Advertisement

ގާޒާއަށް އެހީވާން ޒަކާތު ފަންޑުން 100،000 ޑޮލަރު ދެނީ ގަތަރު ރެޑް ކްރެސެންޓަށް

9 އޭޕްރީލް 2024 - 04:05 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު: ޒަކާތު ފަންޑުން ގާޒާއަށް އެހީވާން އެއް ލައްކަ ޑޮލަރު ފޮނުވާނެ ކަމަށް ވަނީ ވިދާޅުވެފައި -- ފޮޓޯ: އަދަދު


ގާޒާއަށް އެހީވާން ޒަކާތު ފަންޑުން 100،000 ޑޮލަރު ދެނީ ގަތަރު ރެޑް ކްރެސެންޓަށް

9 އޭޕްރީލް 2024 - 04:05 0

ޒަކާތު ފަންޑުން ގާޒާގެ ރައްޔިތުންނަށް އެހީވާން ފޮނުވާނީ 100،000 ޑޮލަރު ޑޮލަރު (1.5 މިލިއަން ރުފިޔާ) ކަމަށާއި އެ ފައިސާ ހަވާލު ކުރާނީ ގަތަރުގެ ރެޑް ކްރެސެންޓާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ޝަހީމް ވިދާޅުވީ މިއީ "ގާޒާ ރައްޔިތުންގެ ކާބޯތަކެއްޗަށް ހޭދަކުރުމަށްޓަކައި ފޮނުވޭ އެހީއެއް" ކަމަށާއި، މި އެހީ ފޮނުވާނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ. ނަމަވެސް ފުރަތަމަ ފޮނުވާނީ ކިހާ ވަރެއް ކަމެއް ވިދާޅުވެފައެއް ނެތެވެ.

"މިއީ ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ބޭރުގެ ފަރާތަކަށް އެހީވާ ފުރަތަމަ ފަހަރު. މީގެކުރިން ވެސް ދިވެހި ރައްޔިތުންގެ ގައުމީ ފެންވަރުގެ އެހީ ދެ ފަހަރެއްގެ މަތިން ގަތަރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް ފޮނުވާފައިވޭ،" ޝަހީމް ވިދާޅުވި އެވެ.

"އަދަދު" ނޫހުން ސުވާލު ކުރުމުން ޝަހީމް ވިދާޅުވީ ގަތަރު ރެޑް ކްރެސެންޓު މެދުވެރުކޮށް އެހީ ފޯރުކޮށް ދޭން ނިންމީ، "ދިވެހި ރެޑް ކްރެސެންޓުގެ މަސައްކަތް އެތާގައި [ގާޒާގައި] ސީދާ ނެތީމަ" ކަމަށާއި، "އެތާގައި އަމަލީ މަސައްކަތާއި މައިދާނުގައި އޮތީ އެ މީހުން [ގަތަރު ރެޑް ކްރެސެންޓު]" ކަމަށެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމަށް 75 އަހަރުވެފައި ވާއިރު، އޮކްޓޫބަރު 7، 2023 އިން ފެށިގެން އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ފަލަސްތީން މީހުންގެ އަދަދު ވަނީ 33،000 އަށް ވުރެ މައްޗަށް އަރައިފަ އެވެ. އޭގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި، އަންހެނުންނެވެ.

ޒަކާތު ފަންޑަކީ ފަގީރުންނާ މިސްކީނުންނަށް އެހީވާން، އިސްލާމިކް މިނިސްޓްރީގައި އުފައްދާފައިވާ ފަންޑެކެވެ. އަދި އެ ފަންޑު ވަރުގަދަ ކުރުމަށް ޒަކާތު ހައުސްގެ ނަމުގައި އިދާރާއެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ.