Advertisement

ނިލަންދޫ އާއި ފޮނަދޫ ހިމެނޭ ގޮތަށް 4 ހޮސްޕިޓަލެއްގެ މަޝްރޫއުއަށް 5.7 ބިލިއަން ރުފިޔާ!

15 އޭޕްރީލް 2024 - 07:41 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ފ. ނިލަންދޫ -- ފޮޓޯ: ކާޒިންސް ޕޯޓްރެއިޓު


ނިލަންދޫ އާއި ފޮނަދޫ ހިމެނޭ ގޮތަށް 4 ހޮސްޕިޓަލެއްގެ މަޝްރޫއުއަށް 5.7 ބިލިއަން ރުފިޔާ!

15 އޭޕްރީލް 2024 - 07:41 0

އާދީއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ފ. ނިލަންދޫ އާއި ލ. ފޮނަދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ބިނާކުރުމުގެ މަޝްރޫއުއާއެކު، ޖުމުލަ ހަތަރު ހޮސްޕިޓަލެއްގެ މަޝްރޫއު 5.7 ބިލިއަން ރުފިޔާ އަށް ޗައިނާގެ ކުންފުންޏަކާ ހަވާލު ކުރަން ތައްޔާރުވެފައިވާކަން "އަދަދު" ނޫހަށް އެނގިއްޖެ އެވެ.

ނިލަންދޫގައި ހޮސްޕިޓަލެއް އަޅަން ނިންމިއިރު، މަޖިލީހުގެ އިންތިހާބުގައި އެ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަ ކުރައްވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޮ، ފާތުމަތު ސައުދާ އެވެ.

ފޮނަދޫ ދާއިރާ އަށް ވާދަ ކުރައްވަނީ، ރައީސް މުއިއްޒުގެ އެންމެ އިސް ވަޒީރު، އަބްދުއްރަހީމް އަބްދުﷲ އެވެ. ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވެވަޑައިގަންނަވަނީ އަބްދުއްރަހީމް ދެކެ ކަމަށް ދާދި ފަހުން ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

އަދަދު ނޫހާ ވާހަކަ ދެއްކެވި ސަރުކާރުގެ ބައެއް އޮފިޝަލުން ވިދާޅުވީ ނިލަންދޫ އާއި ފޮނަދޫ ހޮސްޕިޓަލް މަޝްރޫއުގެ އިތުރުން ދެން ކުރިއަށް ގެންދާން ނިންމާފައި ވަނީ ހުޅުމާލޭގައި ހާއްސަ ހޮސްޕިޓަލެއް ހެދުމާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލު (އޭއީއެޗް) ބޮޑުކުރުމެވެ.

އެ މަޝްރޫއުތައް ހަވާލު ކުރަނީ ޗައިނާގެ ސީއޭއެމްސީއާ ކަމަށާއި، އެ ކުންފުނިން މިހާރު ހުށަހަޅާފައިވާ އަގަކީ 370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މި މަޝްރޫއުތައް ހަވާލު ކުރަނީ ކުންފުނިން އަމިއްލަ އަށް ފައިސާ ހޯދައިގެން ކުރިއަށް ގެންދާ އުސޫލުންނެވެ.

މަޝްރޫއުގެ އަގު

  • ނިލަންދޫ ހޮސްޕިޓަލް: 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)
  • ފޮނަދޫ ހޮސްޕިޓަލް: 70 މިލިއަން ޑޮލަރު (1 ބިލިއަން ރުފިޔާ)
  • ހުޅުމާލޭގައި ހަދާ މަދާ އެންޑު ޗައިޑް ހޮސްޕިޓަލް: 150 މިލިއަން ޑޮލަރު (2.3 ބިލިއަން ޑޮލަރު)
  • އޭއީއޭ ބޮޑުކުރުމުގެ މަޝްރޫއު: 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)

"އިންތިހާބުގެ ކުރިން މި މަޝްރޫއުތަކުގައި ސޮއިކުރާނެ. އެއަށް ފަހު ފައިސާ ހޯދަން އެ ކުންފުނިތަކުން މަސައްކަތް ކުރާނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފޮނަދޫގައި ހޮސްޕިޓަލެއް އިމާރާތް ކުރާއިރު، އެ ރަށާއި ގުޅިފައިވާ ލ. ގަމު ހޮސްޕިޓަލްގެ ވެސް ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.

ހުޅުމާލޭގައި ހާއްސަ ހޮސްޕިޓަލެއް

ހުޅުމާލޭގައި ބިނާކުރަން ޕްލޭންކޮށްފައި ވަނީ މަދާ އެންޑް ޗައިލްޑު ހޮސްޕިޓަލެކެވެ. އެއީ 100 އެނދާއި، 30 ޕްރައިވެޓު ރޫމުގެ ހޮސްޕިޓަލެކެވެ. އެތަން ހަދާނީ ޓްރީ ޓޮޕް އިމާރާތް އެ ހުރި ސަރަހައްދުގަ އެވެ.

މި ހުރިހާ މަޝްރޫއެއްގައި މި ހަފުތާތެރޭގައި ސޮއިކުރާނެ ކަމަށް އަދަދު ނޫހާ ވާހަކަ ދެއްކެވި އޮފިޝަލް ވިދާޅުވި އެވެ. ކުރިން ޕްލޭންކޮށްފައި އޮތީ މަޝްރޫއުތަކުގައި މިއަދު ސޮއިކުރުމަށެވެ.

ރައީސް މުއިއްޒުގެ ކޮއްކު އިންތިހާބުގައި ވާދަކުރައްވާތީވެ، ނިލަންދޫ ދާއިރާ އަށް ހޮސްޕިޓަލާއި އެއާޕޯޓާއެކު ގިނަ މަޝްރޫއުތަކެއް ވަނީ "އޮއްސާލައިފަ" އެވެ.