Advertisement

ބިރުވެރި ފިލްމު "ކަޅަކި" އީދު ދުވަހު ވީޑިއޯކްލަބަށް

9 އޭޕްރީލް 2024 - 11:32 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ބިރުވެރި ފިލްމު "ކަޅަކި" އީދު ދުވަހު ވީޑިއޯކްލަބަށް

9 އޭޕްރީލް 2024 - 11:32 0

މިދިޔަ އޮކްޓޫބަރުގައި އޮލިމްޕަސް ސިނަމާގައި އެޅުވި ބިރުވެރި ފިލްމު "ކަޅަކި" އޭޕްރީލް 10 ވާ އީދު ދުވަހު މީޑިއާނެޓުގެ ވީޑިއޯ ކްލަބް މެދުވެރިކޮށް ބަލާލެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.

މިއީ މި ފިލްމު އޮލިމްޕަސް ސްކްރީނުގައި ބަލާލުމުގެ ފުރުސަތު ނުލިބުނު ފަރާތްތަކަށް އުފާވެރި ހަބަރަކަށް ވާނެކަން ޔަގީނެވެ.

މަގްބޫލު ފިލްމީތަރި ނިއުމާ މުހައްމަދު ޕްރޮޑިއުސްކޮށް ފައިވާ މި ފިލްމު ވަނީ ސިނަމާތަކުން ބެލި ގިނަ ބަޔަކަށް ކަމުގޮއްސަ އެވެ. ނިއުމާ ޕްރޮޑަކްޝަންގެ ދެވަނަ ފިލްމު ކަޅަކި އަކީ ދިވެހިރާއްޖޭގެ އެންމެ ފުންނާބު އުސް އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އޭނާ އަމިއްލަ އަށް ސްކްރީން ޕްލޭ ލިޔެ ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ބިރުވެރި ހާދިސާއަކަށް ބިނާކޮށް ތައްޔާރުކޮށްފައިވާ މި ފިލްމުގައި ދައްކައިދެނީ ރައްޓެހިންތަކެއް އެކުގައި ކުރާ ދަތުރެއްގެ ތެރެއިން ދިމާވާ ބިރުވެރި ހާދިސާތަކެކެވެ. ރައްޓެހިންތަކެއް ދަތުރު ދިއުމަށްފަހު މަޑުކޮށްގެން ތިބޭ ގޭގައި ހިނގާ ބިރުވެރި ކަންތައްތަކެއް މި ފިލްމުން ދައްކުވައިދޭނެ އެވެ.

ޓްރެއިލާއިން ފެންނަ ގޮތުން ފިލްމުގެ ތަރިއެއް ޖިންނި އަވަލައިގެން އުޅޭ މަންޒަރު، އަދިވެސް އެހެނިހެން ބިރުވެރި މަންޒަރުތަކެއް މި ފިލްމުގައިވަނީ ގެނެސްދީފަ އެވެ. މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އަވައްޓެރި ސްރީލަންކާގަ އެވެ.

މި ފިލްމަކީ ދިވެހި ފިލްމީ އިންޑަސްޓްރީގައި މަގްބޫލު ގިނަ ތަރިންތަކެއް އެކްޓުކޮށްފައިވާ ފިލްމެކެވެ. އޭގެ ތެރޭގައި އަލީ ސީޒަން، ޔޫސުފް ޝަފީއު (ޔޫއްޕެ)، މުހައްމަދު މަނިކު، އާމިނަތު ރިޝްފާ، ވާޝިޔާ މުހައްމަދު އަދި އާމިނަތު ލަހުފާ (ލާރކް) ހިމެނެއެވެ.

މި ފިލްމު ސިނަމާގައި ބެލި ފަރާތްތަކުންވަނީ ވާޝިޔާ މުހައްމަދު މި ފިލްމުގައި ކުޅެފައިވާ ރޯލަށާއި، އޭނާގެ އެކްޓިންގްއަށް ތަޢުރީފު އޮއްސާލާފައެވެ. ގިނަބަޔަކު ބުނާގޮތުގައި މިއީ އަރަމުން އަންނަ ތަރިއެއްގެ ފަރާތުން ފެނުނު އެންމެ މޮޅު އެންމެ ފުރިހަމަ އެކްޓިންގް އެވެ.

މީޑިއާނެޓު އޮރިޖިނަލްސްގެ ބެނާގެ ދަށުން ވީޑިއޯކްލަބުންވަނީ މީގެކުރިންވެސް ހޮރޯ ނުވަތަ ބިރުވެރި ޖަންރަގެ ސީރީޒްއެއް ދިވެހިންނާއި ހަމައަށް ގެނެސްދީފަ އެވެ. އެ ސީރީޒް "ނަފްސު" ގިނަބަޔަކަށް ވަނީ ކަމުގޮއްސަ އެވެ. މިއީ އަނެއްކާވެސް ވީޑިއޯކްލަބް ލައިބްރަރީގެ ހޮރޯ ޖަންރަ އިތުރަށް މުއްސަނދިކުރުވާނެ ފިލްމެކެވެ.

ވީޑިއޯކްލަބުން އަންނަނީ ފަހުގެ ގިނަ ފިލްމުތަކެއް އޮލިމްޕަސް ސްކްރީނަށްފަހު ދިވެހިންނާއި ހަމައަށް އެ ޕްލެޓްފޯމް މެދުވެރިކޮށް ގެނެސްދެމުންނެވެ. މި އަހަރު އެ ޕްލެޓްފޯމަށް ރިލީޒްކުރި އެހެން ފިލްމުތަކަށް ބަލާއިރު ލޯބީގެ ފިލްމު "ނޮވެމްބާ" އަދި ތްރިލާ ފިލްމު "ނީނާ" ފާހަގަކޮށްލެވެ އެވެ.