Advertisement

ކުރެންދޫ ދާއިރާ ނަތީޖާއިން ހައިރާން ކަމެއް، ޝާމިން އަކީ ކާކު؟

26 އޭޕްރީލް 2024 - 13:15 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރެންދޫ ދާއިރާގެ އިންތިހާބީ މެންބަރު މުހައްމަދު ޝާބިން ހަބީބު


ކުރެންދޫ ދާއިރާ ނަތީޖާއިން ހައިރާން ކަމެއް، ޝާމިން އަކީ ކާކު؟

26 އޭޕްރީލް 2024 - 13:15 5

ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ ކުރެންދޫ ދާއިރާއަށް އެމްޑީޕީން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޮ، އަދި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވާދަ ކުރެއްވިއިރު، ވެރިކަން ހިންގާ ޕީއެންސީގެ ޓިކެޓުގައި، ވާދަކުރެއްވީ ޔާމީންގެ ވެރިކަމުގައި ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި އާދަމް ތައުފީގެވެ. މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި މުހައްމަދު ޝާމިން ހަބީބުގެ އިތުރުން އެ ދާއިރާގެ މިހާރުގެ މެންބަރު އަބްދުލްޣަނީ އަބްދުލް ހަކީމް ވާދަ ކުރެއްވި އެވެ. އަދި އެމްއެންޕީގެ ކެންޑިޑޭޓަކު ވެސް ވާދަކުރެއްވި އެވެ.

މިހާރު ވެސް މަޖިލީހުގައި ތިއްބެވި ދެ މެންބަރަކާއި ސަރުކާރު ހިންގާ، ޕީއެންސީގެ ކެންޑިޑޭޓު ބަލިކޮށް، ބޮޑު ފަރަގަކުން ޝާމިން ގޮނޑި ހޯދައިފާނެ ކަމަށް ބޮޑު ދެ ޕާޓީން ވެސް ގަބޫލެއް ނުކުރެ އެވެ.

ކުރެންދޫ ދާއިރާގެ ނަތީޖާ

  • މުހައްމަދު ޝާމިން ހަބީބު – 741 ވޯޓު
  • އާދަމް ތައުފީގު - 547 ވޯޓު
  • އަބްދުލްޣަނީ އަބްދުލްހަކީމް – 317 ވޯޓު
  • އަލީ ނިޔާޒު – 250 ވޯޓު
  • މުހައްމަދު ޔޫސުފް – 4 ވޯޓު

އޮޅިވެލިފުށީ ފޮށިން ޝާމިން 82 ޕަސެންޓުގެ ބޮޑު ފަރަގެއް ހޯދުމުގެ ސަބަބުން، އެހެން ފޮށިތަކުން އޭނާ ދަށްވިޔަސް، ޖުމުލަ ނަތީޖާ ފަހިވި އެވެ.

އެ ކާމިޔާބީގެ ފަހަތުގައި އޮތީ ޒަމާނުއްސުރެ ދާއިރާއާއެކު އޮތް ގުޅުމެވެ. އޭނާގެ ބައްޕަ އަކީ މިހާރު މާލޭގެ ރަށްވެއްސަކަށް ވިޔަސް، އޮޅުވެލިފުއްޓަށް އުފަން މީހެކެވެ. އާއިލީ އެ ގުޅުމާއެކު ޝާމިން ވެސް އޭނާގެ އަސްލު ނިސްބަތްވާ ރަށަށް ހާއްސަ ސަމާލު ކަމެއް ދެއްވި އެވެ. ރަށުގެ ޒުވާނުންގެ ކުރިއެރުމާއި، ކުޅިވަރުގެ ކަންކަމަށް އަބަދު ވެސް އެހީ ފޯރުކޮށް ދެއްވި އެވެ.

"އެހެންވެ، ކެމްޕޭނު ފެށިއިރު ވެސް އަހަރެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އޮތް ގޮނޑި ކާމިޔާބު ކުރެވޭނެކަން. އޮޅުވެލިފުށީގެ ވޯޓުގެ ފަހަރު ބޮޑުވުމުން އެހާ ފަސާހައިން އިންތިހާބު ކާމިޔާބު ކުރެވުނީ،" އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ ކެންޑިޑޭޓަކު ހުއްޓައި، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިހާރުގެ މެންބަރު ޣަނީ އަށް ތާއިދު ކުރެއްވުމަކީ ވެސް ޝާމިން އަށް ގޮނޑި ލިބުމަށް ފަހިވި ކަމެކެވެ.


