Advertisement

އޭދަފުށި ކައުންސިލް ކަޕް: ސީސީ ބަލިކޮށް އަފްރޯ އިން ޗެމްޕިއަންކަން ދިފާއުކޮށްފި

18 އޭޕްރީލް 2024 - 03:55 0

ބ. އޭދަފުށި

އަތޫފް އާތިފް

އަތޫފް އާތިފް

އަފްރޯ ޓީމުގެ ކުޅުންތެރިންނާ ސްޕޯޓްސް މިނިސްޓަރު ރާފިއު ތަށި ހަވާލުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


އޭދަފުށި ކައުންސިލް ކަޕް: ސީސީ ބަލިކޮށް އަފްރޯ އިން ޗެމްޕިއަންކަން ދިފާއުކޮށްފި

18 އޭޕްރީލް 2024 - 03:55 0

ބ. އޭދަފުށި

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގެ ޗެމްޕިއަންކަން ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކުލަބް، (ސީސީ) 4-3 ގެ ނަތީޖާއަކުން ބަލިކޮށް އަފްރޯ ސްޕޯޓްސް ކުލަބުން ހޯދައިފި އެވެ.

މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވެސް އަފްރޯ އެވެ. އެ ފަހަރު އަފްރޯ އިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އޯލް ވުލްވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ. މި ފަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އަފްރޯ އިން ވަނީ އޯލް ވުލްވްސް ބަލިކޮށްފަ އެެވެ.

ރޭ ކުޅުނު ފައިނަލު މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އަފްރޯ އިން ވަނީ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އެކަމަކު، އޭގެ ތިން މިނެޓު ފަހުން ސީސީގެ އަލީ ފާސިރު (ސެންޓޭ) ގޯލު ޖަހާ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އަފްރޯގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ ދެ ގޯލު ޖަހާ އެ ޓީމަށް ލީޑު އަލުން ނަގާދީފަ އެވެ. އެކަމަކު ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް ސީސީގެ އުނައިސް ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ.

ސީސީ އާއި އަފްރޯ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އިސްމައިލް ތޯރިގު / އިމޭޖަސް.އެމްވީ


ދެ ވަނަ ހާފު ފަށައިގެން ސީސީ އިން ކުރިއަށް ޖެހި އަފްރޯގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު, ދެ ވަނަ ހާފުގެ ތިންވަނަ މިނެޓުގައި ސީސީގެ އުނައިސް ވަނީ އިތުރު ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

އެކަމަކު ދެ ވަނަ ހާފުގެ 11 ވަނަ މިނެޓުގައި އަފްރޯގެ ހުސެއިން ޝަރީފް ވަނީ ގޯލު ޖަހާ އަލުން އަފްރޯ އަށް ލީޑު ނަގާދީފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ސައްޓު ވަނީ އިތުރު ގޯލެއް ޖަހާ އަފްރޯގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ސީސީގެ ކެޕްޓަން އަހުމަދު އައިހަމް (އައިހު) ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

މި މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ ސީސީގެ އައިހު, ސެންޓޭ, އަފްރޯގެ ސައްޓު, ހައިޝަމް ހަސަން (ބިޑި) އަދި ގޯލްކީޕަރު، މުހައްމަދު ޝާން އެވެ.

މި މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް އަފްރޯގެ އައްޒާމް އަލިފުޅު ހޮވުނުއިރު, ކިންގް އޮފް ދި ޓޯނަމެންޓަކީ އަފްރޯގެ ހައިޝަމް އެވެ.

އޭދަފުށި ފުޓްސަލް ކަޕުގެ ކިންގް އޮފް ދި ޓޯނަމެންޓަކީ އަފްރޯގެ ބިޑި - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.