Advertisement

ގުޅީފަޅު ހިއްކައި ނިމުނުކަން ރައީސް އަށް އެނގިވަޑައިނުގަންނަވާ، ވިދާޅުވީ މަސައްކަތް ކުރިއަށް ދާކަން!

17 އޭޕްރީލް 2024 - 00:39 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް ޑރ. މުހައްމަދު މުއިއްޒު


ގުޅީފަޅު ހިއްކައި ނިމުނުކަން ރައީސް އަށް އެނގިވަޑައިނުގަންނަވާ، ވިދާޅުވީ މަސައްކަތް ކުރިއަށް ދާކަން!

17 އޭޕްރީލް 2024 - 00:39 1

ބޯހިޔާވެހިކަން ދިނުމަށް ކުރީ ސަރުކާރުން ފެށި ގުޅީފަޅު މަޝްރޫއު ހިއްކައި ނިންމިކަން އިއުލާނުކޮށްފައި އޮއްވައި، އެފަޅު މިހާރު ވެސް ހިއްކަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޓިކެޓުގައި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ގުޅީފަޅު ބާރު ސްޕީޑުގައި ހިއްކަމުންދާ ކަމަށާއި، ވައުދުވި ގޮތަށް އެތަނުން ލިސްޓާ އެއްގޮތަށް ގޯތި ހަވާލުކޮށް ނިންމާނެ ކަމަށެވެ.

"ފޭސް ތިނެއްގައި ހިއްކަމުންދާތަން މިހާރު އެއޮށް ދަނީ ހިއްކަމުން ނޫންތޯ. ހިއްކާ ނިންމާނަން. ގުޅީ ފަޅުން ވެސް ހަމަ އެދަނީ ބާރު ސްޕީޑުގައި ހިއްކަމުން. ހަމަ އެތަނުން ވެސް ހަމަ ވައުދުވީ ގޮތަށް އެ ފައިނަލް ލިސްޓުގައި ގެޒެޓް ކުރި އެންމެންނަށް ގޯތި ހަވާލުކޮށް ނިންމާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ވިޔަފާރި ބަނދަރެއް އެޅުމަށާއި މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި ގުޅީފަޅުގެ ބިން ހިއްކުމުގެ މަޝްރޫއު އިއްޔެ އެއްކޮށް ނިމިފައިވާ ކަމަށެވެ.

ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ ގުޅީފަޅު ހިއްކުމުގެ މަޝްރޫއަކީ ޔޫރަޕުގެ ބޭންކުތަކަކުން ލޯނު ނަގައިގެން، ސަރުކާރުގެ ބަޖެޓުން ވެސް ހަރަދުކުރާ ގޮތަށް ނެދަލޭންޑްސްގެ ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގި މަޝްރޫއެކެވެ.

ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ބޭނުންކޮށްގެން އެ ފަޅުން 192 ހެކްޓަރު ހިއްކާފައިވެ އެވެ.

ކުރިން ގުޅީފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރާ ގޮތަށް އޮތް ނަމަވެސް މި ސަރުކާރުން ވަނީ ޕޯޓު ތިލަފުއްޓަށް ބަދަލުކޮށް ގުޅީފަޅު ދިރިއުޅުމުގެ ބޭނުންތަކަށް ހާއްސަކޮށްފަ އެވެ. އޭގެ އިތުރުން ސަރުކާރުން ވަނީ ގުޅީފަޅަށް 85 ހެކްޓަރުގެ ބިން އިތުރުކުރަން ނިންމާފަ އެވެ.

ސަރުކާރުން އޭރު ބުނީ، މިހާރު ކުރިއަށްދާ މަޝްރޫއު ނިމުމުން ގުޅީފަޅަށް އިތުރުކުރާ 85 ހެކްޓަރުގެ މަސައްކަތް ފެށިގެން ދާނެ ކަމަށެވެ.