Advertisement

ރައީސްގެ ކެންޑިޑޭޓު އިއުލާނުކޮށްފައި އޮއްވައި އެޗްޑީސީގެ ސީއޯއޯގެ ތާއީދު ސަނާހުއަށް

12 އޭޕްރީލް 2024 - 09:18 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

އެޗްޑީސީގެ ސީއޯއޯ އަދި ދިޔަރެސް ނޫހުގެ ކޯ ފައުންޑާ އަދި އެ ނޫހުގެ މެނޭޖިން ޑިރެކްޓަރު، އަހުމަދު އިބްރާހިމް (ޕޮކަންޑި) އާއި އިބްރާހިމް ސަނާހު


ރައީސްގެ ކެންޑިޑޭޓު އިއުލާނުކޮށްފައި އޮއްވައި އެޗްޑީސީގެ ސީއޯއޯގެ ތާއީދު ސަނާހުއަށް

12 އޭޕްރީލް 2024 - 09:18 0

ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ތިމަރަފުށީ ދާއިރާއިން ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ރައީސް މުއިއްޒު ތާއީދު ކުރައްވަނީ އެ ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރާ އަހުމަދު ރިޔާޒަށްކަން އިއުލާނުކޮށްފައި އޮއްވައި، އެޗްޑީސީގެ ސީއޯއޯ އަހުމަދު އިބްރާހިމް (ޕޮކަންޑި) ގެ ތާއީދު އަބަދު ވެސް އޮތީ އެ ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓު، އިބްރާހިމް ސަނާހު (ސަންޓޯ) އަށް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ތިމަރަފުށީ ދާއިރާއަށް އަމިއްލަ ގޮތުން ކުރިމަތިލާފައިވާ އަހުމަދު ރިޔާޒަށް ތާއީދު ހޯދައިދިނުމަށާއި ޖަގަހައެއް ހުޅުވުމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމާއި ހެލްތު މިނިސްޓަރު، އަބްދުﷲ ހަލީލް އިއްޔެ އެރަށަށް ވަޑައިގަތުމުން މަސްލަހަތު ގޯސްވެ، ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވި އިބްރާހިމް ސަނާހު (ސަންޓޯ) ގެ ސަޕޯޓަރުން މުޒާހަރާ ކޮށްފައި ވަނިކޮށް ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަދި މެނޭޖިން ޑިރެކްޓަރުގެ ތާއީދު ސަނާހުއަށް އޮތްކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

މިިމަހުގެ ދެވަނަ ދުވަހު އެކްސްގައި "ސަންޓޯ24" ޖަހާފައި ކުރި ޕޯސްޓެއް، ރީޕޯސްޓު ކުރުމަށް ފަހު އަހުމަދު (ޕޮކަންޑި) މިއަދު ވިދާޅުވީ ފެށުނީއްސުރެއް ސަންޓޯއަށް ތާއީދު ކުރަމުން ދަނީ ވަރަށް ފާޅުގައި ކަމަށެވެ.

"އަހަރެންގެ ކެންޑިޑޭޓު ވަރަށް ސާފު، ވަރަށް ފާޅުގައި ސަންޓޯއަށް ފެށުނީއްސުރެއް ތާއީދު ކުރަމުން މިދަނީ،" އަހުމަދުގެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

މިފަދައިން އަހުމަދު (ޕޮކަންޑި) އެކްސްގައި ޕޯސްޓެއް ކުރައްވާފައިވާއިރު، ޕީއެންސީގެ ލީޑަރުގެ ގޮތުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމަނިކުފާނު ތާއީދު ކުރައްވާ ބޭފުޅުން ތިބި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަކީ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

ލ. ގަމު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ޔޫސުފް ނަޝީދުގެ ކެމްޕޭނު ޖަލްސާގައި މިމަހުގެ ދެވަނަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ވަނީ ޕީއެންސީގެ ޕްރައިމަރީ ކާމިޔާބު ނުކުރާ ކެންޑިޑޭޓަކަށް އެމަނިކުފާނު ތާއީދު ކުރައްވައިފި ނަމަ އެ ދާއިރާއެއްގެ ޕްރައިމަރީ ކާމިޔާބު ކުރެއްވި ކެންޑިޑޭޓު ފަހަތަށް ޖެހުމަށް ގޮވައިލައިފަ އެވެ.

"އަމިއްލަ މަސްލަހަތު އެއްފަރާތް ކޮށްފައި އަޅުގަނޑު ތާއީދުކުރާ، އަޅުގަނޑުމެން ތާއީދުކުރާ، ސަރުކާރުން އެދޭ ކެންޑިޑޭޓުން ހޮއްވަވައިދެއްވުމުގައި އަޅުގަނޑުމެންގެ ޕީޕީއެމް/ޕީއެންސީގެ ކިބައިން ވެސް އަޅުގަނޑު އެދެނީ އެގޮތަށް މަސައްކަތް ކޮށްދިނުމަށް، މި ވާހަކަ މި ދަންނަވަނީ ޕީޕީއެމް/ޕީއެންސީގެ މެންބަރުންނަށް، އަޅުގަނޑުމެންގެ ޕާޓީތަކުގެ މެންބަރުންގެ ކިބައިން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިހެން ފަހަތަށް ޖެހެން ކެންޑިޑޭޓުން ދެކޮޅު ހަދައި ގޮތް ދޫނުކުރާ ނަމަ އެ ކެންޑިޑޭޓުން ދޫކޮށްލުމަށް ފަހު ރައީސް މުއިއްޒު ތާއީދު ކުރައްވާ ކެންޑިޑޭޓުންގެ ފަހަތަށް އެރުމަށް ޕީއެންސީގެ ސަޕޯޓަރުން ގާތު ރައީސް އެދިވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެންގެ މެންބަރުންގެ ކިބައިން ވެސް އަޅުގަނޑުމެން އެދެން މިކަމުގައި އިސްކޮށް އުޅޭ ބޭފުޅުން ދޫ ނުދީ މިކަމުގައި ކުރިއަށް ދަންޏާ އެ ބޭފުޅުން ދޫކޮށްލައްވާފައި ތިބޭފުޅުން ސަރުކާރާ އެކީގައި އެއް ސަފަކަށް އަރައިގެން ކުރިއަށް ވަޑައިގަންނަވާށޭ،" ރައީސް ވިދާޅުވެފައިވެ އެވެ.