Advertisement

ސްޓެލްކޯ ޓީމެއް ވެސް ފޮނުވައިގެން އެންމެ ފަހުން ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

15 އޭޕްރީލް 2024 - 21:44 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުޅުދުއްފުށި އިންޖީނު ގޭގެ އެތެރޭގައި ކަރަންޓު ކެނޑުނު މައްސަލަ ހައްލު ކުރުމުގެ ތެރޭގައި - ފޮޓޯ: ސްޓެލްކޯ


ސްޓެލްކޯ ޓީމެއް ވެސް ފޮނުވައިގެން އެންމެ ފަހުން ކުޅުދުއްފުއްޓަށް ކަރަންޓު ދީފި

15 އޭޕްރީލް 2024 - 21:44 0

މާލެ ސަރަހައްދާއި މާލެ އަތޮޅު ކައިރި ބައެއް އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯ ކުންފުނީގެ ޓީމެއް ވެސް ކުޅުދުއްފުށި ސިޓީއަށް ފޮނުވައިގެން ކުރި މަސައްކަތްތަކަކަށް ފަހު މުޅި އެ ސިޓީއަށް ކަރަންޓު ދީފި އެވެ.

ކުޅުދުއްފުށި ސިޓީއަށް ފޮނުވި ސްޓެލްކޯގެ ޓީމާއި އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނީގެ މުވައްޒަފުން ގުޅިގެން ކުރި މަސައްކަތުން މައްސަލަ ހައްލުކޮށް މުޅި ސިޓީއަށް ކަރަންޓު ދެވިފައިވާ ކަން، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ފޭސްބުކް ޕޯސްޓަކުން ހާމަކޮށްދެއްވި އެވެ.

"މިފަދަ ކޮންމެ ދަނޑިވަޅެއްގައި ގައުމީ ވާޖިބެއް ކަމުގައި ދެކި ސްޓެލްކޯގެ ތިޔަ މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް ފަޙުރުވެރިކަމާއިއެކު، ސާބަހާއި ޝުކުރު ދަންނަވަން،" އޭނާ ކުރެއްވި ޕޯސްޓެއްގައި ލިޔުއްވާފައިވެ އެވެ.

ކުޅުދުއްފުށި ސިޓީއަށް ކަރަންޓުގެ ހިދުމަތް ދިނުމުގައި ދަތިތަކެއް ކުރިމަތިވާތާ މަހެއްހާ ދުވަސްވެއްޖެ އެވެ. ޖެނެރޭޓަރަކަށް މައްސަލައެއް ދިމާވި ފަހުން ދެން ހުރި ޖެނެރޭޓަރުތަކަށް ދިޔައީ ލޯޑު ބޮޑު ވަމުންނެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ޝެޑިއުލްކޮށްގެން ވަކި ގަޑިތަކެއްގައި ކޮންމެ ސަރަހައްދަކުން ވެސް ދިޔައީ ކަރަންޓު ކަނޑަމުންނެވެ. ކޮންމެ ގޭބިސީއަކުން މަދުވެގެން ދުވާލަކު ގަޑިއިރަކަށް ކަރަންޓު ކަނޑާލަ އެވެ.

އެ މައްސަލަ ހައްލު ކުރަން ޖެނެރޭޝަން ސެޓެއް ގެންގޮސްގެން އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރަމުންދާތާ ވެސް އެހާ ދުވަސްވެފައިވަނިކޮށް މިއަދު ހެނދުނު ވަނީ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލައަކާ ހުރެ، ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އަނދައިފަ އެވެ. މުޅި ރަށުން ހެނދުނުން ފެށިގެން ކަރަންޓު ކެނޑުނީ އެހެންވެ އެވެ.

އާބާދީގައި 10،000 އަށް ވުރެ ގިނަ މީހުން އުޅޭ ކުޅުދުއްފުށި ސިޓީއަށް ކަރަންޓު ދިނުމުގައި މިދިޔަ މަހެއްހާ ދުވަހު ދިމާވި ކަންކަމުން އާންމުންނަށް އެތައް ތަކުލީފެއް އުފުލަން ޖެހިފައި އޮތުމުން ފެނަކަ ކުންފުނިން ވަނީ އެ ސިޓީގެ ގެތަކުގެ ކަރަންޓު ބިލުން މި އޭޕްރީލް މަހު 50 ޕަސެންޓުގެ ޑިސްކައުންޓެއް ވެސް ދޭން ނިންމައިފަ އެވެ.