Advertisement

މަސްތުވާތަކެތީގެ ނެޓްވޯކެއްގެ މީހަކު ބަންދުން ދޫކޮށްލަން ޕީޖީ އެދިއްޖެ

9 އޭޕްރީލް 2024 - 21:04 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ކްރިމިނަލް ކޯޓު. -- ފޮޓޯ: އަދަދު


މަސްތުވާތަކެތީގެ ނެޓްވޯކެއްގެ މީހަކު ބަންދުން ދޫކޮށްލަން ޕީޖީ އެދިއްޖެ

9 އޭޕްރީލް 2024 - 21:04 0

މަސްތުވާތަކެތީގެ ނެޓްވޯކެއްގައި ހިމެނޭކަމަށް ބެލެވޭ މީހަކު ބަލި ހާލަތަށް ރިއާޔަތްކޮށް ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން، ކްރިމިނަލް ކޯޓުގައި އެދިއްޖެ އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހު، ހ. ދިއްގާމާގޭގައި ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އޮޕަރޭޝަންގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ، މުހައްމަދު ލަމްއާން ސޮބާހު ބަންދުން ދޫކޮށްލުމަށް ޕީޖީގެ ފަރާތުން ކޯޓުގައި އެދިފައިވަނީ، އޭނާއަކީ 12 މަސް ދުވަހަށް ފީޒިއޯ ތެރަޕީ ހަދަންޖެހޭ ފަރާތެއް ކަމަށް ޑޮކްޓަރުން ލަފާދޭ ފަރާތެއްކަމަށް ބުނެ އެވެ.

ނަމަވެސް އެގޮތަށް ޕީޖީ ހުށަހެޅިއިރު، ލަމްއާން ބަންދުން ދޫކޮށްލަން އެދުނީ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން އޭނާއަށް ދޭންޖެހޭ ފަރުވާ ދެމުން ނުދާކަން އެނގޭނެ އެއްވެސް ހެއްކެއް ހުށަހެޅުމަކާ ނުލައި ކަމަށް، ޕީޖީގެ ހުށަހެޅުމާ ގުޅިގެން ކްރިމިނަލް ކޯޓުން މިއަދު ނިންމި ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

ލަމްއާނަކީ މުޖުތަމައަށް ނުރައްކާތެރި ފަރާތެއްގެ ގޮތުގައި މީގެ ކުރިން ވެސް ކޯޓުން ކަނޑައަޅާފައި ވާއިރު، އޭނާގެ އެ ހާލަތަށް ބަދަލެއް އައި ގޮތެއް ޕްރޮސެކިއުޓަ ޖެނެރަލްގެ ހުށަހެޅުމުން ފެންނަން ނެތް ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު އިސްމާއީލް ޝަފީއު ލަމްއާނުގެ ބަންދު ދެމެހެއްޓުމަށް ނިންމި ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

މީހެއްގެ ބަލި ހާލަތަށް ރިއާޔަތްކޮށް ކޯޓުތަކުން ބަންދާ ގުޅިގެން ކަނޑައަޅަންޖެހޭ ކަނޑައެޅުންތަކުގައި ރިއާޔަތްކުރަންޖެހޭ ކަންކަން މަތީ މަރުހަލާގެ އެތައް ގަޒިއްޔާއަކުން ބަޔާންކޮށްފައިވާ ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެ އެވެ.

މަތީ މަރުހަލާގެ ކޯޓުތަކުން އުސޫލުތަކެއް ކަނޑައެޅިފައިވާ ކަމެއްގައި، އަދި ބަލިހާލަތާ ގުޅިގެން ބަންދުގައި ތިބި އެތައް ގައިދީންނެއް ޝަކުވާކުރަމުން ދާއިރު، ލަމްއާންގެ ބަންދަށް ލުޔެއް ދިނުމަށް ޕީޖީ އޮފީހުން މިގޮތަށް އެދިފައި މިވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގައި މީހުންނާމެދު ފިޔަވަޅު ނޭޅޭކަމަށް ބަޔާންކޮށް ހޯމް މިނިސްޓަރާއި ފުލުހުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.