Advertisement

ޒަވީ އަށް ގޯސްވީ ރެފްރީން

17 އޭޕްރީލް 2024 - 07:36 0


ޒަވީ އަށް ގޯސްވީ ރެފްރީން

17 އޭޕްރީލް 2024 - 07:36 0

ބާސެލޯނާ (އޭޕްރީލް 17) - ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެ ވަނަ ލެގުގައި ރޭ ޕީއެސްޖީ އަތުން އަމިއްލަ ދަނޑުގައި ބަލިވެ، މުބާރާުތުން ކެޓި މެޗުގައި ރެފްރީންގެ ފެންވަރުހުރީ ވަރަށް ދަށްކޮށް ކަމަށް ބުނެ، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ފާޑުކިޔައިފި އެވެ.

ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި މިދިޔަ ހަފްތާގައި ބާސެލޯނާ 3-2 އިން މޮޅުވި އެވެ. އެކަމަކު، ދެ ވަނަ ލެގުގައި ރޭ އެއް ކުޅުންތެރިއަކު މަދުކޮށް މެޗުގެ ބޮޑުބައި ކުޅުނު ބާސެލޯނާ ވަނީ 4-1 އިން ބަލިވެފަ އެވެ. އެހެންވެ، ބާސެލޯނާ ކަޓައި، ސެމީން ފުރުސަތު ލިބުނީ، އެގްރިގޭޓަށް ބަލާއިރު، 6-4 އިން ކުރިހޯދި ޕީއެސްޖީ އެވެ.

މި މެޗުގެ 29 ވަަނަ މިނިޓްގައި ބާސެލޯނާގެ ރޮނާލްޑް އަރައުހޯ އަށް ސީދާ ރަތް ކާޑެއް ދެއްކި އެވެ. އަނެއްކޮޅުން ޕީއެސްޖީން 61 ވަނަ މިނިޓްގައި ލީޑުނެގީ، ޕެނަލްޓީ އަކުންނެވެ. މި ނިންމުންތަކާ މެދު ޒަވީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. އަދި އެއް ފަަހަރު ހިތްހަމަނުޖެހިގެން، ޗެމްޕިއަންސް ލީގުގެ ބޯޑެއްގައި ފައިން ޖެހުމުން، ކާޑު ވެސް ދެއްކި އެވެ.

"ރެފްރީން ފެނުނީ ވަރަށް ވަރަށް ދަށްކޮށް، އަހަރެން މެޗަށް ފަހު ބުނިން އެ މީހުން ގާތުގައި، ވަރަށް ވަރަށް ދަށް ފެންވަރު ކޮށޭ ކަންކަން ފެނުނީ، އަހަންނަކީ މި ގޮތަށް ރެފްރީންގެ ވާހަކަ ދައްކަން ބޭނުންވާ މީހެއް ނޫން. އެކަމަކު، މުޅި ސީޒަނަށް ބެލިޔަސް އަހަރެެމެންނަށް މި ގޮތަށް ރެފްރީންގެ ފަރާތުން ދެރަ ލިބެމުން މި އަންނަނީ،" ޒަވީ ބުންޏެވެ.

ޒަވީ ބުނީ 11 ކުޅުންތެރިން ހަމަކޮށް މެޗުގައި ތިބި ވަގުތަށް ބަލާނަމަ ބާސެލޯނާ އަތުގައި މެޗުގެ ކޮންޓްރޯލް އޮތް ކަމަށެވެ.

"ރަތް ކާޑަކީ މެޗުގެ ނަތީޖާ އެނބުރުނު ހިސާބު. ވަރަށް އާދައިގެ ގޮތަކަށް ވަރަށް ފަސޭހައިން އެ ކާޑު ދައްކައިފި، އޭގެ ހާލަތުތައް އެހެން މެޗެއްގައި އައިސްގެން، އަހަރެމެންނަށް ފައިދާވާނަމަ އެ ނިންމުން ނާދޭ،" ޒަވީ ބުންޏެވެ.

އޭނާ ބުނީ، ރެފްރީގެ ނިންމުންތައް އައި ގޮތުންނާއި ކުޅުންތެރިއަކު މަދުކޮށް، ރަނގަޅު ޓީމަކާ ކުޅެން ޖެހުމުން ބާސެލޯނާ ކުޅުންތެރިންނަށް ވެސް އަމިއްލަ އަށް ގޯސްތަކެއް ހެދުނު ކަމަށެވެ.