Advertisement

25 އަހަރު ކުރިން ޖެހުނު ލޯބި ހިފައިގެން އިފްހާމް މަޖިލީހަށް

17 އޭޕްރީލް 2024 - 11:27 3

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

މާފަންނު އުތުރު ދާއިރާގެ މަޖިލިސް ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އިފްހާމް ހުސެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


25 އަހަރު ކުރިން ޖެހުނު ލޯބި ހިފައިގެން އިފްހާމް މަޖިލީހަށް

17 އޭޕްރީލް 2024 - 11:27 3

އޭލެވެލް އިމްތިހާނު ނިންމައިލުމަށްފަހު އެސިސްޓެންޓު ޓީޗަރެއްގެ ގޮތުގައި އިސްކަންދަރު ސްކޫލަށް އިފްހާމް ހުސެއިން ނުކުތީ ވަރަށް ފޮނި އުއްމީދުތަކަކާ އެކު އެވެ. އެ އުއްމީދުގެ ތެރެއިން އުފެދެމުންދިޔަ ޝައުގު ބޮޑުވެ އެ ދާއިރާއިން މިޑްލް ސްކޫލް ސައިންސް އަދި މެތުސް ހާސިލުކޮށްގެން 1997 ގައި އަމީނިއްޔާ ސްކޫލުގެ ވަޒީފާއާ އޭނާ ގުޅުނެވެ.

ޓީޗިން ދާއިރާގެ އެންމެ އުހަށް ދިޔުމަށް އޭނާ ކުރަމުން ދިޔަ އުއްމީދުތަކުގައި ކުލަ ޖެހުނީ 1999 ވަނަ އަހަރު ވުޖޫދު ކުރި ޣިޔާސުއްދީން ސްކޫލުން ސުޕަވައިޒަރެއްގެ މަގާމު ލިބުމުންނެވެ. އެ ކުރިއެރުމާއެކު އުއްމީދުގެ ލޮލަށް ފިނިކަމެއް ލިބުނު ނަމަވެސް އެއީ އޭނާގެ މުޅި ކެރިއަރު ބަދަލު ކުރާން މަޖުބޫރު ކުރުވި ސަބަބު ވެސްމެ އެވެ.

ޓީޗިން ދާއިރާގެ މަސައްކަތުގައި އަވަދިނެތި އުޅެނިކޮށް އިފްހާމްގެ ޝައުގުވެރިކަން ގޮސް ހުއްޓުނީ އެ ސްކޫލުގައި ތައުލީމު ހާސިލު ކުރަމުންދިޔަ ފަސް ކުދީންނަށެވެ. އެހެން ކުދީންނާ "ތަފާތު" އެ ފަސް ކުދީންނަށް ލިޔާންކިޔާން ވެސް އޭރު ނޭނގެ އެވެ. ގުރޭޑު 6، 7 ގައި ރިޕީޓުވެފައި ތިބި އެ ކުދީންނަށް ހާއްސަ ސަމާލުކަމެއް ދީގެން އިފްހާމް މަސައްކަތް ކުރުމުގެ ނަތީޖާ ވަރަށް ވެސް ކާމިޔާބެވެ.

އިފްހާމްގެ އެހީއާއެކު ފުރަތަމަ ފަހަރަށް އެކުދީން ސައިސް މާއްދާއިން ފާސްވީ އެވެ. އުނގަންނައިިދިނުމަށް އޮތް ޝައުގުގެ ތެރެއިން އޭނާގެ ހިތް ސްޕެޝަލް އެޑިއުކޭޝަނާއި އާލީ ޗައިލްހުޑްއަށް ދަމައިގަތީ އެ ހިސާބުންނެވެ.

"ހަމައެކަނި އެޑިއުކޭޝަން އެޑްމިނިސްޓްރޭޝަން ޑިގްރީއެއް އަތުގައި ހަދާލައިގެން އެ ކުދިން އެ އުޅޭ ގޮތް އަޅުގަނޑަށް އެނގޭނެ ކަމަށް ގަބޫލު ނުކުރެވުނު. އެދުވަހުގެ ފަހުން އަޅުގަނޑުގެ ކެރިއާ ބަދަލުކުރިން. އެގޮތުން އާލީ ޗައިލްޑްހުޑް ޑިގްރީ ހެދިން އަދި ސްޕެޝަލް އެޑިއުކޭޝަނުން މާސްޓާސް ހެދިން ޔުނިވާސިޓީ އޮފް ކުއީންސް ލޭންޑުން،" އިފްހާމް ވިދާޅުވި އެވެ.

