Advertisement

ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުސްކޮށް، ހަރުގެ އަޅާނެ އާ ތަނެއް ހޯދަނީ

28 އޭޕްރީލް 2024 - 10:37 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް


ދަ ޑިމޮކްރެޓްސްގެ ހަރުގެ ހުސްކޮށް، ހަރުގެ އަޅާނެ އާ ތަނެއް ހޯދަނީ

28 އޭޕްރީލް 2024 - 10:37 0

އާޓިފިޝަލް ބީޗުގައި ހުރި، ދަ ޑިމޮކްރެޓްސްގެ ހަރުގެ "ހައުސް އޮފް ޑިމޮކްރެޓްސް" ހުސްކުރަން ފަށައިފި އެވެ.

ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ, ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ހަރުގެ ހުސްކުރަނީ އިމާރާތެއް އެޅުމަށް ޓަކައި ބިން ހުސްކުރަން ޖެހޭތީ ބިމުގެ ވެރިފަރާތުން އެންގުމުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އޭޕްރިލް 1، ގެ ކުރިން ހަރުގެ ހުސްކުރަން ނޯޓިސް ވެސް އޮތީ ދީފަ އެވެ.

"ހަރުގެ ހަދާނެ އެހެން ތަނެއް ހޯދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ. ޕާޓީގެ އޮފީސް ހުރީ އިމާރާތެއްގެ މަތީ ފްލޯއެއްގައި ވީމާ، ގްރައުންޑް ފްލޯގައި ހުންނަ ހަރުގެ އެއް މުހިންމުވާތީ،" ބޮންޑެ ވިދާޅުވި އެވެ.

ހަރުގެ ހުސްކުރަނީ އޭނާ ވިދާޅުވި ގޮތުގައި ޑިމޮކްރެެޓްސް ހީނަރުވާތީ އެއް ނޫނެވެ. ޕާޓީއަށް މީހުން އިތުރުކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އަތޮޅުތަކަށް ވަރަށް އަވަހަށް ދަތުރުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިތިބީ ޕާޓީގެ މަސައްކަތްތައް ބާރަށް ކުރިއަށް ގެންދަން،" ބޮންޑެ ވިދާޅުވި އެވެ.

ދަ ޑިމޮކްރެެޓްސްގެ ހަރުގެ މިހާރު ހުރި ތަނުގައި ކުރިން ހިންގަމުން އައީ މައި އިދިކޮޅުޕާޓީ އެމްޑީޕީގެ ހަރުގެ އެވެ. އެ ބިމުގެ ވެރިފަރަތަކީ އެ ޕާޓީގެ ކުރީގެ އެކްޓިވިސްޓް ޝަފިއްޔާ ޒުބައިރެވެ. އެމްޑީޕީ ތެރޭގައި ދެ ފެކްޝަން އުފެދި, ކޯޅުން ބޮޑުވެފައި ވަނިކޮށް ޕާޓީގެ މައި ހަރުގެ ހުސްކުރަން އެންގީ މާޗް 31، 2023 ގަ އެވެ.

ޝަފިއްޔާ އޭރު ބުނީ މިހާރު އެ ބިން އޭނާ ކުއްޔަށް ދޫކުރީ ވިޔަފާރިވެރިޔަކަށް ކަމަށެވެ. އެއީ އެ ވިޔަފާރިވެރިޔާ އެހެން ބަޔަކަށް ވެސް ކުއްޔަށް ދެވޭ ގޮތަށެވެ. އެ އިމާރާތް ޑިމޮކްރެޓުންގެ ފަރާތުން ނެގީ އެ ވިޔަފާރިވެރިޔާއާ އެކު ހެދި ސަބް ލީސް އެއްބަސްވުމެއްގެ ދަށުން ކަން އެ ޕާޓީން އޭރު ބުންޏެވެ.