about 4 hours 1
ލީވާން އަލީ ނާސިރު
މާލީ ވަޒީރު ޒަމީރު, ރައީސް މުއިއްޒު އަދި މުއާޒު. ފެނަކައިގެ މާލީ ހާލަތު އިތުރަށް ރަނގަޅު ނުކުރެވޭނެ ކަމަށް މުއާޒުގެ ސިޓީގައި ފާހަގަކުރެއްވި ---
about 4 hours 1
ފެނަކަ ކޯޕަރޭޝަނަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ކުންފުނިން ތައްޔާރު ކޮށްފައިވާ ޕްލޭން ކަމާ ގުޅުންހުރި އިދާރާތަކާ ހިއްސާ ކުރި ނަމަވެސް، އެ ކަމަށް މިއަދާ ހަމައަށް އައިއިރު ވެސް އަލި މަގެއް ނުލިބޭ ކަމަށް އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ކަމުން މިއަދު އިސްތިއުފާ ދެއްވި މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް އެޑްރެސް ކުރައްވާ މުއާޒް ފޮނުއްވި އިސްތިއުފާ ސިޓީގައި ވިދާޅުވީ ފެނަކައިގައި އުފެދިފައިވާ ދަރަންޏަށް ބަލާއިރު ހަމައެކަނި ހިންގުމުގެ ހަރަދު ކުޑަކޮށްގެން މިހާރު ވެއްޓިފައިވާ ހާލަތުން ކުންފުނި ސަލާމަތް ނުކުރެވޭނެ ކަމަށެވެ.
"މިދެންނެވި ހާލަތުން އަރައިގަތުމަށްޓަކައި ކުންފުނިން ތައްޔާރު ކޮށްފައިވާ ޕްލޭންތައް ވާނީ ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކަށް ހިއްސާ ކުރެވިފައި. ނަމަވެސް މިކަމަށް އަލިމަގެއް މިއަދާ ހަމައަށް ވެސް ފެނިފައި ނުވާ ވާހަކަ ދަންނަވަން،" ސިޓީގައި މުއާޒް ވިދާޅުވި އެވެ.
އޭގެއިތުރުން, ފާއިތުވި އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ މުސާރަ މުވައްޒަފުންނަށް މަސް ފެށުނުއިރު ވެސް ޖަމާ ނުކޮށްދެވޭއިރު، އެއީ އެ ކުންފުނީގެ ތާރީހުގައި ހިނގާފައިވާ ކަމެއް ނޫންކަން މުއާޒް ފާހަގަ ކުރެއްވި އެވެ.
އެގޮތުން, މުއާޒް ވިދާޅުވީ ކުންފުންޏަށް ލިބޭ އާމްދަނީއަށްވުރެ ކުރަން ޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓިނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށް ނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ވެއްޓިފައިވާ ކަމަށެވެ.
ނަމަވެސް, މުއާޒް ވިދާޅުވީ ފާއިތުވި އެއް އަހަރު ތެރޭގައި ފެނަކައިގެ ހިންގުން ހަރުދަނާކޮށް، ހަރަދު ކުޑަ ކުރުމަށް ކުރި މަސައްކަތުން އޮކްޓޯބަރު، 2023 އާ އަޅާބަލާއިރު އޮކްޓޯބަރު، 2024 ގައި ހިންގުމުގެ ހަރަދުން 160 މިލިއަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ސަލާމަތް ކުރެވުނު ކަމަށެވެ.
މުއާޒް ވިދާޅުވީ ފިނޭންސް މިނިސްޓްރީއަށް ކުންފުނީގައި ހުރި ދަތިތަކާއި، ހާލަތުން އަރައިގަތުމަށް މަޝްވަރާކޮށް ގޮތެއް ހޯދުމަށް އެކި ފަހަރު މަތިން މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ރައްޔިތުންނަށް ފޯރުކޮށްދޭ މިފަދަ އަސާސީ ހިދުމަތްތަކުން އެންމެ ހިނދުކޮޅަކަށް ވެސް މަހުުރޫމުވާން ޖެހުން އެއީ، އޭގެ ސަބަބުން އަޅުގަނޑާއި ކުންފުންޏާއި އަދި މަނިކުފާނަށް ވެސް އޭގެ ބަދުނާމު ފޯރާނެ ކަމެއްގެ އިތުރުން އެތަކެއް ރައްޔިތުންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެ ކަމެއް،" އޭނާ ވިދާޅުވި އެވެ.
ކުންފުންޏާ ހަވާލުވިއިރު 4.3 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށާއި އަދި ބޭނުންވާ މިންވަރަށް ވުރެ އިތުރަށް ވަޒީފާ ދީފައި އޮތުމުން ހަރަދުތައް އިންތިހާއަށް އިތުރުވެފައިވާ ކަމަށް މުއާޒުގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.
Comment