Advertisement

އޭދަފުށި ފުޓްސަލް ކަޕް: އޯލް ވުލްވްސް އާއި ސީސީ އަށް މޮޅެއް، ބީކޭ އަދި ޔުނައިޓެޑް ވީ އެއްވަރު

10 އޭޕްރީލް 2024 - 11:03 0

ބ. އޭދަފުށި

އަތޫފް އާތިފް

އަތޫފް އާތިފް

އޯލް ވޮލްވްސް އާއި އެފްސީ ދުންތަރި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އޭދަފުށި ފުޓްސަލް ކަޕް: އޯލް ވުލްވްސް އާއި ސީސީ އަށް މޮޅެއް، ބީކޭ އަދި ޔުނައިޓެޑް ވީ އެއްވަރު

10 އޭޕްރީލް 2024 - 11:03 0

ބ. އޭދަފުށި

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގައި އޯލް ވުލްވްސް އަދި ސީސީ ސްޕޯޓްސް ކުލަބް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށް ފެށުން ރަނގަޅުކުރިއިރު, ބީކޭ ސްޕޯޓްސް ކުލަބް އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.

އޭދަފުށި ފުޓްސަލް ދަނޑުގައި ކުޅޭ މި މުބާރާތުގައި ރޭ ވެސް ވަނީ ތިން މެޗު ކުޅެފަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި އޯލް ވުލްވްސް އިން ވަނީ އެފްސީ ދުންތަރީގެ މައްޗަށް 3-2 ގެ ނަތީޖާ އަކުންނެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވޮލްވްސް އިންނެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޝުއާއު ޝައްމޫން އެވެ. އެކަމަކު ދެވަނަ ހާފުގައި ދުންތަރީގެ ޝާފިއު މުހައްމަދު ވަނީ ދެ ގޯލު ޖަހާ އެ ޓީމަށް ލީޑު ނަގާދީފަ އެވެ. އެކަމަކު އޭގެ ފަހުން އޯލް ވޮލްވްސް އިން ކުޅުން ރަނގަޅުކޮށް ދުންތަރީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ. ވޮލްވްސް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އިމްތިޝާލް އަބްދުއް ރަހީމް އެވެ. އަދި ވޮލްވްސް އަށް ލީޑު ނަގާދިނީ ކެޕްޓަން އީގާން އަބްދުލް މަޖީދެވެ.

ޔުނައިޓެޑް ވީ އާއި ބީކޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވީ 2-2 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ޔުނައިޓެޑް ވީ އިން ކާމިޔާބުކުރި ފުރަތަމަ ގޯލަކީ ބީކޭގެ ކެޕްޓަން ހުސެއިން ޒަހުވާން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބީކޭގެ މުހައްމަދު ޝަޒާން ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އެކަމަކު ކުޑައިރުކޮޅެއްގެ ތެރޭގައި ޔުނައިޓެޑް ވީ އިން އަލުން ވަނީ ލީޑު ނަގާފަ އެވެ. މިއީ ވެސް ބީކޭގެ މުހައްމަދު ވިލްފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އެކަމަކު ދެވަނަ ހާފުގައި ބީކޭގެ މުހައްމަދު ޝާން ގޯލު ޖަހާ އަލުން ނަތީޖާ ހަމަހަމަ ކުރިއެވެ.

ބީކޭ ސްޕޯޓްސް ކުލަބާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް. އެމްވީ


ރޭގެ ފަހު މެޗުގައި ސީސީ އިން ވަނީ އެފްސީ މާލިންސް އަތުން ބޮޑު މޮޅެއް ހޯދާފަ އެވެ. އެ ޓީމުން މި މެޗު ކާމިޔާބުކުރީ 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސީސީގެ މުއާޒް އަލީ ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފަ އެވެ. މީގެ އިތުރުން, އަލީ ފާސިރު (ސެންޓޭ) އަދި އުނައިސް ޒުބައިރު, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ގޯލު ޖަހާފަ އެވެ. މާލިންސްގެ ހަމައެކަނި ގޯލު އެޓީމަށް ޖަހާދިނީ އަލީ ރީހާން އެވެ.

ސީސީ ސްޕޯޓްސް ކުލަބާއި އެފްސީ މާލިންސް ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައިޝަމް ވަހީދު / އިމޭޖަސް.އެމްވީ


މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ.