19 އޭޕްރީލް 2024 - 11:05 0
ބުރު ސްޕޯޓްސް ކްލަބްގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
19 އޭޕްރީލް 2024 - 11:05 0
އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖްގެ ފައިނަލްގައި ރޭ ކްލަބް ކާސިންޖީ (ސީކޭ) އަތުން ސީދާ ދެ ގޭމުން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ. މިއީ ބުރު ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ތިން ވަނަ ފަހަރެވެ.
ބުރު މީގެ ކުރިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ 2007 އަދި 2018 ވަނަ އަހަރެެވެ.
ފައިނަލަށް ބުރު ދަތުރުކުރީ މިރޭ ކުޅުނު ސެމީ ފައިނަލްގައި ޔުނައިޓަޑް އީސްޓް ކޯސްޓް އަތުން ސީދާ ދެ ގޭމުން މޮޅުވެގެނެވެ. ސީކޭ ފައިނަލަށް ދަތުރުކުރީ ސެމީގައި ޖޭކޭ ސްޕޯޓްސް އަތުން ދެ ގޭމުން މޮޅުވެގެނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ގޭމުގައި ބުރު ކުޅެން ނުކުތީ ބޭރުންނެވެ. ވަރުގަދަކޮށް އޮތް ސީކޭ އިން ކުރީކޮޅު ގޭމު ކޮންޓުރޯލްކުރި ނަމަވެސް، ވަކި ހިސާބަކުން ބުރުގެ ކުޅުންތެރިން ހިފަހައްޓަން އުނދަގޫވިިއެވެ. އަދި ގޭމުގައި ބާކީ ދޮޅު މިނިޓެއްހާއިރު އޮއްވައި، ބުރުން ވަނީ އެ ޓީމު ކޮޅަށް މެޗު އަނބުރާލައިފައެވެ. ތަފާތު ދެއްކީ މި އަހަރުގެ މުބާރާތުގެ މިސްޓަ ބައިބަލާގެ މަގާމު ހޯދި ބުރުގެ މުހައްމަދު މިރުސާލް ޔާސިރެވެ.
މިސްޓަ ބައިބަލާގެ މަގާމު ހޯދި މިރުސާލް ތަށި ހިފައިގެން.--- ފޮޓޯ: ބައިބަލާ އެސޯސިއޭޝަން
ދެ ވަނަ ގޭމުގައި ސީކޭ އިން ބޭރުން އަރައި، މެޗު އަނބުރާލަން މަސައްކަތްކުރި ނަމަވެސް، ބުރުގެ އެތެރޭގެ ގޭމު ފެނުނީ މާ އޯގަނައިޒްކޮށެވެ. ވަގުތު ހަމަވިއިރު، މި ގޭމުން ބުރު ކުރި ހޯދީ 16-8 އިންނެވެ.
ކުރިން ބައިބަލާ މުބާރަތުގެ ގަދަ ފަސް ކުޅުންތެރިން ހޮވި ނަމަވެސް، މި އަހަރުގެ މުބާރާތުގެ ގަދަ 10 ކުޅުންތެރިން ނުވަތަ ޑްރީމް ޓީމު ވަނީ ހޮވައިފައެވެ. ޑްރީމް ޓީމުގައި މުބާރާތުގެ އެންމެ މޮޅު ކޯޗުވެސް ވަނީ ހިމަނައިފައެވެ.
ބައިބަލާ 2024ގެ ޑްރީމް ޓީމު:
މުހައްމަދު މިރުސާލް ޔާސިރު - ބުރު
މުހައްމަދު ސަޖަން - ސީކޭ
މުހައްމަދު ނަޒީފް ހަނީން - ޔުނައިޓަޑް އީސްޓް ކޯސްޓް
ސުމާމް ލަތީފު - ސީކޭ
އަލީ ވިޖުހާން (ވިޖޫ) - ސީކޭ
އަލީ ޝާފިއު (ބަސްއަހާ) - ސީކޭ
ހުސެއިން ސިމާޒް (ކޮކީ) – ޖޭކޭ ސްޕޯޓްސް
މުހައްމަދު ރިލުވާން (ބުޅާ މޯޑް) - ބުރު
އިބްރާހިމް ސަމީމް (ޝަންމި) - ސީކޭ
ވިޝާހް އަބްދުލް ލަތީފް - ސީކޭ
ކޯޗު:
މުހައްމަދު ޔާސިރު (ޔާންޓޭ) - ބުރު
މި އަހަރުގެ ބައިބަލާ މުބާރާތުގެ ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ސީކޭއެވެ.
Comment