Advertisement

އެއްބާރުލުން ނުދޭ ކަމަށް ބުނެ ކުޅުދުއްފުށި ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި

17 އޭޕްރީލް 2024 - 10:26 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


އެއްބާރުލުން ނުދޭ ކަމަށް ބުނެ ކުޅުދުއްފުށި ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި

17 އޭޕްރީލް 2024 - 10:26 0

މަސައްކަތަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ ހދ. ކުޅުދުއްފުށީ ސިޓީގެ ފެނަކަ ބްރާންޗުގެ ތިން މުވައްޒަފަކު ސަސްޕެންޑުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކަ ބްރާންޗުން ސަސްޕެންޑުކުރީ އެ ބްރާންޗާ ހަވާލުވެގެން ހުންނެވި އަބްދުލް ހަމީސް އިބްރާހިމްގެ އާއި އިތުުރު ދެ މުވައްޒަފެކެވެ.

ފެނަކައިގެ އެމްޑީ މުއާޒް މުހައްމަދު ރަޝީދު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ކުޅުދުއްފުށި ބްރާންޗުގެ ތިން މުވައްޒަފެއްގެ މައްސަލަ ބަލަމުންދާތީ 14 ދުވަހަށް ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.

މުވައްޒަފުން ސަސްޕެންޑުކުރީ މަސައްކަތަށް އެއްބާރުލުން ނުދިނުމާއި އިތުރު މައްސަލަތަކެއް ބަލަމުންދާތީ ކަމަށް މުއާޒް ވިދާޅުވި އެވެ. އެ މުވައްޒަފުންގެ މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަން ޖެހޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.

"އެއްބާރުލުން ނުދިނުމާއި ފާހަގަކުރެވިފައި ހުރި ވަރަށް ގިނަ މައްސަލަތަކާ ގުޅިގެން ސަސްޕެންޑުކުރީ. ބަލަމުންދާ މައްސަލަތަކެއްވާތީ އަދި ހާމަކުރެވެން ނެތް އެއީ ކޮން މައްސަލަތަކެއްކަން،" މުއާޒް ބުންޏެވެ.

ކުޅުދުއްފުށި ބްރާންޗުގެ ހިންގުން މިހާރު ހަވާލު ކޮށްފައި ވަނީ މަމްދޫހު އަލީއާ އެވެ. އެ ބްރާންޗުގައި މަސައްކަތް ކުރަމުން އަންނަ މަމްދޫހު އިއްޔެ ވަނީ ހިންގެވުމާ ހަވާލުވެފަ އެވެ.

ކުޅުދުއްފުށީގައި ޖެނެރޭޓަރަކަށް ދިމާވި މައްސަލައަކާގުޅިގެން އޯވަލޯޑްވެގެން ކަރަންޓުގެ މައްސަލަ ދިމާވާތާ މަހަކަށްވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ރަށުން ކޮންމެ ދުވަހަކު ވެސް އަންނަނީ ޝެޑިއުލްއެއް ނެރިގެން އެކި ހިސާބުތަކުން ކަރަންޓު ކަނޑަމުންނެވެ.

އެކަމަށް ހައްލު ގެނައުމަށް އާ ޖެނެރޭޓަރެއް ގެނެސް ކަރަންޓުގެ މުޅި މައްސަލަ ހައްލު ކުރުމަށް ފެނަކައިން އަންނަނީ މަސައްކަތް ކުރަމުންނެވެ.