Advertisement

މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް އޭސީސީއަށް، 14 މައްސަލަ ތަހުގީގު ކުރަނީ

15 އޭޕްރީލް 2024 - 17:10 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އޭސީސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން: މަޖިލިސް އިންތިހާބާ ގުޅޭ 14 މައްސަލަ ތަހުގީގު ކުރާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައި -- ފޮޓޯ: އަބްދުﷲ އިޔާން


މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް އޭސީސީއަށް، 14 މައްސަލަ ތަހުގީގު ކުރަނީ

15 އޭޕްރީލް 2024 - 17:10 1

އަންނަ ހަފްތާގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބާ ގުޅޭ 16 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ ތެރެއިން 14 މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް އެކޮމިޝަނުން މިއަދު ބުނެފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު "އަދަދު" އަށް ވިދާޅުވީ އިންތިހާބާ ގުޅޭ 14 މައްސަލައެއް މިހާތަނަށް ރަޖިސްޓްރީ ކޮށް، ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.

އިންތިހާބާ ގުޅޭ ގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން ކެމްޕޭނު ކުރުމާއި، ކެމްޕޭނު ކުރުމުގައި ރިޝްވަތު ހުށަހެޅުމުގެ އިތުރުން އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ކެމްޕޭނު ކުރުމުގެ މައްސަލަތައް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ކަރަޕްޝަންގެ މައްސަލައެއް ފާހަގަ ކުރެވޭނަމަ، އެ މައްސަލައެއް އޭސީސީއަށް ހުށަހެޅުމަށް ވެސް އެކޮމިޝަނުން އިލްތިމާސްކުރެ އެވެ.

އިންތިހާބަށް ހާއްސަ ކުރެވިފައިވާ އިންތިހާބާ ގުޅޭ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހެޅޭނެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ސަރުކާރު ހިންގާ ޕީއެންސީއިން ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރާ މައްސަލަ އާއި، އިދިކޮޅު ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އުނިކަން އަތުވެދާނެފަދަ އަމަލުތައް ކުރަމުންދާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން އެކަމާ ގުޅޭ މައްސަލަތަކެއް އިލެކްޝަންސް ކޮމިޝަނަށް ވެސް ހުށަހަޅާފައިވާއިރު، އެ ކޮމިޝަނުން ވެސް އަންނަނީ މައްސަލަތައް ބަލަމުންނެވެ.

އެޕްރިލް، 21 ގައި އޮންނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް ޖުމުލަ 386 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އެއީ އަމިއްލަ ގޮތުން ވާދަކުރާ 130 ކެންޑިޑޭޓުންނާއި ހަތް ސިޔާސީ ޕާޓީއަކުން ވާދަކުރާ 22 އަންހެނުން އަދި 216 ފިރިހެން ކެންޑިޑޭޓުންނެވެ.