19 އޭޕްރީލް 2024 - 15:44 3
ސާއިފް ޝިޔާދު
ހައުސިން މިނިސްޓަރު ހައިދަރު އަދި އެމްޓީސީސީގެ ސީއީއޯ ޒިޔާދު ބިންގާ އަޅައިދެއްވަނީ. މި އިމާރާތްތަކުގެ ކުރެހުންތައް ވެސް އަދި ފާސްކޮށްފައި ނުވާނެ --- ފޮޓޯ: ހައުސިން މިނިސްޓްރީ
19 އޭޕްރީލް 2024 - 15:44 3
މ. ދިއްގަރުގައި 75 ހައުސިން ޔުނިޓު އެޅުމަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހައުސިން މިނިސްޓްރީން ހަވާލުކުރިތާ ހަގަޑިއިރު ނުވަނީސް އެ ރަށަށް ދަތުރުކޮށް އެ މަޝްރޫއުގެ ބިންގާ އަޅަައިފި އެވެ.
މާލޭގައި ހުންނަ ހައުސިން މިނިސްޓްރީގެ އޮފީހުގައި އެ މަޝްރޫއުގައި ސޮއިކުރި ކަމަށް އެ މިނިސްޓްރީން ހާމަކުރީ އިއްޔެ ހެނދުނު 11:00 ގަ އެވެ. ނަމަވެސް, އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރަށުގައި ވަނީ މަޝްރޫއުގެ ބިންގާ އަޅާފަ އެވެ.
ހައުސިންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރީ އެމްޓީސީސީގެ ސީއީއޯ އަބްދުالله ޒިޔާދު އަދި އެ މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެ ތަނުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު އަދި ދިއްގަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓު އަހްމަދު ނާޒިމް ތިއްބެވި އެވެ.
ހައުސިން މިނިސްޓްރީން މީޑިއާތަކާ ހިއްސާކުރި މައުލޫމާތުތަކުން އެނގޭ ގޮތުގައި 117 މިލިއަން ރުފިޔާގެ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑްގެ އުސޫލުންނެވެ. މާނައަކީ މި ފްލެޓުތައް އެޅުމުގެ ކުރިން ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރާނީ އެމްޓީސީސީންނެވެ.
ބިންގާ އެޅިއިރު ފްލެޓުތަކުގެ ޑިިޒައިން މަރުހަލާއަށް ހަގަޑިއިރަށް ވުރެ މަ ގިނަ ވަގުތު ހޭދަވާނެކަން އެނގެ އެވެ. އޭގެ އިތުރުން އެއަށް ފަހު ފްލެޓުތަކުގެ ޑިޒައިންތަކާއި ކުރެހުންތައް އެޕްރޫވް ކުރުމާއި, ސައިޓުގެ އީއައިއޭ ހެދުމާއި އަދި ނަގަން ޖެހޭ ހުއްދަތައް ނެގުމަށް ވެސް ހަގަޑިއިރަށް ވުރެ މާ ގިނަ ވަގުތު ހޭދަވާނެ އެވެ.
ދިއްގަރުގައި އެ މަޝްރޫއުގެ ބިންގާ އެޅީ ޒިޔާދު އާއި ހައިދަރު އެވެ. އެތަނުގައި ވެސް ޕީއެންސީގެ ކެންޑިޑޭޓު އަދި ކުރީގެ އެ ދާއިރާގެ މެމްބަރު ނާޒިމް ހުންނެވި އެވެ. އޭނާއަކީ ސަރުކާރުގެ މަގާމެއް ފުރުއްވާ ބޭފުޅެއް ނޫނެވެ.
އާންމު ގޮތެއްގައި ބިންގާ އަޅަނީ އަމަލީ މަސައްކަތް ފެށުމުގެ ރަމްޒެއްގެ ގޮތުންނެވެ. މި މަޝްރޫއުގެ ޑިޒައިން މަރުހަލާ ފުރިހަމަ ނުވަނީސް އަމަލީ މަސައްކަތް ފެށުމަށް ރަސްމިއްޔާތެއް ބޭއްވުމަކީ އިންތިހާބަށް ކަޑަޖެހުމުގެ ގޮތުގައި ބައެއް ފަރާތްތަކުން ވަނީ ސިފަކޮށްފަ އެވެ.
ސަރުކާރުން އިންތިހާބާ ދިމާކޮށް ކަޑަޖަހާ މައްސަލައިގައި ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް، އެކަން ހުއްޓާލަން ސަރުކާރަށް ގޮވާލާފަ އެވެ.
Comment