނަށް ޕްރޮމޯޝަން ދީފި،" އަދަދު ނޫހާ ވާހަކަ ދެއްކި މުވައްޒަފަކު ވިދާޅުވި އެވެ.

އެހެން މުވައްޒަފަކު ބުނީ ޕްރޮމޯޝަން ދިނުމުގެ އިތުރުން، ސަރުކާރުން ތާއިދުކުރާ ކެންޑިޑޭޓުންނަށް ފަހިވާ ގޮތަށް އާ ވަޒީފާ އުފެއްދުމާއި އާ މުވައްޒަފުން ނެގުން މި ދުވަސްވަރު ކުރިއަށް ގެންދާ ކަމަށެވެ.

މިކަންކަމާ ގުޅޭ ގޮތުން އެމްޕީއެލްއިން ބަހެއް ނުބުނެ އެވެ.

އިންތިހާބަށް އެ ކުންފުނިން އުފެއްދި ވަޒީފާތަކުގެ ތެރޭގައި ލ. ގާދޫ ވިޔަފާރި ބަނދަރުގެ އިދާރީ އެކި މަސައްކަތްތައް ކުރަން ކަމަށް ބުނެ އުފެއްދި ވަޒީފާތައް ހިމެނެ އެވެ.

އެ ވަޒީފާތަކަށް މީހުން ހޯދަން އިއުލާނުކޮށް، ލ. ފޮނަދޫގައި އިންޓަވިއު ކުރިއަށް ގެންދިޔައިރު، އެ މަޝްރޫއުގެ އަމަލީ އެއްވެސް މަސައްކަތެއް ނުފަށެވެ. ލ. ކައްދޫގައި އޮންނަ އެއާޕޯޓު އިތުރަށް ތަރައްގީ ކުރުމަށާއި ލ. ގާދޫގައި އިންޓަގްރޭޓެޑް މެރިޓައިމް ހަބެއް ގާއިމުކުރުމުގެ ޗައިނާ ކުންފުންޏަކާ އެކު އެމްޕީއެލްއިން ސޮއިކުރީ ވެސް އޭގެ ފަހުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ބާކީ އެންމެ ދުވަހެއް އޮތްއިރު ގިނަ ކުންފުނިތަކަކުން އަވަސް އަރުވާލައިގެން "ސިލެކްޓެޑް މުވައްޒަފުންނަށް" ޕްރޮމޯޝަން ދީފައިވާކަން "އަދަދު" ނޫހަށް ލިބިފައިވާ މައުލޫމާތުތަކުން ވަނީ ޔަގީން ކުރެވިފަ އެވެ.

އެކި މަސްދަރުތަކުން ބުނި ގޮތުގައި މިފްކޯގެ 100 އަށްވުރެ ގިނަ މުވައްޒަފުންނާއި, ސްޓެލްކޯގެ 60 އަށްވުރެ ގިނަ މުވައްޒަފުންނާއި, ފެނަކައިގެ 100 އާ ގާތް ކުރާ އަދަދެއްގެ މުވައްޒަފުންނާއި, އެމްއޭސީއެލް އަދި އެޗްޑީސީގެ ގިނަ މުވައްޒަފުންތަކަކަށް ވެސް މި ހަފުތާގައި ވަނީ ޕްރޮމޯޝަން ދީފަ އެވެ.

އިންތިހާބުގައި ވާދަކުރާ ސަރުކާރުގެ ކެންޑިޑޭޓުން ހޮވުމުގެ ބޭނުމުގައި މި ސަރުކާރުން ވެސް ނަހަމަ ގޮތުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރަމުން އަންނަ ކަމުގެ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ވަނީ ގޮވާލައިފަ އެވެ.

އަންނަ ހަފުތާގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް ވަޒީފާއަށް ބިރާއި ނުފޫޒު ފޯރުވާތީ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް އެޗްއާރްސީއެމްއިން ވެސް ވަނީ ގޮވާލައިފަ އެވެ.

އެކަމަކު މި މައްސަލަތައް ބަލައި ފިޔަވަޅެއް އެޅިކަން އެންޓި ކޮރަޕްޝަންސް ކޮމިޝަންއިން ހާމައެއް ނުކުރެ އެވެ.