15 އޭޕްރީލް 2024 - 10:20 4
ލީވާން އަލީ ނާސިރު
ދިއްދޫ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު: ޕީއެންސީ މެމްބަރުންނަށް އެކަނި ކަރަންޓު ދޭން ވަނީ ގޮވާލާފައި -- ފޮޓޯ: ފޭސްބުކް
15 އޭޕްރީލް 2024 - 10:20 4
ހއ. ދިއްދޫއިން ހަމައެކަނި ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރުންނަށް ކަރަންޓު ދިނުމަށް އެ ރަށު ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު އަބްދުﷲ ރަޝީދު ރޭ ގޮވާލައިފި އެވެ.
މަޖިލިސް އިންތިހާބުގައި ދިއްދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ އަބްދުލް ލަތީފް މުހައްމަދުގެ ކެމްޕޭން ޖަލްސާގައި އަބްދުﷲ ރަޝީދު ބުނީ ކަރަންޓު ދޭކަން ވެސް ނަސީބެއް ކަމަށާއި، ކަރަންޓު ދޫކުރަންވީ ގެތަށް ބަލާފައި ވަކިވަކިން ކަމަށެވެ.
ކަރަންޓު ކެނޑޭ ވާހަކަ ދައްކާއިރު، އިންތިހާބު ނިމެންދެން ކަރަންޓު ދޭންވީ ހަމައެކަނި ޕާޓީ މެމްބަރުންނަށް ކަމަށް އަބްދުﷲ ރަޝީދު ބުނި އެވެ.
"ކަރަންޓް ދޭކަން ނަސީބެއްނު. މި ގެތައް ބަލާފައި ވަކިވަކިން ކަރަންޓް ދޫކުރަންވީ. ސީދާ ޕާޓީ މީހުންނަށް އެކަނި ކަރަންޓު ދޫކުރަންވީ އިންތިހާބު ނިމެންދެން," އަބްދުﷲ ރަޝީދު ބުނި އެވެ.
އޭގެއިތުރުން އަބްދުﷲ ރަޝީދު ބުނީ ފެނަކައިގެ ވަޒީފާއަށް މުވައްޒަފުން ވައްދާނެ ކަމަށާއި، އެ މީހުން ދާއިމީވެސް ކޮށްދޭނެ ކަމަށެވެ.
ފެނަކައިގެ އެސިސްޓެންޓު މެނޭޖަރު ކަމަށް އަބްދުﷲ ރަޝިދު އައްޔަނުކުރީ ފެބްރުއަރީ، 5 ވަނަ ދުވަހު އެވެ.
ދިއްދޫ އާ އިންޖީނުގެއާއި އައިސް ޕްލާންޓުގެ މަސައްކަތަށް ފެނަކައަށް ނަގާފައިވާ 57 ކޮންޓްރެކްޓް މުވައްޒަފުން މި ސަރުކާރުން ވެރިކަމާ ހަވާލުވެ ވަނީ ނޯޓިސް ވެސް ދިނުމެއް ނެތި ވަކިކޮށްފައިކަން ފާހަގަކުރެވެ އެވެ.
ޅ. ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން މަޖުބޫރު ކުރުވަން ހިންނަވަރު ދާއިރާއަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުގެ ޖަލްސާގައި ގޮވާލި މައްސަލައެއް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަލަމުންނެވެ.
އޭގެއިތުރުން ސަރުކާރުން ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން މަޖިލިސް އިންތިހާބުގައި ކެމްޕޭން ކުރަމުންދާ ކަމަށް އެމްޑީޕީން ތުހުމަތު ކުރާއިރު، އޭސީސީ އާއި އިލެކްޝަންސްއިން އަންނަނީ އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރަމުންނެވެ.
Comment