Advertisement

ސީޕްލޭން އެމްބިއުލާންސްގައި ކުޑަފަރިން ބަލިމީހަކު އުފުލަން ދެކޮޅު ހަދައިފި

8 އޭޕްރީލް 2024 - 21:03 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުޑަފަރީގައި ބަލި މީހަކު އުފުލަން އެއާ އެމްބިއުލާންސްގެ އިންތިޒާރުގައި ތިބުމަށް ފަހު އިރުއޮއްސޭހާ އިރު ފުރުވާލަނީ - ފޮޓޯ: ކުޑަފަރި ކައުންސިލް ރައީސް


ސީޕްލޭން އެމްބިއުލާންސްގައި ކުޑަފަރިން ބަލިމީހަކު އުފުލަން ދެކޮޅު ހަދައިފި

8 އޭޕްރީލް 2024 - 21:03 1

ނ. ކުޑަފަރީގައި ދުވަސްވީ މީހަކު ސްޓްރޯކެއް ޖެހިގެން މާލެ ގެންދިއުމަށް އެމަޖެންސީގައި އުފުލުމަށް ދެކޮޅު ހަދައި، މާފަރުން ވެސް އޭގެ ފަސް ގަޑިއިރަށް ވުރެ ގިނަ އިރު ވީ ފަހުން އައުމުން ކަންބޮޑުވުން ބޮޑުވެއްޖެ އެވެ.

ކުޑަފަރި ކައުންސިލްގެ ރައީސް އަލީ ޝަމީމް މުހައްމަދު "އަދަދު" ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި ގޮތުގައި ހާލަތު ދަށްވެގެން އެ ރަށު ސިއްހީ މަރުކަޒަށް މިއަދު ގެނައީ 63 އަހަރުގެ ފިރިހެނެކެވެ.

"ހަށިގަނޑު އޮތީ ހުއްޓިފަ، ވާތުން އެއްވެސް ކަމެއް ނެތް، ބެލެވެނީ ސްޓްރޯކެއް ޖެހުނީ ކަމަށް،" އޭނާ ވިދާޅުވި އެވެ.

ސިއްހީ މަރުކަޒުން އޭނާ ބެލުމަށް ފަހު މާލެ ފޮނުވަން ޖެހޭ ކަމަށް ލަފާ ދިނީ މެންދުރު 12:15 ހާއިރު ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އާސަންދަ ހިދުމަތުގެ ކަންކަން 1:15 އަށް ހަމަޖެހުނު ކަމަށެވެ.

ކައުންސިލް ރައީސް ޝަމީމް ވިދާޅުވި ގޮތުގައި މޯލްޑިވިއަންގެ މެޑިކަލް ސެކްޝަނުން އެއާ އެމްބިއުލާންސް އައުން ލަސްވާ ސަބަބު ސާފުކުރަން މަސައްކަތް ކުރުމުން ސަބަބު ސާފުނުވި އެވެ.

"އޭރު މާފަރު ފްލައިޓެއް ވެސް ޝެޑިއުލްކޮށްފަ އޮތް ތިނެއް ޖަހާއިރު، އެކަމަކު އެއާ އެމްބިއުލާންސް އިން ފުރުވަން މަޑުކުރުވާފައި ބެހެއްޓީ، މާފަރުގައި،" އޭނާ ވިދާޅުވި އެވެ.

އަދި ކުޑަފަރިއަށް އައިސް އެމަޖެންސީގައި އޭނާ އުފުލުމަށް ދެކޮޅު ހެދި ކަމަށް ވިދާޅުވި އެވެ.

"ސީޕްލޭން ޖައްސަން އުނދަގޫވާނޭ ބުނީ، އެކަމަކު ރައީސް އަބްދުﷲ ޔާމީން ބަނދަރު ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަތީ ސީޕްލޭންގަ، މިއީ ސަން ޓްރެވެލް ޝިޔާމްގެ ރަށް، އޭނާ ވެސް އާންމުކޮށް އަންނާނީ ސީޕްލޭންގަ،" ޝަމީމް ވިދާޅުވި އެވެ.

"އަޅުގަނޑު ދެކެނީ އެއާ އެމްބިއުލާންސްގެ ހިދުމަތެއް ތައާރަފުކޮށްފައި ބެހެއްޓުމުގެ ބޭނުމަކީ ވީހާ ވެސް އަވަހަށް މިފަދަ ހިދުމަތެއް ދިނުން،"

ސީޕްލޭން ކުޑަފަރިއަށް އައުމަށް ދެކޮޅު ހެދުމުން، ބަލިމީހާ މާފަރަށް ގެންދިޔަ އެވެ.

ނަމަވެސް އެއާ އެމްބިއުލާންސް އައިސް ބަލިމީހާ އުފުލައިގެން ފުރުނީ އިރުއޮއްސި 6:45 ހާއިރު އެ އަތޮޅު މާފަރު ބަނދަރުންނެވެ.

މި މައްސަލައާ ގުޅޭ ގޮތުން އެއާ އެމްބިއުލަންސް ހިދުމަތް ފޯރުކޮށްދޭ އައިލެންޑް އޭވިއޭޝަނުގެ ބަހެއް އަދި ނުލިބެ އެވެ.

އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރަނީ އެއްފަހަރާ ދެ މީހުން އުފުލުމުގެ ކެޕޭސިޓީ ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މަތިންދާބޯޓަކާއި އެންމެ މީހަކު އުފުލޭ ގޮތަށް ފަރުމާ ކޮށްފައިވާ ސީޕްލޭނެކެވެ.

އެ ބޯޓުތަކުގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން އަވަސް ފަރުވާ ދިނުމަށް ތަމްރީނުކޮށްފައި ތިބި 15 ހިދުމަތްތެރިން ހަރަކާތްތެރިވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.