Advertisement

ދާއިމީ އެޑްރެހުގެ މައްސަލަ ހައްލު ކުރަން މިއީ ރަނގަޅު ފުރުސަތެއް!

29 އޭޕްރީލް 2024 - 10:51 2

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ދާއިމީ އެޑްރެހުގެ މައްސަލަ ހައްލު ކުރަން މިއީ ރަނގަޅު ފުރުސަތެއް!

29 އޭޕްރީލް 2024 - 10:51 2

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަނެއްކާ ވެސް ފެންމަތިވީ ކުރިން ވެސް އޮތް "ދާއިމީ އެޑްރެހުގެ" ބޮޑު މައްސަލަ އެވެ. ދިރިނުއުޅުނު ނަމަވެސް އެމީހެއްގެ، ކާބަފައިން މާ ކުރިން ނިސްބަތްވި ރަށަށް ވޯޓުލާން މަޖުބޫރުކޮށްފައި އޮތް އޮތުމެވެ.

ރާއްޖޭގެ ނިޒާމު ރާވާފައި އޮތް ގޮތުން، މީހާ އުފަންވެ، އުމުރު ދުވަހު ވަކި ރަށެއްގައި އުޅުނު ނަމަވެސް އޭނާއަށް ވޯޓު ލެވެނީ "ދާއިމީ އެޑްރެސް" އޮތް ރަށަށެވެ. ތަރައްގީ އާއި އަސާސީ ހިދުމަތްތައް ވެރިކަން ހިންގާ މާލެއަށް ބައްކޮށްފައި އޮތުމުން، ދިވެހިންގެ ގިނަ ބައެއްގެ ހަގީގަތަކީ އެއީ އެވެ.

ދިވެހިރާއްޖޭގެ 186 ރަށުގައި މީހުން ދިރިއުޅުނު ނަމަވެސް 382،751 މީހުން ހިމެނޭ ދިވެހި އާބާދީގެ 161،108 މީހުން ޖަމާވެފައި މި އޮތީ އެންމެ 268 ހެކްޓަރުގެ ކުޑަކުޑަ މާލެއަށެވެ. މާލޭގައި މި އުޅެނީ މުޅި ދިވެހި އާބާދީގެ 42 ޕަސެންޓު މީހުންނެވެ.

އާދީއްތަ ދުވަހު ބޭއްވި އިންތިހާބުގައި ވެސް މާލެ، ވިލިމާލެ، ހުޅުމާލެއަށް ވޯޓުލާން 121،017 މީހުން ރަޖިސްޓްރީ ކުރި އެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ 284،663 މީހުންގެ ތެރެއިން 42 ޕަސެންޓު މީހުންނެވެ. ނަމަވެސް މާލެއަށް ވޯޓުލި ނަމަވެސް އޭގެ ތެރެއިން ގިނަ ބަޔަކީ ދިރިއުޅޭ ދާއިރާ ނޫން އެހެން ދާއިރާތަކުގެ މަންދޫބުން ހޮވުމަށް ވޯޓުލާންޖެހުނު މީހުންނެވެ.

ދާއިމީ އެޑްރެސް: ތަފާތު ކުރުމުގެ މިންގަނޑެއް، އުވާލަންޖެހޭ ކަމެއް

ދާއިމީ އެޑްރެސް އޮންނަ ތަނަކަށް ވޯޓުލުން މަޖުބޫރުކޮށްފައި އޮންނަ އޮތުމަކީ ތަފާތު ކުރުމެއް ކަމަށް ހައްގުތަކަށް ވަކާލާތު ކުރާ މީހުން، ކަމުގެ ތަޖުރިބާކާރުން އަދި ކަމުވޮށިގެންވާ ގިނަ ބަޔަކު ގަބޫލު ކުރެ އެވެ.

މި ނޫހަށް ކުރިން ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ މެންބަރު އިސްމާއިލް ހަބީބް ވިދާޅުވީ، ދާއިމީ އެޑްރެސް އޮންނަ ތަނަކަށް ވޯޓުލުމަކީ އޭނާ ވެސް ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

"އެތައް ދުވަހެއް ވަންދެން މަލޭގައި އުޅޭ މީހުން މި ވޯޓުލަނީ އޭނާ ރަޖިސްޓްރީވެފައި އޮންނަ ދާއިރާއެއްގެ މެމްބަރުން އިންތިހާބު ކުރަން. އެކަން އޮންނަންޖެހޭނީ އެގޮތަކަށް ނޫން. އެ ދާއިރާއެއްގައި ދިރިއުޅޭ މީހުން އެ ދާއިރާއަކަށް ވޯޓުލާންޖެހޭނީ،" މި ނޫހާ ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވި އެވެ.

