Advertisement

ތިނަދޫ ދެ ގޮނޑި ވެސް އެމްޑީޕީއަށް ލިބުމުގެ ފުރުސަތު ބޮޑު: ގައިސް

14 އޭޕްރީލް 2024 - 19:57 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ތިނަދޫ އުތުރު ދާއިރާ އަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓު ގައިސްގެ ޕޯސްޓަރު އެ ރަށުގެ ފާރުތަކުގައި ހިއްޕަނީ. -- ފޮޓޯ: އެމްޑީޕީ ތިނަދޫ


ތިނަދޫ ދެ ގޮނޑި ވެސް އެމްޑީޕީއަށް ލިބުމުގެ ފުރުސަތު ބޮޑު: ގައިސް

14 އޭޕްރީލް 2024 - 19:57 0

އަންނަ އާދީއްތަ ދުވަހު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގދ. ތިނަދޫގެ ދެ ގޮނޑި ވެސް އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީއަށް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑު ކަމަށް، ތިނަދޫ އުތުރު ދާއިރާއަށް އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓު އަހުމަދު ގައިސް ވިދާޅުވެއްޖެ އެވެ.

މިހާރު ވެސް ތިނަދޫގެ ދެ ދެގޮނޑި ތަމްސީލު ކުރައްވަނީ އެމްޑީޕީގެ މެމްބަރުންނެވެ.

އެޗްޑީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމާއި ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްކަން ކުރައްވާފައިވާ ގައިސް ވިދާޅުވީ ކެމްޕޭނުގެ އަދާހަމައަށް ބަލާއިރު، އެމްޑީޕީ އަށް މި ފަހަރު ވެސް ތިނަދޫގެ އުތުރާއި ދެކުނު ދާއިރާގެ ގޮނޑި ލިބޭނެ ކަމަށެވެ. އެކަން އޭނާ ވަޒަން ކުރައްވަނީ، ސަރުކާރުގެ ނުފޫޒާއި ބިރު ދެއްކުމުގެ ސަބަބުން ކެމްޕޭނުން ނުފެންނަ މީހުން ވެސް އެމްޑީޕީ އަށް ވޯޓު ދޭނެކަން ކަށަވަރު ވާތީ ކަމަށެވެ.

ވޭތުވެދިޔަ ހަތަރު މަސް ދުވަހު ސަރުކާރުން ކަންކަން ގެންދިޔަ ގޮތަށް ބަލާފައި، ޕީއެންސީ މެމްބަރުންގެ ތެރޭގައި ވެސް ސަރުކާރުގެ ކެންޑީޑޭޓަށް ވޯޓު ނުދޭނެ މީހުން އެބަ ތިބި ކަމަށާއި، މި ސަރުކާރު ގެންނަން މަސައްކަތް ކުރި އެތައް ބަޔަކު ސަރުކާރު މަތިން ފޫހިވެފައިވުމަކީ އެމްޑީޕީގެ ކެންޑިޑޭޓަށް ލިބޭ ފަހި ފުރުސަތެއް ކަމަށް ގައިސް ވިދާޅުވި އެވެ.

"މި ފަހަރު ވޯޓު ސާފުވާނީ އިދިކޮޅަށް. ސަރުކާރުން ގުޅީމަ ބިރުން ވެސް ބުނާނެ ވޯޓު ދޭނަމޭ. ނަމަމަވެސް އެމްޑީޕީއަށް ޕްލެޖުވާ ކޮންމެ ވޯޓަކީ ލިބޭނެ ވޯޓެއް،" ގައިސް ވިދާޅުވި އެވެ.

ގައިސްގެ ނަޒަރުން ސަރުކާރު ކެންޑިޑޭޓަށް ވޯޓު ދޭން ނުޖެހޭ ސަބަބުތައް

ތިނަދޫ އުތުރު ދާއިރާ އަށް ޕީއެންސީން ވާދަ ކުރަނީ، 2018 ގައި އެމްޑީޕީ ސަރުކާރު ގެނައުމަށް އަދި މި ފަހަރު ޕީއެންސީ ގެނައުމަށް ކެމްޕޭނުކުރި ސައުދުﷲ ހިލްމީ އެވެ. ދެކުނު ދާއިރާ އަށް ޕީއެންސީން ވާދަކުރަނީ އަބްދުﷲ ޝަރީފެވެ.

