Advertisement

ރޯދަމަހު ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިން ގޮތް ސަރުކާރުން ދިފާއުކޮށްފި

28 އޭޕްރީލް 2024 - 13:25 2

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސަައިން ފަހުމީ، މިއަދު ރައީސް އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެނީ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ ރޯދަމަހު ޑިސްކައުންޓް ދިނީ ރަނގަޅަށް ކަމަށް. ފޮޓޯ:ރައީސް އޮފީސް


ރޯދަމަހު ކަރަންޓު ބިލުތަކުން ޑިސްކައުންޓް ދިން ގޮތް ސަރުކާރުން ދިފާއުކޮށްފި

28 އޭޕްރީލް 2024 - 13:25 2

ކަރަންޓާއި ފެން ބޭނުންކުރާ މިންވަރު ރޯދަމަހު އިތުރުވެ، ބިލުތައް ބޮޑުވާތީ ރައްޔިތުންނަށް ލުޔެއް ދިނުމުގެ ގޮތުން، ބިލްތަކުން ލުޔެއް ދޭން ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް ޑިސްކައުންޓް ދީފައިވާ ކަމަށް ސްޓެލްކޯ އާއި ފެނަކައިން މިއަދު ބުނެފި އެވެ.

އާންމު މަސް މަހަށްވުރެ ގިނައިން ރޯދަ މަހު ކަރަންޓާއި ފެން ބިލަށް ފައިސާ އަރާތީ, އެކަމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފުތައް ލުއި ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓާއި ފެން ބިލު ކެޕް ކުރަން އަންގަވާފަ އެވެ. ނަމަވެސް ރޯދަ މަހު ބޭނުން ކުރި ފެނާއި ކަރަންޓަށްވާ ބިލުތައް މިހާރު އަންނަމުންދާއިރު އޭގައި ޑިސްކައުންޓެއް ނެތެވެ.

ބައެއް މީހުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ސްޓެލްކޯ އާއި ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުން ބައިވެރިކޮށްގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ޑިސްކައުންޓް ދިން ގިނަ ބިލުތައް ރޯދަމަހުގެ ބޮޑު ބަޔަކާ ދިމާވި ކަމަށެވެ. އެނޫން ގޮތެއް މެދުވެރިވީ މަދު ކޮންޒިއުމަރުންތަކަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވެސް ގަބޫލުުކުރަން ބައެއް ކޮންޒިއުމަރުން، ބިލިން ސައިކަލް ގައި ފޯލްވެފައި އެބަހުރި ރޯދަމަސް ތަންކޮޅެއް ކުޑަކޮށް، އެހެން ނަމަވެސް ޖުމްލަކޮށް އަޅުގަނޑުމެން ބަލައިލާ އިރު ގިނަ އަދަދެއްގެ ކޮންޒިއުމަރުންނަށް ބިލު ކުރެވިފައި މިހުރީ ރަނގަޅަށް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މުޅި ރޯދަމަހު ބޭނުންކުރި ކަރަންޓަށް ޑިސްކައުންޓް ލިބޭ ގޮތަށް ބިލިން ސައިކަލް ބަދަލުކުރުމަކީ އުނދަގޫ ކަމެކެވެ.

"ދެން ބިލިން ސައިކަލް މިހުންނަ ގޮތުންނެއް، އަޅުގަނޑުމެންނަށް އެހާ ފަސޭހަކަމެއް ނޫން، މާލޭގައި 48،000 ކޮންޒިއުމަރުންނަށް، ރޯދަމަސް ފެށޭ ދުވަހު ރީޑިން ނަގާފައި އަދި ނިމޭ ދުވަހު ރީޑިން ނަގާކަށެއް،" ފަހުމީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ނަމަވެސް ޑިސްކައުންޓް ދެވިފައި ހުރީ ރަނގަޅަށް ކަމަށް ސްޓެލްކޯއިން ދެކޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ސްޓެލްކޯއިން ރޯދަމަހަށް ދިން ޑިސްކައުންޓްގެ ޖުމްލަ 20 މިލިޔަން ރުފިޔާއަށް އަރަ އެވެ.

މާލެ ފިޔަވައި އެހެން ގިނަ ރަށްތަކަށް ކަރަންޓްގެ ހިދުމަތްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ފެނަކައިގެ ކޮންޒިއުމަރުންނަށް ފުރަތަމަ ފޮނުވި ބިލަކީ ފެބްރުއަރީ 25، އިން މާޗް 24، އާ ހަމައަށް އޮތް ބިލިން ސައިކަލްގެ ބިލު ކަމަށާއި ޑިސްކައުންޓް ދިނީ އެ ބިލަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ބިލްގައި ރޯދައިގެ ކުރީގެ ދުވަސްތައް ވެސް ހިމެނެ އެވެ.

"އެއީ ފުރަތަމަ ޑިސްކައުންޓް، މާނައަކީ އާއްމު މަސްތަކުގެ ރޭޓަށް ވުރެ އިތުރުވާ ބައި އަަޅުގަނޑުމެން ޑިސްކައުންޓް ކުރީ. އާއްމު މަސްތައް އަޅުގަނޑުމެން ޑިފައިންކޮށްފައި އޮންނާނީ ޔޫއާރްއެލް އިން [ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ] އިން އަޅުގަނޑުމެންނަށް ދިން ގައިޑްލައިނާ އެއްގޮތަށް،" މުއާޒް ވިދާޅުވި އެވެ.

އާއްމު މަހަކަށް ވުރެ ބޮޑު ނުވާތީ އެފަހަރުގެ ބިލުން ޑިސްކައުންޓް ނުލިބުނު ކޮންޒިއުމަރުން ތިބޭނެ ކަމަށާއި އޭގެ ފަހުން ފޮނުވި ބިލުތަކަށް 10 ޕަސެންޓް ޑިސްކައުންޓް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭ 35,906 މީހުންނަށް ޖުމްލަ 14.2 މިލިއަން ރުފިޔާގެ ޑިސްކައުންޓު ދިނެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރޯދަ މަހު ކަރަންޓާއި ފެން ބިލު ބޮޑުވާތީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"ރަމަޟާން މަހު އާންމުކޮށް ކަރަންޓް ބިލާއި ފެން ބިލް ވަރަށްބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ" މާޗް 4، ގައި ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.