Advertisement

ޔާމީނުގެ ޝަރީއަތް ލަސްވާ މައްސަލަ އަސްލަމް ޖޭއެސްސީއަށް ހުށަހަޅަނީ

13 އޭޕްރީލް 2024 - 00:19 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން: ހައިކޯޓުގައި ހިނގަމުންދާ ޔާމީންގެ މައްސަލައިގައި ދެން އޮންނާނީ ހުކުމް އިއްވުމުގެ މަޖިލިސް -- ފޮޓޯ: މިރާޝް ނާޝިމް


ޔާމީނުގެ ޝަރީއަތް ލަސްވާ މައްސަލަ އަސްލަމް ޖޭއެސްސީއަށް ހުށަހަޅަނީ

13 އޭޕްރީލް 2024 - 00:19 0

ރިޝްވަތު ހިފުމާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފުގެ ޝަރީއަތް ލަސްވަމުންދާ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މި މަހު އޮންނަ މަޖިލިސް އިންތިހާބާ ދިމާކޮށް އިދިކޮޅު އެމްޑީޕީއިން މިރޭ އައްޑޫ ސިޓީގައި ބޭއްވި ކެމްޕޭނު ހަރަކާތެއްގައި ވާހަކަދައްކަވަމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެމްބަރުކަން ވެސް ކުރައްވާ އަސްލަމް ވިދާޅުވީ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްތަކެއް ވުމުން ދޭހަ ވަނީ ސަރުކާރުން މިކަމުގެ ތެރެއަށް ނުފޫޒު ފޯރުވާ އަތްބާނަމުންދާ މިންވަރު ކަމަށެވެ.

"ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަމަ އެ މައްސަލަ ޖޭއެސްސީއިން" އެމަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސުންނަށް ދޭން ޖެހޭ ފުރިހަމަ އިހުތިރާމު ދޭން ޖެހޭނެ ކަމަށާއި ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން ބަލައިނުގަނެވޭނެ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ.

އަސްލަމް މި ވާހަކަތައް ދެއްކެވީ، ޔާމީންގެ މޭސްތިރިކަމުން އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ހުރަސްއެޅި މައްސަލައިގައި ސަރުކާރުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.

ޔާމީނުގެ ޝަރީއަތާ ގުޅިގެން މައްސަލަ ބަލާ ހައިކޯޓުން އެންމެ ފަހުން ބުނެފައިވަނީ، ކޯޓުގައި ހުރި ގިނަ މައްސަލަތަކުގެ ތެރެއިން، އެ ޝަރީއަތް ލަސްވަމުންދާ ކަމަށް ކޯޓުން ނުދެކޭ ކަމަށެވެ.

ޔާމީނުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކާއި ޔާމީނުގެ ސަޕޯޓަރުންގެ ބޮޑެތި ތުހުމަތުތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒާއި ސަރުކާރުގެ އިސް ފަރާތްތަކުން ނުފޫޒުގެ ތުހުމަތުތައް އިންކާރުކުރެ އެވެ.

ޔާމީނު މިނިވަންކުރުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. ނަމަވެސް ހުވާކުރެއްވުމުގެ ކުރިން އެމަނިކުފާނާއި ޔާމީންގެ ގުޅުން ގޯސްވެ ޔާމީން ވަނީ ސަރުކާރާ ފެއަށް ޖެހި އަމިއްލަ ސިޔާސީ ޕާޓީއެއް (ޕީއެންއެފް) އުފެއްދުމުގެ މަސައްކަތް ފައްޓަވާފަ އެވެ.

ސަރުކާރުން މި މައްސަލައިގައި ޔާމީންގެ ސަޕޯޓަރުންނާއި މިފަހަކަށް އައިސް އިދިކޮޅުގެ ފާޑުކިޔުން އަމާޒުވުމުން ބުނަނީ ވައުދުވީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވުން ހުއްޓާލަން ކަމަށާއި އެކަން ސަރުކާރުން ކޮށްފި ކަމަށެވެ.

ހައި ކޯޓުގައި ޔާމީނުގެ އިސްތިއުނާފީ ޝަރީއަތުގައި، އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ ނޮވެމްބަރު 21، 2023 ގަ އެވެ. އެ ދުވަހު ކުރިއަށް ގެންދިޔައީ މައްސަލައިގެ ފަހު ބަސް އިއްވުމެވެ. ދެން އޮންނާނީ ހުކުމް އިއްވުމެވެ.