Advertisement

ޑިސްކައުންޓް ދިނީ ރޯދަމަހު ލިބުނު ބިލަށް، ރޯދަ މަހު ބޭނުން ކުރި ކަރަންޓު، ފެނަކަށް ނޫން: ޔުޓިލިޓީ ކުންފުނިތައް

27 އޭޕްރީލް 2024 - 15:10 2

ނިމާ ހަސަން

ނިމާ ހަސަން

ޑިސްކައުންޓު ދިނީ ރޯދަ މަސް ތެރޭގައި ލިބޭ ކަރަންޓު ބިލާއި ފެން ބިލުން ކަމަށާއި, ރޯދަ މަހުގެ ބިލުތަކުން ނޫން ކަމަށް ޔޫޓިލިޓީ އޮތޯރިޓީން ބުނޭ


ޑިސްކައުންޓް ދިނީ ރޯދަމަހު ލިބުނު ބިލަށް، ރޯދަ މަހު ބޭނުން ކުރި ކަރަންޓު، ފެނަކަށް ނޫން: ޔުޓިލިޓީ ކުންފުނިތައް

27 އޭޕްރީލް 2024 - 15:10 2

ރޯދަ މަހުގެ ޑިސްކައުންޓު ދިނީ ރޯދަ މަހުގެ ތެރޭގައި ފޮނުވި ބިލުތަކަށް ކަމަށާއި ރޯދަ މަހު ބޭނުން ކުރި ކަރަންޓު އަދި ފެނަށް ނޫން ކަމަށް ޔޫޓިލިޓީ ކުންފުނިތަކުން ބުނެފި އެވެ.

އާންމު މަސް މަހަށްވުރެ ގިނައިން ރޯދަ މަހު ކަރަންޓާއި ފެން ބިލަށް ފައިސާ އަރާތީ, އެކަމުގެ ސަބަބުން އުފުލަން ޖެހޭ ތަކުލީފުތައް ލުއި ކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓާއި ފެން ބިލު ކެޕް ކުރަން އަންގަވާފަ އެވެ. ނަމަވެސް ރޯދަ މަހު ބޭނުން ކުރި ފެނާއި ކަރަންޓަށްވާ ބިލުތައް މިހާރު އަންނަމުންދާއިރު އޭގައި ޑިސްކައުންޓެއް ނެތެވެ.

ޔުޓިލީ ކުންފުނިތަކުން ބުނީ ޑިސްކައުންޓު ދޭން ނިންމީ ރޯދަ މަހު ފޮނުވި ބިލުތަކަށް އެކަނި ކަމަށެވެ. ސަރުކާރުން ނިންމީ ރޯދަ މަހުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެ މަހު ލިބޭ ބިލުން ޑިސްކައުންޓު ދޭން ކަމަށް ވެސް ސަރުކާރުން ބުންޏެވެ.

"ޖުމްލަ ގޮތެއްގައި އަޅުގަނޑުމެންގެ ޕީކު އެދިޔައީ ރޯދަމަހާއި ރޯދަމަހުގެ ކުރީގަ އޮންނަ މަހަށް. އެ މަހުގެ ބިލު ބޮޑުވެގެން ދާނީ, މިދުވަސްވަރު އެ ޕީކެއް ނުއެއް ފެނޭ. އެހެންކަމުން އެ ބޮޑު ބިލަށް ޑިސްކައުންޓް މިހާރު ދެވިފައި އިނީ. ދެން އަންނަ ބިލަކަށް އިތުރަކަށް ޑިސްކައުންޓެއް ނުދޭނެ،" ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވި އެވެ.

ސްޓެލްކޯއިން ހިދުމަތްދޭ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓުގެ ގޮތުގައި 30 މިލިއަނަށްވުރެ ގިނަ ރުފިޔާ ދީފައިވާ ކަމަށް ފަހުމީ ވިދާޅުވި އެވެ.

އެމްޑަބްލިއުއެސްސީގެ އެމްޑީ އަބްދުލް މަތީން ވިދާޅުވީ ރޯދަ މަހުގެ ބިލުން ޑިސްކައުންޓު ދިނުމުގެ ކޮންސެޕްޓަކީ ރޯދަ މަސް ތެރޭގައި ފެން ބިލު ބޮޑުވުމުން މާލީ ގޮތުން އަންނަ ބުރަ ކުޑަކޮށް ދިނުން ކަމަށެވެ.

"ރޯދަ މަހުގެ ބިލު ކިޔާ ބިލެއް ނުދާނެ. ދާނީ މާޗް މަހުގެ ބިލު ނޫނީ އޭޕްރީލް މަހުގެ ބިލު. މަޝްވަރާ ކުރުމަށްފަހު އަޅުގަނޑުމެން ނިންމީ [ޑިސްކައުންޓު ދޭން ޖެހޭނީ] ރޯދަ މަހު ދާ ބިލު ކަމަށް،" މަތީން ވިދާޅުވި އެވެ.

މަތީން ވިދާޅުވީ އެމްޑަބްލިއުއެސްސީން ފެނުގެ ހިދުމަތްދޭ 35,906 މީހުންނަށް ޖުމްލަ 14.2 މިލިއަން ރުފިޔާގެ ޑިސްކައުންޓު މި ރޯދަ މަހު ދީފައިވާ ކަމަށެވެ.

ޔުޓިލިޓީ ކުންފުނިތަކުން އެހެން ވިދާޅުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ރޯދަ މަހު ކަރަންޓާއި ފެން ބިލު ބޮޑުވާތީ އެކަމަށް ހައްލެއް ގެނެސްދެއްވާނެ ކަމަށެވެ.

"ރަމަޟާން މަހު އާންމުކޮށް ކަރަންޓް ބިލާއި ފެން ބިލް ވަރަށްބޮޑުވޭ. އެއީ، ދެން ނެޗުރަލީ އެކަން ވާގޮތް. ވަރަށް ތަކުލީފު ބޮޑުވާ ކަމެއް އެއީ. މިފަހަރު އެހެންނެއް ނުވާނެ. އާންމު މަހެއްގައި އެ ހުންނަ ރޭޓުގައި ކެޕްކޮށްފައި، މާނަޔަކީ އެއަށްވުރެ މައްޗަކަށް ނުދާނެއޭ. އާންމު މަހެއްގައި ހުންނަވަރަށް ރަމަޟާން މަހު ކަރަންޓް ބިލާއި ފެން ބިލް ހުންނާނީ" މާޗް 4، ގައި ބ. އޭދަފުށީގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވި އެވެ.