އެމީހަކު އުޅޭ ތަނަށް ވޯޓުލުން ދޫކޮށްލާފައި މުޅިން އެހެން ތަނަކަށް ވޯޓުލުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އޮންނަ އުސޫލެއް ނޫން ކަމަށް ހަބީބް ފާހަގަ ކުރެއްވި އެވެ.

"ދުނިޔޭގެ އެއްވެސް ތަނަކު އޮންނަ ގޮތެއް ނޫން މިއީކީ. އަޅުގަނޑަށް ބެލި ނަމަވެސް ޔޫކޭގައި ވެސް އަޅުގަނޑުމެން ވޯޓުލާފައި މި ތިބީ. އެ ސިޓިއެއްގައި ދިރިއުޅޭ، ހިދުމަތް ހޯދާ މީހުންނަށް ހާއްސަވާނީ ބަސްބުނަން އެ ސިޓީއެއްގައި ބަސް ބުނުން،" އޭނާ ވިދާޅުވި އެވެ.

ދާއިމީ އެޑްރެހަށް ވޯޓުލުމުގެ އުސޫލު ކަމުގެ ތަޖުރިބާކާރުން ސިފަ ކުރައްވަނީ ބޮޑު ބޭއިންސާފެއްގެ ގޮތުގަ އެވެ.

"ވަރަށް ބޭއިންސާފު ކަމެއް އެއީ. އެ ރަށެއްގައި ދިރިއުޅޭ ބަޔަކު އެ ރަށެއްގައި ވޯޓުދޭންޖެހޭނީ. މިހާރު ބައެއް ރަށްރަށުގެ ކައުންސިލް ހުންނާނެ އެ ރަށުގައި ދިރިނުއުޅޭ މީހުންގެ ވޯޓުން ވެސް ހޮވާފަ. އެ ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް އެ ރަށުގެ ކަންތައްތަކާ ރަށުގެ ހާލަތާ އެނގޭނީ. ރަށުގައި ދިރިނުއުޅޭ ބަޔަކަށް އެކަންތައްތަކެއް ނޭނގޭނެތާ،" ދާއިމީ އެޑްރެހުގެ މައްސަލައިގައި ވަރަށް ބޮޑަށް ވަކާލާތުކޮށްފައިވާ މުހައްމަދު ނަޒީފު ވިދާޅުވި އެވެ. "އެ ރަށަށް ގެއްލުމެއް ވިޔަސް، ފައިދާއެއް ވިޔަސް އެ ފައިދާއެއް ވެސް ގެއްލުމެއް ވެސް ވާނީ އެ ތަނެއްގައި ދިރިއުޅޭ ބަޔަކަށްތާ."

އެމީހާ ދިރިނުއުޅޭ ތަނަކަށް ވޯޓުލާން މަޖުބޫރުކޮށްފައި އޮތުން ޑިމޮކްރެޓިކް އުސޫލުތަކާ ވެސް ހިލާފު ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

"ވޯޓުލުމުގެ ވާހަކަ ދައްކާއިރު މި ބުނަނީ ޑިމޮކްރެޓިކް ސިސްޓަމެއްގައި ހުރިހާ ބާރުތަކެއް ފެށެނީ ރައްޔިތުންގެ ފަރާތުންނޭ. ރެޕްރެޒެންޓެޓިވް ޑިމޮކްރަސީއެއްގެ އެންމެ ބޮޑު އަސާސަކީ ރިޕްރެޒެންޓޭޝަންތާ. ހޮވޭ ބަޔަކު ތަމްސީލު ކުރަންޖެހޭނީ ރައްޔިތުންގެ ވިސްނުން. މިސާލަކަށް މުނިސިޕަލް ކައުންސިލެއްގެ އިލެކްޓަޑް އޮފިޝަލްސް ވާނެއޭ ރިޕްރެޒެންޓު ކުރަން އެތަނެއްގައި އުޅޭ މީހުން،" ސޯޝަލް ޑިވެލޮޕްމަންޓް ޕްރެކްޓިސްގެ ރޮނގުން ކިޔަވައިގެން ހުންނެވި މައުރިފާ ހަސަން މި ނޫހާ ކުރިން ވާހަކަ ދައްކަވަމުން ވިދާޅުވެފައިވެ އެވެ.

ދާއިމީ އެޑްރެސް އުވާލަން ރަނގަޅު ފުރުސަތެއް

ތަޖުރިބާކާރުން ބުނަނީ ދާއިމީ ދިރިއުޅޭ ތަން ދޫކޮށް ދާއިމީ އެޑްރެހަށް ވޯޓުލާންޖެހެނީ ގާނޫނުތައް އެގޮތަށް ފަރުމާކޮށްފައި އޮތުމުން ކަމަށެވެ. އެހެންކަމުން އެކަން ބަދަލު ކުރެވޭނީ ރައްޔިތުންގެ މަޖިލީހުން އެކަނި ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.