ޝާމިން އަކީ ކާކު؟

ގިނަ ބަޔަކަށް އޭނާ އެނގޭނީ މަޝްހޫރު ގޮވެލި ފިހާރައޭ ބުނުމުންނެވެ. ރަށްރަށަށް އެންމެ ގިނައިން މުދާ ފޮނުވާ އެއް ފިހާރަ ކަމުގައިވާ ގޮވެލި ފިހާރަ ހިންގާ ފްރިސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރަކީ ޝާމިން އެވެ.

ސްކޫލު ނިންމެވުމަށް ފަހު އޭނާގެ ފުރަތަމަ އޮފީހަކީ އިންފޮމޭޝަން މިނިސްޓްރީ އެވެ. އަށެއްކަ އަހަރު އެ އޮފީހުގައި އުޅުއްވުމަށް ފަހު، އިންލެންޑް ރެވެނިއު އޮތޯރިޓީގައި ތިން އަހަރު އުޅުއްވި އެވެ. އެންމެ ފަހުން އުޅުއްވީ ޓޫރިޒަމް ޕްރޮމޯޝަން ބޯޑުގަ އެވެ. އެތަނުގައި ވަޒީފާ އަދާކުރައްވަމުން ދިޔައިރު، ޝާމިން އަމިއްލަ ވިޔަފާރި ވެސް ފެއްޓެވި އެވެ.

"ސަރުކާރުގެ ވަޒީފާ ދޫކޮށްލައި އަމިއްލަ ވިޔަފާރިއަށް ހުސްވީ، 20 އަހަރު ހިދުމަތަށް ފަހު ޕެންޝަން ލިބުމުން،" ޝާމިންގެ ކާމިޔާބީ ކިޔައި ދެއްވި އެވެ.

އޭނާއަކީ ކުޅިވަރުގެ ދާއިރާގައި، ހާއްސަކޮށް ކްރިކެޓުގައި ފާހަގަކޮށްލެވޭ މީހެކެވެ. ގައުމީ ކްރިކެޓު ޓީމަށް ވެސް ކުޅުނެވެ. އެ ކުޅިވަރުގައި ވިއްސަށްވުރެ ގިނަ އަހަރު އޭނާ އުޅެފައިވާއިރު، ކްރިކެޓު ބޯޑުގެ މެންބަރުކަށް ވެސް ވެސް އޭނާ އުޅުއްވި އެވެ.

އަޒުމަކީ ރައްޔިތުންނަށް ތަރައްގީ ހޯދައި ދިނުން

"ރައްޔިތުން ބޭނުންވަނީ ތަރައްގީ. މެންބަރުންގެ ފަރާތުން ވެސް ރައްޔިތުން އެދެނީ އެކަމަށް މަގުފަހިކޮށް ދޭން. އެހެންވެ، އަހަރެން އަބަދު ވެސް އެ މަސައްކަތް ކުރާނަން،" ޝާމިން ވިދާޅުވި އެވެ.

އެހެންވެ، އޭނާގެ އަޒުމަކީ މިނިވަން ކެންޑިޑޭޓަކަށް ހުއްޓަސް، ސަރުކާރާއެކު ދާއިރާގެ ތަރައްގީ އަށް މަސައްކަތް ކުރުމެވެ. އަދި ކެމްޕޭނުގައި ވައުދުވެފައިވާ ގޮތަށް ދާއިރާގެ ދެ ރަށުގައި ރަނގަޅު ފެންވަރެއްގެ ގުރުއާން ކްލާހެއް އޭނާ ބިނާކޮށްދޭނެ އެވެ.

"މިހާރު ދާއިރާގެ ދެ ރަށުގައި ހިންގާ ގުރުއާން ކްލާސްތައް ހުރީ އާދައިގެ ގޮތަކަށް. އެހެންވެ އަހަރެން ވައުދުވީ ދެ ރަށުގައި ވެސް ރަނގަޅު ފެންވަރެއްގެ ގުރުއާން ކްލާހެއް ބިނާ ކޮށްދޭނެ ކަމަށް. އެކަން ކުރާނީ އަހަރެންގެ އަމިއްލަ ހަރަދުގައި،" ޝާމިން ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރަކަށް ވުމަކުން، ދާއިރާ އާއެކު ބެހެއްޓި ގާތް ކަމަށް ބަދަލެއް ނުގެންނާނެ ކަމަށް ޝާމިން ވިދާޅުވި އެވެ. އިންތިހާބުގައި ބޮޑެތި ޕާޓީތަކާއި، ވަރުގަދަ ކެންޑިޑޭޓުންތަކަކާ ވާދަކޮށް ލިބުނު ކާމިޔާބީގެ ޝުކުރު އޭނާ އަދާކުރަނީ ރައްޔިތުންނަށެވެ. "އަބަދު ވެސް ހުންނާނީ ރައްޔިތުންގެ މީހެއްގެ ގޮތުގައި، ޒުވާނުންގެ މީހެއްގެ ގޮތުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.