ކިޔެވުމަށްފަހު އެނބުރި ރާއްޖެ އައިސް، އެހައިތަނަށް މުޖުތަމައުއިން ބާކީކޮށްފައި ތިބި "ތަފާތު" ކުދީންނަށް ވެސް އެހެން ކުދީންނެކޭ އެއްފަދައިން ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުމުގެ ބިޔަ ބޮޑު މަސައްކަތާ އިފްހާމް ކުރިމަތިލި އެވެ.

އިފްހާމުގެ ހިތްހަމަޖެހުމަކީ ގިނަ ބަޔަކު އެމްޕަވާކޮށް ވަޒީފާގެ މައިދާނަށް ނެރުން

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްގުތައް ހޯދަން އެންމެ ފުރަތަމަ އިފްހާމް ކުރި މަސައްކަތަކީ ހޭލުންތެރި ކުރުވުމަށް ސެޝަންތައް ނަގައި، ޓީވީތަކަށް އަރައި އެވާހަކަ ދައްކަން ފެށުމެވެ. ބެލެނިވެރިންނަށް އޯޓިޒަމްއަކީ އެއީ ކޯއްޗެއްކަން ވެސް އޭރަކު ނޭގެ އެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ބެލެނިވެރިން އެކަހަލަ ކުދިން ސްކޫލަށް ވެސް ނުފޮނުވާ އޭރު ބައިތިއްބަނީ ގޭގަ އެވެ.

އިފްހާމްގެ ބުރަ މަސައްކަތުން ގިނަ ބެލެނިވެރިން ގާނޫނަށް އަހުލުވެރި ކުރެވުނެވެ. އެއާއެކު ކުދިން ސްކޫލަށް ފޮނުވަން ބާރު އެޅުމާއެކު މަޑުމަޑުން އެކަން ވެސް ބަދަލުވާން ފެށި އެވެ. ބެލެނިވެރިން ހޭލުންތެރިކުރުމުގެ އިތުރުން އިފްހާމް ދިޔައީ ގުރޭޑު އެކަކަށް ވަދެވޭ މިންވަރަށް ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތައްޔާރު ވެސް ކޮށްދެމުންނެވެ. އަދި ސްކޫލަށް ވަނުމަށްފަހު އެކުދިންނަށް ދޭންޖެހޭ އެހީތެރިކަންދީ އޭނާ ދިޔައީ އަމިއްލައަށް މޮނިޓާ ކުރަމުންނެވެ.

"ނުކުޅެދުންތެރިކަން ހުންނަ ކުދިންނަކީ ކޮންމެ ކަމެއް ވެސް ދަސްކޮށްދޭން ޖެހޭ ކުދިން. ކާންދޭން ވިޔަސް އަދި ފާހާނާއަށް ދާން ވިޔަސް ދަސްކޮށްދޭން މި ޖެހެނީ ފޮޓޯގެ ޒަރީޔާއިން. ގޯލްސްތައް ރީޗްވީމަ ކުދިން އަމިއްލައަށް ތާހިރުވާން ވެސް އެނގޭ ވަރަށް އަޅުގަނޑުމެން ޓްރެއިން ކުރަނީ" އިފްހާމް ވިދާޅުވި އެވެ.

އުޖޫރައަކާ ނުލައި ބެލެނިވެރިންނަށް ކުދިންގެ ކަންތައްތައް ކިޔައި ދިނުމަށް ކުރި މަސައްކަތް ފުޅާކޮށް ސަޕޯޓް ގްރޫޕެއް ވެސް އޭނާ އުދެއްދި އެވެ. އެ ގްރޫޕަށް ހިތްވަރުދީ، ސްޕޮންސާ ހޯދަން މަގުމަތީގައި އިފްހާމް ފުރަތަމަ ހިނގަން ޖެހުނީ މަގުމަތީގަ އެވެ.

