Advertisement

ދ، ގދ. އަދި ޅ. އަތޮޅުގައި މަސް ފެކްޓަރީ އަޅަން ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި

14 އޭޕްރީލް 2024 - 18:44 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު


ދ، ގދ. އަދި ޅ. އަތޮޅުގައި މަސް ފެކްޓަރީ އަޅަން ޗައިނާ ކުންފުންޏަކާއެކު ސޮއިކޮށްފި

14 އޭޕްރީލް 2024 - 18:44 0

ދ. އަތޮޅާއި ގދ. އަތޮޅާއި ޅ. އަތޮޅުގައި މަސް ފެކްޓަރީ އަޅަން ޗައިނާގެ ކުންފުންޏަކާއެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

މަސް ފެކްޓަރީ އަޅަނީ ދ. މާދެއްޔާއި ގދ. ފިޔޯރީ އަދި ޅ. ފެލިވަރުގަ އެވެ. އެ މަސައްކަތް ހަވާލު ކުރީ ޗައިނާގެ ޑޮންގްފަންގް އިލެކްޓްރިކް އިންޓަނޭޝަނަލް ކޯޕަރޭޝަންއާ އެވެ. މިއަދުގެ ސޮއި ކުރި އެމްއޯޔޫގެ ދަށުން ފިޝް ލޭންޑިން، ޕްރޮސެސިން އަދި ސްޓޯރޭޖް ފެސިލިޓީތައް އެ ތިން ރަށުގައި ވެސް ގާއިމް ކުރާނެ އެވެ.

ސަރުކާރުން ބުނީ ދާލު އަތޮޅުގައި އަޅާ މަސް ފެކްޓަރީ ތަރައްގީ ކުރާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ބައިގައި ބަނދަރެއް ހެދުން ވެސް ހިމެނޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އޭގެ އިތުރުން، އެކޮމޮޑޭޝަން އެޅުމާއި މަގުތައް ހެދުމާއި 1500 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި ބްރައިން އަދި ބްލާސްޓް ފްރީޒިން ފެސިލިޓީތައް ވެސް އަޅާނެ ކަމަށްވެ އެވެ.

ދ. އަތޮޅުގެ ޕްރޮޖެކްޓުގެ ފަހު މަރުހަލާގައި ބިނާ ކުރަނީ 50 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެކެވެ.

ގދ. ފިޔޯރީގައި އަޅާނީ 3000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއަކާއި ފްރީޒިން ފެސިލިޓީއަކާއި ފިޝް މީލް ޕްލާންޓަކާއި ރިހާކުރު ތައްޔާރު ކުރާ ކާރުހާނާއެއް އަޅާނެ ކަމަށް ސަރުކާރުން ބުންޏެވެ.

މިއަދު ސޮއި ކުރި އެގްރިމެންޓުގެ ދަށުން ފެލިވަރުގައި އަޅަނީ 100 ޓަނުގެ ޕްރޮސެސިން ފެސިލިޓީއެއް ކަމަށް ސަރުކާރުން ބުންޏެވެ. އޭގެ މައިގަނދު ބޭނުމަކީ މިހާރު މިފްކޯއިން އެ ރަށުގައި ހިންގަމުން އަންނަ ކޭނަރީގެ ބަދަލުގައި ޒަމާނީ ތަނެއް އެޅުން ކަމަށް ސަރުކާރުން ބުނެ އެވެ.