Advertisement

އޭވީސީ ބީޗް ޓުއާ: ފަހު މެޗުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް މޮޅެއް

14 އޭޕްރީލް 2024 - 13:27 0

ސަމިލާ އޯޕަން މުބާރާތުގެ މެޗެއްގެ ތެރެއިން އެޑަމް އާއި ކުޑަކާއްޓެ،--- ފޮޓޯ: އޭވީސީ


އޭވީސީ ބީޗް ޓުއާ: ފަހު މެޗުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ އަށް މޮޅެއް

14 އޭޕްރީލް 2024 - 13:27 0

ތައިލެންޑްގައި ކުރިއަށްދާ އޭވީސީ ބީޗް ޓުއާ ސަމިލާ އޯޕަން މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ އެއް ވަނަ ޕެއާ، އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި އާދަމް ނަސީމް (އެޑަމް) ކުޅުނު ފަހު މެޗުން މޮޅުވެއްޖެ އެވެ.

މި މަހު 13-16 އަށް ތައިލެންޑްގެ ސޮންކްލާގައި ކުރިއަށްދާ ސަމިލާ އޯޕަންގައި ރާއްޖޭން ވާދަކުރަނީ އެޑަމް އާއި ކުޑަކާއްޓެގެ ޕެއާގެ އިތުރުން މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ)ގެ ޕެއާ އެވެ. ދެ ޕެއާ އަށް ވެސް ގްރޫޕް ސްޓޭޖަށް ވުރެ ކުރިއަށް ނުދެވުނެވެ.

އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ގްރޫޕްގައި ކުޅުނު ފަހު މެޗުން މިއަދު ތައިލެންޑްގެ ނޮބްޕަދޯން އާއި ޗަޓްޗާވަންގެ ޕެއާ އަތުން މޮޅުވީ ދެ ސެޓު އެއް ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 18-21، 21-17 އަދި 15-09 އިންނެވެ.

ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ހިމެނުނީ، ގްރޫޕް އެފްގަ އެވެ. މި ގްރޫޕްގައި ފުރަތަމަ ކުޅުނު މެޗުން ޖަޕާންގެ ޓަކަަހާޝީ އާއި އިކޭޑާގެ ޕެއާ އަތުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ ސީދާ ދެ ސެޓުންނެވެ. ޓަކަހާޝީ އާއި އިކޭޑާގެ ޕެއާ ސެޓުތައް ގެންދިޔައީ، 21-14، 21-16 އިންނެވެ. ގްރޫޕްގެ ދެ ވަނަ މެޗުން އެޑަމް އާއި ކުޑަކާއްޓެގެ ޕެއާ ބަލިވީ، ނިއު ޒީލެންޑްގެ ރީޑް އާއި މެކްމަނަވޭގެ ޕެއާ އަތުންނެވެ. ރީޑް އާއި މެކްމަނަވާގެ ޕެއާ އިން ސެޓުތައް ގެންދިޔައީ، 21-19، 21-16 އިންނެވެ.

ކޯކޭ އާއި ޑެންޒޯގެ ޕެއާ އިން އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އޭވީސީ


މެދުކެނޑުމަކަށް ފަހު، ޑެންޒޯ އާއި ކޯކޭގެ ޕެއާ ބައިނަލްއަގުވާމީ ލެވަލްގައި މުބާރާތެއްގައި ވާދަކުރިއިރު، އެ ޕެއާ އިން ގްރޫޕް ޑީގައި ވާދަކޮށް ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ. އެ ގޮތުން ފުރަތަމަ މެޗުގައި ގަތަރުގެ އަހުމަދު އާއި އީހާބްގެ ޕެއާ އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިވީ 21-14، 21-08 އިންނެވެ. ދެ ވަނަ މެޗުގައި، އީރާންގެ ޕޫރާސްގާރީ އާއި އައްގާޖާނީގެ ޕެއާ އަތުން ޑެންޒޯ އާއި ކޯކޭގެ ޕެއާ ބަލިވީ 21-07، 21-13 އިންނެވެ.

ގްރޫޕްގެ ފަހު މެޗުގައި މިއަދު ޑެންޒޯ އާއި ކޯކޭގެ ޕެއާ ނުކުތީ އިންޑިއާގެ ރަވީ އާއި ބާރަތުގެ ޕެއާއާ ދެކޮޅަށެވެ. ރަވީ އާއި ބާރަތުގެ ޕެއާ ފުރަތަމަ ސެޓު، 21-12 އިން ގެންގޮސްފައިވަނިކޮށް ޑެންޒޯ އާއި ކޯކޭގެ ޕެއާ ދެ ވަނަ ސެޓު، 13-21 އިން ގެންގޮސް މެޗު އެއްވަރުކުރި އެވެ. ނަތީޖާ ނެރުނު ސެޓުން، ރަވީ އާއި ބާރަތުގެ ޕެއާ މޮޅުވީ 15-11 އިންނެވެ.

މި ފަހަރުގެ ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ސިލެކްޝަނުގައި ޒުވާން ކުޅުންތެރިޔާ، ޝަމާއިލް ހުސެއިން ނުހިމެނޭތީ ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ގައުމީ ބީޗްވޮލީބޯޅަ ޓީމުގެ ކޯޗަކަށް މަސައްކަތްކުރި ބްރެޒިލްގެ ތަޖުރިބާކާރު، ވިނީޝިއުސް ޖިއޯނީގެ އިރުޝާދުގެ ދަށުން ތަމްރީންވެ، ޝަމާއިލް ވަނީ، މިދިޔަ އަހަރުގެ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންގެ ބީޗް ވޮލީބޯލް ޓުއާގައި ހިމެނުނު ރާއްޖޭގެ ބީޗްވޮލީ ޓީމަށް ކުޅެފަ އެވެ.

އެ މުބާރާތުން ކުޑަކާއްޓެ އާއި އެޑަމްގެ ޕެއާ ރަން މެޑަލް ހޯދިއިރު، ރާއްޖޭން ދެން ވާދަކުރި ޕެއާގައި ހިމެނެނީ ޝަމާއިލް އާއި އަހުމަދު މުހައްމަދު (ކޯކޭ) އެވެ.