ދާއިމީ އެޑްރެހުގެ މައްސަލައިގައި މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގައި ވެސް ފުޅާކޮށް މަޝްވަރާ ކުރި އެވެ. ދާއިމީ އެޑްރެހަށް ވޯޓުލާންޖެހޭތީ އެ މައްސަލައަށް ހައްލެއް ގެންނަން އިލެކްޝަންސް ކޮމިޝަނުން ބަންޑާރަ ނައިބުގެ އޮފީހަށް ވެސް ހުށަހެޅި އެވެ.

"މި މައްސަލައަށް އަޅުގަނޑުމެން ވާނީ ލާމަރުކަޒީ ކޮމެޓީގައި ވެސް މަޝްވަރާކޮށްފަ. އެކަން އިސްލާހު ކުރަން ބަންޑާރަ ނައިބުގެ އޮފީހާ ވެސް މަޝްވަރާ ކުރިން،" ހަބީބު ވިދާޅުވި އެވެ.

އޭޕްރީލް 21، ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ތަފާތު ވިސްނުމުގެ ޒުވާން އެތައް މެންބަރުންނެއް މަޖިލިސް ކުރާ ގެއަށް އިންތިހާބުވެއްޖެ އެވެ. އޭގެ ތެރެއިން ބައެއް މެންބަރުންނަކީ ދާއިމީ އެޑްރެސް އުވާލަން ކުރިން ވަކާލާތުކޮށްފައިވާ ބޭފުޅުންނެވެ.

އޭގެ ތެރެއިން އެއް ބޭފުޅަކީ ހިތަދޫ މެދު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ޒުވާން މެންބަރު އަދި ކުރީގެ ނޫސްވެރިޔާ އަހުމަދު އަޒާން އެވެ. އެ މައުލޫގައި ވާހަކަ ދައްކަވަމުން އޭނާ ސޯޝަލް މީޑިއާގައި ވިދާޅުވެފައި ވަނީ ދާއިމީ އެޑްރެހަކީ އުވާލަންޖެހޭ އެއްޗެއް ކަމަށެވެ.

"އަޅުގަނޑުގެ ސްޓޭންޑަކީ އެއީ އަދިވެސް. އެކަމުގައި ކުރިއަށްދާނެ ގޮތްތަކެއް އެކްސްޕްލޯ ވެސް ކުރާނަން،" މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި އަޒާން ވިދާޅުވި އެވެ.

----

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބާރެއް އޮތީ ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ އަތުގަ އެވެ. މަޖިލީހުގެ ޖުމުލަ 93 ގޮނޑީގެ ތެރެއިން އެ ޕާޓީން 70 އަށް ވުރެ ގިނަ ގޮނޑި ކޮންޓްރޯލް ކުރާނެ އެވެ. އެހެންކަމުން، އަޒާން ފަދަ ޒުވާން ބޭފުޅުންގެ ވިސްނުމާއެކު، އެކަން ހައްލު ކުރުމަކީ ބޮޑު ކަމަކަށް ނުވާނެ އެވެ.

މުޅި އުމުރު މާލޭގައި ދިރިއުޅޭ މީހަކު، އެމީހަކު ދުވަހަކު ޒިޔާރަތް ވެސް، ނުވެސް އެނގޭ ރަށެއް ނުވަތަ ދާއިރާއެއް ތަމްސީލު ކުރާނެ މީހަކު ހޮވަން ވޯޓު ދިނުމަކީ އޭނާއަށް އަދި އެ ދާއިރާގެ ރައްޔިތުންނަށް ވެސް އިންސާފުވެރި ގޮތެއް ނޫނެވެ.

އެހެންކަމުން 20 ވަނަ ރައްޔިތުންގެ މަޖިލީހުން އެކަން ބަދަލު ކުރުމަކީ ކުރެވޭނެ ރަނގަޅު މަސައްކަތެކެވެ. އެއިރުން އެމީހަކު ވޯޓުލާނީ އެމީހަކު ދިރިއުޅޭ ތަނެއް ތަމްސީލު ކުރާނެ މެންބަރަކު ހޮވުމަށެވެ. ތަޖުރިބާކާރުންގެ ބަހުން އަދި ހަމަ ބުއްދިން ވިސްނާއިރު ވެސް އިންސާފުވެރި ގޮތަކީ އެއީ އެވެ. އެއީ، ތަހުޒީބީ މުޖްތަމައަކަށް ގެނައުން މުހިންމު ބަދަލެކެވެ.