Advertisement

އެމްޑީޕީގެ ނަޒޫ ނަސީމަށް ޕީއެންއެފްއިން ތާއީދުކޮށްފި

17 އޭޕްރީލް 2024 - 17:11 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން


އެމްޑީޕީގެ ނަޒޫ ނަސީމަށް ޕީއެންއެފްއިން ތާއީދުކޮށްފި

17 އޭޕްރީލް 2024 - 17:11 0

ފުވައްމުލަކު ދެކުނު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ޔޫތު މިނިސްޓަރު، އަހުމަދު މަހުލޫފުގެ އަނބިކަނބަލުން، ނަޒުރާ ނަސީމްއަށް ޕީއެންއެފުން ތާއީދުކޮށްފި އެވެ.

ޕީއެންއެފްގެ ވަގުތީ ސެނެޓު މެންބަރު އަދި އެ ޕާޓީގެ ލީޑަޝިޕުގައި ވެސް އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ސައިންސް މިނިސްޓަރު، މުހައްމަދު މަލީހު ޖަމާލް ވަނީ އެކަން "އަދަދު" އަށް ކަށަވަރު ކޮށްދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ޕީއެންއެފުން މުޅި ރާއްޖޭގައި ވެސް މަސައްކަތް ކުރަމުން ދަނީ "މުއިއްޒު ނޫން ގޮތެއް" ހޯދުމަށް ކަމަށެވެ.

"އާދެ، އާދެ، އަޅުގަނޑުމެން މުޅި ރާއްޖޭގައި ވެސް މަސައްކަތް ކުރަމުން މިދަނީ މުއިއްޒު ނޫން ގޮތެއް ހޯދަން،" މަލީހު ވިދާޅުވި އެވެ.

މިވަގުތު ކަނޑުމަތީގައި ހުންނެވުމުން އިތުރު ތަފުސީލެއް މަލީހު ނުދެއްވަ އެވެ.

ކުރީގެ ނައިބު ރައީސް، ފައިސަލް ނަސީމުގެ ކޮއްކޯފުޅު، ނަޒުރާ ނަސީމަށް ޕީއެންއެފުން ތާއީދު ކުރިއިރު، ފުވައްމުލަކު އުތުރު ދާއިރާއަށް ޕީއެންއެފްގެ ތާއީދާއެކު ވާދަކުރައްވާ މުހައްމަދު ޝަރަފުއްދީންއަށް އެމްޑީޕީން ވަނީ ތާއީދު ކޮށްފަ އެވެ. އެ ދާއިރާއަކީ އެމްޑީޕީން ވާދަ ނުކުރާ ދާއިރާއެކެވެ.

ފުވައްމުލަކަކީ ޕީއެންއެފް ލީޑަޝިޕުގެ ގިނަ މެންބަރުންތަކެއް ނިސްބަތްވެލައްވާ ރަށެވެ. އެގޮތުން އެ ޕާޓީ ހިންގުމުގައި އިސްކޮށް އުޅުއްވާ ޑރ. މުހައްމަދު ޖަމީލް އަހުމަދުއާއި މުހައްމަދު މަލީހު ޖަމާލުގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު ޝިފާގު މުފީދު ފާހަގަ ކޮށްލެވެ އެވެ.