Advertisement

މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ނާމާންކަން ބޮޑުވާނެ: ފައްޔާޒު

11 އޭޕްރީލް 2024 - 10:09 2

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ރޭ ފުވައްމުލަކުގައި ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ނާމާންކަން ބޮޑުވާނެ: ފައްޔާޒު

11 އޭޕްރީލް 2024 - 10:09 2

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނަމަ އުމްރާނީ ތަރައްގީ އާއި ފަރުދީ މިނިވަންކަން ވަރަށް އަވަހަށް ގެއްލިގެންދާނެކަން ހަލުވި ދުވެލީގައި ފެންނަން ފަށައިފި ކަމަށާއި އެމަގަށް ދިޔަ ނުދިނުމަށް ހަމައެކަނި މިހާރު އޮތީ ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ހޯދުން ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކުގައި ރޭ ބޭއްވި އެ ސިޓީގެ މެދު ދާއިރާގެ ހަރުގެ ޖަލްސާގައި ފައްޔާޒު ވިދާޅުވީ މި ސަރުކާރުން ފެންނަމުން ދަނީ ރައްޔިތުންގެ ބާރު ގަބޫލު ނުކޮށް، އެއީ ބައެއް ކަމަށް ނުހަދައި، ބޭނުން ގޮތަކަށް ބާރު ގަދަ ކުރާތަން ކަމަށެވެ.

"އެކަން އެ ފެނުނީ އެ ބޭފުޅުންގެ ޕާޓީއާ ކުރިން އެއްކޮށް ތިބި ބޭފުޅުންތަކެއް ރޭގައި [އަންގާރަ ދުވަހުގެ ރޭ] ސިޔާސީ ޕާޓީއެއް ހަދަން އުޅުނީމާ ވީ ގޮތުން. މެންދުރުން ފެށިގެން ރޭގަނޑު 12 ޖަހަންދެން އެކަމެއް ހިނގަމުން ދިޔަ. ދިވެހިރާއްޖޭގެ އެންމެ ރައްޔިތެއް ވެސް ނެތް އެކަން ހިނގިކަން ނޭނގޭ. އެކަމަކު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވަނީ ތިމަންނައަކަށް ނޭނގެއޭ އެކަން ހިނގި ކަމެއް. އެކަން އެނގުމާއެކު ތިމަންނައަށް މި އުޅެނީ ނިދިވެސް ނައިސް ގެންނޭ މި އުޅެނީ، ނުނިދިގެންނޭ،" ފައްޔާޒު ވިދާޅުވި އެވެ.

އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި ޣިޔާސުއްދީން ސުކޫލުގައި ބާއްވަން އުޅުނު ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ފުލުހުން މަސައްކަތް ކުރީ، އެޑިކޭޝަން މިނިސްޓްރީން ސިޓީއެއް ފޮނުވައިގެން ކަމަށާއި، އެކަންކަން ދިޔައިރު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ވެސް ހުންނެވި ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

އެކަން ރައީސުލްޖުމްހޫރިއްޔާ އެނގިވަޑައިނުގަންނަވާކަން ވިދާޅުވުމަކީ ދޮގެއް ކަމަށާއި ނުވަތަ ނާގާބިލުކަން މާ ބޮޑުވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަމުގައި ފުލުހުންނަކީ އިތުބާރު ކުރެވޭ ޝަރަފުވެރި ބަޔަކަށް ހެދުމަށް މަސައްކަތް ކަމަށާއި ނަމަވެސް މި ވެރިކަމަށް ހަތަރުމަސް ވުމުގެ ކުރިން މުޅި އެ ނިޒާމު އަނބުރާލައި ކުރިން އޮތް ގޮތަށް ބަދަލު ގެންނަމުންދާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.