Advertisement

ޕީއެންސީގެ ވެރިކަމުގައި މަޖިލީހުގެ މެންބަރުން ވާނީ ސަރުކާރުގެ އަޅުންނަށް: ފައްޔާޒު

11 އޭޕްރީލް 2024 - 09:02 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރޭ ފުވައްމުލަކު ގައި ބޭއްވި ހަރުގެ ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: އެމްޑީޕީ


ޕީއެންސީގެ ވެރިކަމުގައި މަޖިލީހުގެ މެންބަރުން ވާނީ ސަރުކާރުގެ އަޅުންނަށް: ފައްޔާޒު

11 އޭޕްރީލް 2024 - 09:02 0

ޕީޕީއެމް/ޕީއެންސީގެ ވެރިކަންތަކުގައި ރައްޔިތުންގެ ބާރު ގަބޫލު ނުކުރާ ކަމަށާއި، ރައްޔިތުންގެ މަޖިލިސް މެންބަރުންނަކީ ސަރުކާރުގެ އަޅުންނަށް ވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބުގެ ކެމްޕޭނުގައި ފުވައްމުލަކު މެދު ދާއިރާގެ ހަރުގެ ޖަލްސާގައި ރޭ ފައްޔާޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ވެރިކަންތަކުގައި ރައްޔިތުންގެ ހައްގުތައް ގެއްލިގެން ދިޔައިރުވެސް މަޖިލީހުގެ މެންބަރުން މަސައްކަތް ކުރެއްވީ ސަރުކާރު ދިފާއު ކުރުމަށް ކަމަށެވެ.

ޕީޕީއެމް އަށް މެޖޯރިޓީ އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ބައެއް ހަނދާންތައް އާ ކުރައްވަމުން އެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި ފައްޔާޒު ވިދާޅުވީ އެ މަޖިލީހަށް ސިފައިން ވަދެ މެންބަރުން ބޭރު ކުރިއިރު ސަރުކާރު ހިންގާ ޕާޓީގައި ތިއްބެވި މެންބަރުންގެ ކަންބޮޑުވުމެއް ނެތް ކަމަށާއި، އެ މެންބަރުން ދިޔައީ ސަރުކާރުގެ ނިންމުން ވެސް ރަނގަޅު ކަމަށް ގަބޫލުކުރައްވައި، ދިފާއު ކުރައްވަމުން ކަމަށެވެ.

ޕީޕީއެމް/ޕީއެންސީގެ ވެރިކަމުގައި ޑިމޮކްރަސީގެ އަސާސްތަކާ ދުރުވެ، ރައްޔިތުންގެ ބާރު ހަނިކުރާ ކަމަށާއި އަދި ލާމަރުކަޒީ ސިޔާސަތު އެފުށް މިފުށަށް ޖަހާކަމަށް ވެސް ފައްޔާޒު ފާހަގަ ކުރެއްވި އެވެ.

"ރައްޔިތުން ވަރަށް ފުންކޮށް ވިސްނަން ޖެހޭ. މާލޭގައި ތިބެގެން ހުރިހާ ރަށެއްގައި ކަންކަން ނުހިންގޭނެ. ރައްޔިތުން ބޭނުންވާ ކަންކަން ރައްޔިތުންގެ މަންދޫބުން ރަށު ފެންވަރުން ފެށިގެން ގޮސް މަޖިލިސްއާ ހިސާބުން ސަރުކާރަކަށް ގެންގޮސްގެން، ތިން ބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން ފުރިހަމަކޮށް އެކަން ކުރެވޭނީ،" ފައްޔާޒު ވިދާޅުވި އެވެ.

ތަރައްގީ ގެނެވޭނީ ސަރުކާރާއެކު މެންބަރުން ތިބެގެންކަން ވިސްނައި ދެމުންދާ ކަމަށާއި އެއީ ހަގީގަތެއް ނަމަ، 18 ވަނަ މަޖިލީހުގެ ދައުރުގައި ފުވައްމުލަކު ތަރައްގީ ވާނެ ކަމަށް ފައްޔާޒު ފާހަގަ ކުރެއްވި އެވެ. އޭރު މަޖިލީހުގައި ތިއްބެވި ޕީޕީއެމްގެ މެންބަރުން ރައްޔިތުންގެ ވާހަކަ ނުދެއްކި ނަމަވެސް، ނިމިގެން މިދާ 19 ވަނަ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެމްބަރުން އެމްޑީޕީގެ ސަރުކާރު ޖަވާބުދާރީ ކުރުވަން މަސައްކަތް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ވެރިކަންތަކުގައި މަޖިލީހުގެ ބާރު ވަކި މިނިވަން ބާރެއްގެ ގޮތުގައި ހިނގަމުން ދަނީ ޕާޓީގެ ފަލްސަފާ އެގޮތަށް އޮތުމުން ކަމަށާއި ޕީޕީއެމްއިން މަސައްކަތް ކޮށްފައި ވަނީ އަދި ކުރާނީ ޑިމޮކްރަސީގެ ތެރެއިން ވޯޓު ހޯދައިގެން ވެރިކަމަށް އައުމަށް ފަހު ޑީމޮޮކްރަސީއާ ހަމަތަކާ ދުރުވުމަށް ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ ބާރު ދެމެހެއްޓޭނީ އިންތިހާބުތަކުން ކަމަށާއި ހުދުމުހުތާރު ވެރިކަމަކަށް ދިޔަ ނުދިނުމަށްޓަކައި އަބަދުވެސް ވޯޓުލުމުގެ ހައްގު ބޭނުން ކުރަންޖެހޭ ކަމަށާއި އިންތިހާބުތަކަށް ނުކުތުމާއި ވޯޓުލުން މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.