Advertisement

އޭދަފުށި ފުޓްސަލް ކަޕް: ޗެމްޕިއަން އަފްރޯ އާއި ސީސީ ފައިނަލަށް

16 އޭޕްރީލް 2024 - 07:53 0

އަތޫފް އާތިފް

އަތޫފް އާތިފް

އޭދަފުށި ފުޓްސަލް ކަޕުގެ ސެމީ ފައިނަލުގައި މުރިނގު ކޮޅަށް ގޯލު ޖަހާ އަފްރޯގެ ސައްޓު އުފާފާޅުކުރަނީ - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އޭދަފުށި ފުޓްސަލް ކަޕް: ޗެމްޕިއަން އަފްރޯ އާއި ސީސީ ފައިނަލަށް

16 އޭޕްރީލް 2024 - 07:53 0

އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024 ގެ ސެމީ ފައިނަލު މެޗުތައް ކާމިޔާބުކޮށް ކްލަބް ކޮމްބިނޭޝަން ސްޕޯޓްސް ކުލަބް (ސީސީ) އާއި އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކުލަބް ފައިނަލުން ޖާގަ ހޯދައިފި އެވެ.

ސީސީ ސްޕޯޓްސް ކުލަބުން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި ޔުނައިޓެޑް ވީގެ މައްޗަށް 9-4 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

މި މެޗުގެ 10 ވަނަ މިނެޓުގައި ސީސީ އަށް ލީޑު ނަގާދިނީ ނާއިޒް ހަސަން (ދާދު) ކާމިޔާބުކުރި ގޯލުންނެވެ. އަދި މެޗުގެ 13 ވަނަ މިނެޓުގައި ކައިރިކައިރީ, އަލީ ފާސިރު (ސެންޓޭ) ވަނީ ދެ ގޯލު ޖަހާ ސީސީގެ ލީޑު ފުޅާކޮށްފަ އެވެ. އެކަމަކު، އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގް) ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ސީސީގެ އުނައިސް ޒުބައިރު ވަނީ އިތުރު ގޯލެއް ޖަހާ އަލުން ލީޑު ފުޅާކޮށްފަ އެވެ.

ދެ ވަނަ ހާފު ފަށައިގެން އަށް ވަނަ މިނެޓުގައި ސެންޓޭ ވަނީ ސީސީގެ ފަސްވަނަ ގޯލު ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފަ އެވެ. އެކަމަކު އޭގެ ފަސްމިނެޓު ފަހުން ޔުނައިޓެޑް ވީ ގެ މުހައްމަދު ހައްމާދު ވަނީ ގޯލެއް ޖަހާ އަލުން ފަރަގު ކުޑަކޮށްފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވީގެ ހަމްޒާ މުހައްމަދު (ހަމްޕު) ވަނީ އިތުރު ގޯލެއް ޖަހާފަ އެވެ. އަދި އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވީގެ ހަތަރުވަނަ ގޯލު އަހުމަދު އަޝްރަފް ޔޫސުފް ޖެހިނަމަވެސް, މެޗުގެ ފަހު ދެ މިނެޓު ތެރޭ ސީސީގެ އަހުމަދު އައިހަމް (އައިހު) ވަނީ އިތުރު ދެ ގޯލު ޖަހާ މެޗުން ސީސީ މޮޅުކޮށްދީފަ އެވެ.

ސީސީ އާއި ޔުނައިޓެޑް ވީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ އިން ފައިނަލުގެ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލުގައި މުރިނގު އެފްސީ 5-1 ގެ ނަތީޖާ އަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފަސްވަނަ މިނެޓުގައި އަފްރޯ އިން ވަނީ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. މި ގޯލު އެ ޓީމަށް ޖަހާދިނީ ހައިޝަމް ހަސަން (ބިޑި) އެވެ. އަދި ފުރަތަމަ ހާފު ނިމެން މިނެޓަކަށްވެފައި ވަނިކޮށް އަލީ މާއިސް (މައްޓު) ވަނީ އިތުރު ގޯލެއް ޖަހާ އެޓީމުގެ ލީޑު ފުޅާކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގެ ތެރޭގައި މުރިނގު އެފްސީގެ އިބްރާހީމް ސިމާހު ވަނީ ގޯލެއް ޖަހާ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެ އިރުކޮޅެއް ފަހުން އަފްރޯގެ އިޝާން އިބްރާހީމް (ސައްޓު) ވަނީ އިތުރު ގޯލެއް ޖަހާ އަލުން އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. އަދި ފުރަތަމަ ހާފު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް އަފްރޯގެ ހަތަރުވަނަ ގޯލު ލިބުނު ހިލޭ ޖެހުމަކުން އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހުސެއިން ޝަރީފް އެވެ. މި މެޗުގައި އަފްރޯ އިން ޖެހި ފަހު ގޯލު އެ ޓީމަށް ޖަހާދިނީ ހާފިޒް އެވެ.

އަފްރޯ އާއި މުރިނގު އެފްސީ ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ


މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުގެރެޔެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ.

އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