"ބެލެނިވެރިންނާއެކު ވޮލެންޓަރީ މަސައްކަތްކުރީ ހިލޭ ސާބަހަށް އެއްވެސް މުސާރައަކަށް އެއްވެސް އެއްޗަކަށް ނޫން. ބެލެނިވެރިންނަށް ކުދިންގެ ކަންތައްތައް ކިޔައިދީ ކުދިންނާއެކު މަސައްކަތްކުރާނެ ގޮތާއި ބިހޭވިޔާ މޮޑިފައިކުރާނެ ގޮތާއި ސަޕޯޓް ގްރޫޕެއް ހަދައިގެން އެމީހުންނަށް ހިތްވަރުދީ، ތެރަޕީ ހޯދަން ސްޕޮންސާ ލިބޭތޯ ސަލާން ޖަހަން އެމީހުންނާއެކު ހިނގިން" އިފްހާމް ވިދާޅުވި އެވެ.

މަގުމަތީގައި ހިނގައިގެންނާއި އެހެނިހެން ގޮތްގޮތުން އޯޓިޒަމް ސެންޓަރަށް ސްޕޮންސާގެ ގޮތުގައި ލިބުނު އެހީގައި ދެން އިފްހާމް ފެށީ ރާއްޖޭގެ އެކި ރަށްރަށުގެ ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތެވެ. އެގޮތުން ސަރުކާރުން ލިބެންޖެހޭ ހައްގުތަކަށް ބެލިނިވެރިން އަހުލުވެރި ކުރުވައި ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ ހަރަކާތަކެއް އޭނާ ހިންގި އެވެ.

އިފްހާމް ދެކޭ ގޮތުގައި އެކަން އެންމެ ބޮޑަށް ހާސިލުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން އޭނާއަށް ލިބުނު ހިސާބުންނެވެ. އެ މަގާމާ ހަވާލުވުމަށްފަހު އަތޮޅުތަކަށް ކުރެއްވި ދަތުރުތަކުގައި 570 އެއްހާ ފަރާތް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަނަށް ތައްޔާރު ކުރި އެވެ. އެއީ ލިބެން ހުރި ވަސީލަތްތައް ބޭނުންކޮށްގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތަކާއެކު ބެލެނިވެރިންނަށް އުޅެން ދަސްކޮށް ދިނުމަށެވެ.

ބިޔަ ބޮޑު އެ މަސައްކަތުގެ ތެރެއިން ނުކުޅެދުންތެރިކަން ހުރި އެތައް ކުދީންނެއް ވަޒީފާގެ މާހައުލަށް އިފްހާމް ނެރެދިނެވެ. އެކަން ކުރީ ވަރަށް އުނދަގޫ ދަތުރަކަށްފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

މަޖިލީހަށް ނިކުންނަނީ ނާޒުކު ހާލަތުގައި ދިރިއުޅޭ ރައްޔިތުންގެ އަޑު އިއްވަން

ރާއްޖޭގެ އާބާދީގެ ހަތް ޕަސަންޓް މީހުންނަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ނާޒުކު ހާލަތުގައި ދިރިއުޅޭކަމީ އިފްހާމް އެކަމާ ނުހަނު ކަންބޮޑުވާ ކަމެކެވެ. އެ ކަންތައްތަކަށް ހައްލު ހޯދައިދިނުމަށް މަޖިލީހުގެ ތަޅުމުގައި އަޑު ނުއުފުލޭކަން އެއީ އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

"މަގުމަތިން ފެނޭ މަންމައަކު ފުރޮޅުލީ ގޮނޑިއެއްގައި 33 އަހަރުގެ އަންހެނަކު ކުއްޖަކު ގޮވައިގެން އުޅޭތަން. މަންމަ އެހެރީ މިހާރު 54 އަހަރުވެފައި އަދި ވަރަށް ބަލި. މާދަމާ ވެސް އެ މަންމަ ލޯ މަރާލައިފިއްޔާ އެ ކުއްޖާ އެނދުމަތިވީ. އަޅުގަނޑުމެން އެބަ ޖެހޭ ސާވިސް ދޭނެ ތަންތަން އެމްޕަވާކުރަން. އަދި އިންޑިޕެންޑެންޓް ލިވިން ދެވޭ ހިސާބަށް ގެންދަން ޖެހޭ. އެ ހާލަތު ރަނގަޅުކުރަން މި ނިކުންނަނީ" އިފްހާމް ވިދާޅުވި އެވެ.

ރާއްޖޭގައި އެންމެ ގިނައިން ނާޒުކު ހާލަތުގައި މީހުން ދިރިއުޅޭ އެއް ދާއިރާއަކީ މާފަންނު އުތުރު ކަމަށްވާއިރު، މިހާތަނަށް ކުރަމުން އައި މަސައްކަތް މަޖިލީހުގައިކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އަޑު މަޖިލީހުގައި އިއްވައި ދިނުމަކީ އިފްހާމުގެ އަމާޒެވެ.