އެ ކެންޑިޑޭޓުންގެ ބަދަލުގައި އެމްޑީޕީގެ މެންބަރުން ހޮވަންޖެހެނީ ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔުމުގެ ބިރު އޮތުމާއި ތިނަދޫ ދާއިރާއަށް ވެފައިވާ ވައުދުތަކުގެ އަޑު ސަރުކާރުގެ މެންބަރުންނަށް ވުރެ ބޮޑަށް އިދިކޮޅު މެންބަރުންނަށް އުފުލޭނެތީ ކަމަށް ގައިސް ގަބޫލުކުރައްވަ އެވެ. އަދި ކޮންކްރީޓު ތަރައްގީ އަށް ބެލިޔަސް ތިނަދޫގައި އެމްޑީޕީ އުޅޭނީ ކުރީގައި ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނިމިގެން ދިޔަ އެމްޑީޕީގެ ވެރިކަމުގައި ތިނަދޫގެ ތަރައްގީއަށް ކޮށްފައިވާ ކަންކަން ފެންނާން އެބަ ހުރި ކަމަށާއި 200 ހައުސިން ޔުނިޓު އިމާރާތް ކުރަމުން ދާއިރު، މަގުތަކުގައި ތާރު އަޅައި، އައިސްޕްލާންޓު ބަނދަރު ހަދައި ބޭނުން ކުރަން ފަށާފައިވާ ކަމަށް ގައިސް ވިދާޅުވި އެވެ.

"އެހެންވީމަ ތަރައްގީއަށް ބެލިޔަސްވެސް އެ މީހުން އެ ބުނާ ކޮންކްރީޓު ތަރައްގީއަށް ބެލިޔަސް ތިނަދޫގައި އެމްޑީޕީ އޮންނާނީ ކުރީގައި. ތިނަދޫ ރައްޔިތަކު މިފަހަރު މި ސަރުކާރު ކެންޑިޑޭޓޭ ކިޔައިގެން އައިސް އުޅޭ މީހަކަށް ވޯޓު ދޭންޖެހޭ އެއްވެސް ސަބަބެއް ނެތް،" އޭނާ ވިދާޅުވި އެވެ.

މިފަހަރު ތިނަދޫ ދުތުރު ދާއިރާއަށް ގައިސް ހޮވަންޖެހޭ އަނެއް ސަބަބަކީ ވާދަވެރި ކެންޑިޑޭޓުންނަކީ ޓެސްޓު ކުރެވިފައިވާ ބަޔަކަށް ވުމާއި، ސަރުކާރު ކެންޑިޑޭޓު ހޮވައިގެން ރައްޔިތުންގެ ހައްގުގައި ވަކާލާތު ނުކުރެވޭނެތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރާއެކު ރައްޔިތުންގެ ހައްގުތައް ގެއްލުމުގެ ބިރު އޮތްއިރު، އެކަން ހަމަމަގަށް އަޅުވާނެ މެންބަރަކަށް ވާނީ ސަރުކާރު މެންބަރު ނޫން ކަމަށާއި، ސަރުކާރުގެ މެންބަރު ހުންނާނީ މަޖިލިސް ރަބަ ސްޓޭމްޕަކަށް ހެދުމަށް ކަމަށް ގައިސް ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅު މެންބަރެއްގެ ހައިސިއްޔަތު އޭނާ ހުންނާނީ ތިނަދޫގެ އަޑު މަޖިލީހުގައި ގަދައަށް އުފުލުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގައި އަޅުގަނޑަކީ ސަރުކާރަށް ޖެއްސުންކޮށް ހަދާނެ މީހެއް ނޫން. ފާރަވެރިވެ، ޖަވާބުދާރީ ކުރުވައި، ގޯސްކޮށް ކުރާކަންކަން ހަނދާން ކޮށްދެމުން ދާނީ. އެކަމުގައި ފިސާރި ސާބިތުވެ ހުންނާނަން،" އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑު ހަނދާން ކޮށްދޭނަން މި ސަރުކާރުން ވަނީ ތިނަދު އާއި ކާޑެއްދޫ ބުރިޖަކުން ގުޅާލަން ވައުދުވިކަން. އަޅުގަނޑު ހަނދާން ކޮށްދޭނަން ތިނަދޫ ފަޅުގެ ތެރޭގައި އެއާޕޯޓެއް އަޅަން ވައުދުވިކަން. މިކަމެއް ސަރުކާރު ކެންޑިޑޭޓަކަށް ނުކުރެވޭނެކަން ޔަގީން."

ސަރުކާރު ކެންޑިޑޭޓު ސަނާ ކިޔާ މެންބަރެއްގެ ގޮތުގައި މަޖިލީހުގެ ތެރެއިން ފެނިގެން ދާއިރު، އޭނާ ހުންނަވާނީ ރައްޔިތުންގެ ހައްގުގައި އަޑު އުފުއްލެވުމަށް ކަމަށާއި ހިމާޔަތްކުރަން ޖެހޭ ޕްރޮޖެކްޓެއް، ވިޔަފާރި މަސްލަހަތެއް ނެތް ކަމަށް ވެސް ގައިސް ވިދާޅުވި އެވެ.