Advertisement

ސްޓޫޑެންޓު ލޯނާއި އެސްއެމްއީ ލޯނު ލިބުން ދަތިވެއްޖެ! ނަމަނަމަ ހުއްޓައިނުލާތި: ސޯލިހު

13 އޭޕްރީލް 2024 - 08:57 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އައްޑޫ ސިޓީގެ ހިތަދޫގައި ރޭ އެމްޑީޕީއިން ބޭއްވި ކެމްޕޭނު ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


ސްޓޫޑެންޓު ލޯނާއި އެސްއެމްއީ ލޯނު ލިބުން ދަތިވެއްޖެ! ނަމަނަމަ ހުއްޓައިނުލާތި: ސޯލިހު

13 އޭޕްރީލް 2024 - 08:57 0

ސްޓޫޑެންޓު ލޯނާއި އެސްއެމްއީ ބޭންކުން ލޯނު ލިބުމުގެ ދަތިތައް ބޮޑުވެފައިވާ ކަމަށާއި އެއީ "ރާއްޖޭގެ ތަރައްގީ" ކަމަށް ވިދާޅުވެ، އެ ސްކީމުތައް ހުއްޓައިނުލުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ސިޓީގެ ދާއިރާތަކަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ރޭ އެ ސިޓީގެ ހިތަދޫގައި ބޭއްވި ޖަލްސާގައި ރައީސް ސޯލިހު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ތަރައްގީއަށްޓަކައި ކުރެވުނު އެންމެ މުހިއްމު އެއް ކަމަކީ ހިލޭ ޑިގްރީ ޕްރޮގްރާމު ކަމަށާއި ވޭތުވެދިޔަ ފަސް އަހަރު 18،000 އަށް ވުރެ ގިނަ ދަރިވަރުން އެ ޕްރޮގްރާމުގައި ބައިވެރިވެ، 9000 ދަރިވަރުން ޑިގްރީ ހާސިލުކޮށްފައިވާ ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގެ ތާރީހުގައި ތައުލީމީ ދާއިރާއިން މިއިން ޒަމާނަކު ފަހިކޮށް ދެވިފައި ނުވާވަރުގެ ފުރުސަތުތަކެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ވޭތުވެދިޔަ ފަސް އަހަރު ގާތްގަނޑަކަށް 3700 ދަރިވަރުން ސްޓޫޑެންޓު ލޯނުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން ދިޔަ ކަމަށާއި ނަމަވެސް މިއަދުގެ ކަންބޮޑުވާ ކަމަކީ އެ ލޯނު ނުލިބުމުގެ ޝަކުވާ ކަމަށް ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ރައީސް ޑރ މުހައްމަދު މުއިއްޒަށް، ވިސްނާ ވަޑައިގެން، ނަމަނަމަ މިކަން ނުހުއްޓުވައްޗޭ. މިއަށް ފައިސާ ބަހައްޓުވައްޗޭ. ރާއްޖޭގެ ތަރައްގީއަކީ އެއީއޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިގުތިސޯދު ކުރެއެރުވުމަށްޓަކައި އެ މަނިކުފާނުގެ ދައުރުގައި ކުރެވުނު މުހިއްމު އަނެއް ކަމަކީ މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކެއް ހަދައި ލޯނު ދޫކުރަން ފެށުން ކަމަށާއި، އޭގެ ސަބަބުން އާ ވިޔަފާރިތަކާއި ވިޔަފާރިވެރިން އުފެދިފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

މިސާލެއްގެ ގޮތުގައި އެ މަނިކުފާނު ނެންގެވީ ފުވައްމުލަކެވެ. އެ ރަށުގައި ގެސްޓުހައުސް ހިންގަވާ ފަރާތްތަކާ ހަވާލާ ދެއްވައި ސޯލިހު ވިދާޅުވީ އެސްއެމްއީ ލޯނު ތައާރަފުވުމުގެ ކުރިން އެރަށުގައި ހުރީ 150 އަށް ވުރެ މަދު ޓޫރިސްޓު އެނދު ކަމަށާއި ނަމަވެސް އެސްއެމްއީ ލޯނު ތައާރަފުކުރި ފަހުން 350 އެނދާ ގާތްކުރާ އަދަދަކަށް އެނދު އިތުރުވެފައިވާ ކަމަށެވެ.

އެސްއެމްއީ ބޭންކުން ދިން ލޯނުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 4000 އެނދު ތައާރަފު ކުރެވިފައިވާ ކަމަށާއި ނަމަވެސް، މިއަދުގެ ކަންބޮޑުވަނީ އެ ބޭންކުގައި ހުރި ފައިސާ ނަގައި އެހެން ކަންކަމަށް ބޭނުންކުން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެތާކު ނެތް ފައިސާއެއް. ނަމަކަށް އިއުލާނުކޮށްގެން އެ އުޅެނީ ލޯނު ދޭނަމޭ. ހަމަ ހަގީގަތުގައި [އެތާކު ފައިސާއެއް] ނެތް،" ސޯލިހު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ބޭނުން ވަނީ މިފަދަ ކަންކަން ހަމަމަގަށް އެޅުވުމަށް ކަމަށް ސޯލިހު ވިދާޅުވި އެވެ.