އިފްހާމް ދެކޭ ގޮތުގައި ޓެކްނޮލޮޖީއަށް އައި ބަދަލުތަކާއެކު ނުކުޅެދުންތެރިކަމާ ބެހޭ ގާނޫނު މިހާރު އޮތީ ވަރަށް ބޮޑަށް އައުޓްޑޭޓްވެފަ އެވެ. އެގޮތުން ޓެކްނޮލޮޖީއާ އެއްވަރަށް ރާއްޖޭގެ ގާނޫނުތައް ވެސް އަޕްގްރޭޑް ކުރަން ޖެހޭ ކަމަށް އިފްހާމް ދެކެ އެވެ.

"މިހާރު ހުންނަ އެސިސިސްޓިވް ޑިވައިސަސް ބްލައިންޑް ކުދިންނާއި ހިއަރިން އިމްޕަޔާޑް ކުދިންނަށް ހުންނާނީ އެޑްވާންސް އެއްޗެހި ހުންނާނީ. އެހެންވީމާ ގާނޫނު ތެރެއިން އެ ފަރާތްތަކަށް އެ ލިބެންވާ ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނަށް އިސްލާހު ގެނެވިގެން" އިފްހާމް ވިދާޅުވި އެވެ.

ނާޒުކު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު މަޖިލިސް ތެރެއިން ބަދަލުކޮށް، މުއައްސަސާތައް ޒިންމާދާރު ކުރުވުމަކީ އިފްހާމްގެ އަޒުމެވެ.

ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ދެނެގަނެވިއްޖެ ކަމަށްވާނަމަ އެ ކުދިން އަނބުރާ މުޖުތަމައުއަށް ގެނައުމަކީ ފަސޭހަކަމެއްކަން ފާހަގަކުރައްވާ އިފްހާމް ވިދާޅުވީ އެމްޑީޕީގެ މިދިޔަ ސަރުކާރުން ވާނީ ޑިސެބިލިޓީ ކައުންސިލުން އެކަމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައި ކަމަށެވެ.

އެގޮތުން މައިލްސްޓޯންތަތަކާއި ހިއަރިން ދެނެގަނެވޭނެ ގޮތް އެނގޭ ގޮތަށް ހެލްތު ރިޕޯޓް ކާޑަށް ބަދަލު ގެނެސް، އެކަން އެގޮތަށް ކުރުމުން ދުރާލާ ކުދިން ދެނެގަނެވޭ ކަމަށާއި، މައްސަލައަކީ އެކަން ނުކުރާތީ ކަމަށް އިފްހާމް ވިދާޅުވި އެވެ.

މީގެ 25 އަހަރު ކުރިން އިފްހާމްގެ ހިތް ފުރާލި ލޯބި ހިފައިގެން މިއަދު މަޖިލީހުގެ ތަޅުމަށް މިސްރާބު ޖަހާފައިވާއިރު، މިވީހައި ދުވަހު ދިވެހިންގެ ތެރެއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމީހުންގެ އުފަން ބިމުގައި ހަމަޖެހިގެން ދިރިއުޅެވޭނެ މަގެއް ހޯދައި ނުދެވި އޮތީ އެކަމަށްޓަކައި އެކަށީގެންވާވަރުގެ މަސައްކަތްތަކެއް ދުސްތޫރީ ނިޒާމުގެ ތެރެއިން ނުކުރެވި އޮތުމުން ކަމަށް އޭނާ ގަބޫލު ކުރައްވަ އެވެ.

މާފަންނު އުތުރު ދާއިރާގެ މަޖިލިސް ގޮނޑި ފުރަން އިފްހާމް ކުރިމަތިލެއްވީ ނުވަދިހަ ނުވަވަނަ އަހަރު ދިމާވި ފަދަ އެތައް ހާސް ކުދީންނެއްގެ ހައްގުގަ އެވެ. ހިނިތުންވެ އިނދެ އިފްހާމް ދޭ ޔަގީން ކަމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހެން މީހުންނެކޭ އެއްގޮތަށް ދިރިއުޅެވޭނެ ފަދަ މާހައުލެއް ގާނޫނުގެ ތެރެއިން ގާއިމު ކޮށްދެއްވާނެ ކަމެވެ.