Advertisement

ފުލުހުންގެ އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމުގެ ގާނޫނީ ހައިސިއްޔަތު ރައީސްއަކަށް ނޯންނާނެ: ހަމީދު

10 އޭޕްރީލް 2024 - 15:51 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު -- ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ފުލުހުންގެ އޮޕަރޭޝަންތަކަށް އިރުޝާދު ދިނުމުގެ ގާނޫނީ ހައިސިއްޔަތު ރައީސްއަކަށް ނޯންނާނެ: ހަމީދު

10 އޭޕްރީލް 2024 - 15:51 0

ފުލުހުންގެ އޮޕަރޭޝަންތައް ހިންގުމަށް އިރުޝާދު ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެސްއޯ ފުލުހުން ނުކުންނަންޖެހޭނީ ހަމައެކަނި އެމަނިކުފާނުގެ އެންގުމަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވުމުން، ކުރީގެ ކޮމިޝަނަރު ހަމީދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންތަކަކީ މިނިވަންކަމާއެކު ކުރިއަށް ގެންދާ އޮޕަރޭޝަންތަކަށް ވާން ޖެހޭ ކަމަށާއި، އެކަމަށް އިންތިހާބީ މަގާމުތަކުގައި ތިބޭ އެއްވެސް ބަޔަކު ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.

ފުލުހުންގެ އަމަލުތަކާ ގުޅިގެން ޒިންމާ ނަގަން ޖެހޭނީ ޕޮލިސް ކޮމިޝަނަރުކަން ފާހަގަކުރައްވާ ހަމީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ހިންގާ ކަން ކަމަށް އަމުރުތައް ކުރަން ޖެހޭނީ ފުލުހުންގެ ތެރެއިން ކަމަށެވެ.

އެގޮތުން އެތެރޭގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސްޓްރަކްޗާތަކާއި ސިޔާސަތުތަކާއި އުސޫލުތަކުގެ އިތުރުން ގާނޫނު އަސާސީ އާއި ފުލުހުންގެ ގާނޫނާއި އެހެނިހެން ގާނޫނުތަކުން ވެސް ބުނަނީ އެގޮތަށް ކަމަށް ހަމީދު ވިދާޅުވި އެވެ.

އެސްއޯ ފުލުހުން އޮޕަރޭޝަނަށް ނެރެންވެއްޖެއްޔާ އެމަނިކުފާނު އަންގަވާނެ ކަމަށް ރައީސް ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ރޭ ފުލުހުން ހުރަސް އެޅުމުން އެއީ އެމަނިކުފާނު އެންގެވުމާ ހިލާފަށް ކުރި ކަމެއް ކަމަށް ވިދާޅުވަމުންނެވެ.

"އެހެން އޮއްވައި ރޭގަ މި ފެނުނީ ވަރަށް ގޯސްކޮށް. އަޅުގަނޑު ވަރަށް ކްލިއާ އިންސްޓްރަކްޝަން ދީފަ އޮންނާނީ އެއްގޮތަކަށް ވެސް ނުވާނެއޭ އެސްއޯ ފުލުހުން ފޮނުވައިގެނެއް، އެއްގޮތަކަށް ވެސް ނުވާނެއޭ. ފޮނުވަންޖެހިއްޖެޔާ އަޅުގަނޑަށް އެނގޭނެއޭ މި ގައުމުގައި އެ ހިސާބަށް ދިޔައީމަ، އަޅުގަނޑު ދަންނަވާނަމޭ އެވަރުގެ ކަމެއް ކުރަންޖެހިއްޖެއްޔާ،" ރައީސް މިއަދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުލުހުން ރޭ ހުރަސްއެޅީ އެމަނިކުފާނުގެ އެންގެވުމާ ކަނޑައެޅިގެން ހިލާފަށް ކަމަށާއި، މިއަދު އިރުއޮއްސުމުގެ ކުރިން އެކަމާ ގުޅޭ ތަހުގީގެއް ހިންގައި ރިޕޯޓެއް އެމަނިކުފާނަށް އެރުވުމަށް އަންގަވާފައިވާނެ ކަމަށެވެ.

ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސް އެޅީ ޖަލްސާ ހުއްޓުވައި ގިޔާސުއްދީން ސްކޫލް ހިމާޔަތް ކުރަން އެޑިއުކޭޝަން މިނިސްޓްރީން އަންގާފައި އޮތުމުން ކަަމަށް ފުލުހުން ބުނެ އެވެ. ނަމަވެސް ރައީސް ވިދާޅުވީ، ސިޔާސީ ކަމެއްގައި އެސްއޯ ފުލުހުން ނުފޮނުވަން، ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ސުޖާއަށް އެތައް ފަހަރަކު އަންގާފައިވާނެ ކަމަށެވެ.