17 އޭޕްރީލް 2024 - 14:24 0
އަތޫފް އާތިފް
އުރީދޫ އޭދަފުށި ފުޓްސަލް ކަޕްގައި ސީސީ އާއި އަފްރޯ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ނައުޝަމް ވަހީދު/ އިމޭޖަސް.އެމްވީ
17 އޭޕްރީލް 2024 - 14:24 0
އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގެ ފައިނަލު މެޗު މިރޭ ކުޅޭއިރު, މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކުލަބް އާއި ސީސީ ސްޕޯޓްސް ކުލަބެވެ.
މި މުބާރާތުގެ ފައިނަލަށް އަފްރޯ އިން ދަތުރުކުރީ ސެމީ ފައިނަލުގައި މުރިނގު އެފްސީގެ މައްޗަށް 5-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އަދި ސީސީ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ މި މުބާރާތައް ވަރުގަދަ ސްކޮޑަކާ އެކު ނުކުތް ޔުނައިޓެޑް ވީގެ މައްޗަށް 9-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.
މި މެޗަށް ނުކުންނައިރު, އަފްރޯ ޓީމަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކަށްވަނީ އެ ޓީމުގެ އެންމެ އިތުބާރު އެއް ކުޅުންތެރިޔާ މުހައްމަދު ފާސިރު (ފާއްޓޭ) އަނިޔާއިން ރަނގަޅުވެ ސެމީ ފައިނަލު މެޗުގައި ރަނގަޅަށް ޕާފޯމްކޮށްފައިވުމެވެ. އެކަން ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) ވަނީ ފާހަގަ ކޮށްފަ އެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ސައްޓު ބުނީ ފާއްޓެ މުބާރާތް ފެށީ އަނިޔާގައި ހުރެ ކަމަށާއި, އެކަމަކު މިހާރު އަނިޔާއިން ސަލާމަތްވެ ރަނގަޅަށް ޕާފޯމްކުރާ ކަމަށެވެ. އަދި ފައިނަލަށް ނުކުންނައިރު, މިއީ ޓީމަށް ލިބޭނެ ހިތްހަމަ ޖެހުމެއް ކަމަށް ސައްޓު ބުންޏެވެ.
ސައްޓު ބުނީ އެންމެ ފަހުގެ ޗެމްޕިއަން ހައިސިއްޔަތުން ފައިނަލުގައި ތަށި ދިފާއު ކުރުމަށް ނުކުންނައިރު, އެއީ ޕްރެޝަރެއް ކަމަށް ނުދެކޭ ކަމަށެވެ.
"އަޅުގަނޑު ނުދެކެން އެއީ ޕްރެޝަރެއްގެ ގޮތުގަ. ފައިނަލަށް އަޅުގަނޑުމެން ނުކުންނާނީ ރަނގަޅު ފައިޓެއް ދޭން ޕްރެޝަރުގައި ކުޅޭކަށް ނުޖެހޭނެ ވަކި ތަށި ދިފާއު ކުރަން "ބޮލަށް" ލައިގެން." ސައްޓު ބުންޏެވެ.
"އަދަދު" އާ ވާހަކަ ދައްކަމުން ސީސީގެ ކެޕްޓަން އަހުމަދު އައިހަމް (އައިހު) ބުނީ ސީސީ އިން ފައިނަލަށް ނުކުންނާނީ މި މުބާރާތުގައި ޓީމުން ދެއްކި ކުޅުން ތަކުރާރުކޮށް ތަށި ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި އެކަން ކުރަން ސީސީ ޓީމުގެ ރޫހު އެއީ ބޮޑު އެޑުވާންޓޭޖެއް ކަމަށް އައިހު ފާހަގަ ކުރި އެވެ.
"ސީސީ ޓީމަކީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދަން ނުކުންނާނެ ޓީމެއް. ފައިނަލުގައި ވެސް ބޭނުން ޓީމެއްގެ ގޮތުގައި ނުކުމެ, ކުޅެ މި ތަށި ހޯދަން. މިދިޔަ އަހަރު މުބާރާތުން ކެޓީ, ޕެނަލްޓީގައި. އެކަމަކު މިދިޔަ އަހަރާ ބަލާފައި މި އަހަރު ޓީމު ވަރުގަދަ ކޮށް މި ފެންނަނީ. މި ޓީމަކީ ވަކި ކުޅުންތެރިޔަކަށް ބަރޯސާވާނެ ޓީމެއް ނޫން." އައިހު ބުންޏެވެ.
މި ދެ ޓީމުން ވަނީ މި ފަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައިވެސް ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ 0-0 ގެ ނަތީޖާއަކުން އެއްވަރު ވެގެންނެވެ.
Comment