Advertisement

ދިވެހި ފިލްމު "ބަވަތި" މީޑިއާނެޓުގެ ވީޑިއޯކްލަބަށް!

29 އޭޕްރީލް 2024 - 08:23 0

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު


ދިވެހި ފިލްމު "ބަވަތި" މީޑިއާނެޓުގެ ވީޑިއޯކްލަބަށް!

29 އޭޕްރީލް 2024 - 08:23 0

އޮލިމްޕަސް ސްކްރީނުގައި 2019 ގައި ރިލީޒްކުރި "ބަވަތި" ފިލްމު މީޑިއާނެޓްގެ ވީޑިއޯ ކްލަބަށް ލާން ނިންމައިފި އެވެ.

މީޑިއާނެޓުން ބުނީ އޮލިމްޕަހުގައި މި ފިލްމު ނުބެލުނު ފަރާތްތަކަށް މެއި، 1 އިން ފެށިގެން ވީޑިއޯކްލަބުން ފިލްމު ބަލާލެވޭނެ ކަމަށެވެ.

އިލްޔާސް ވަހީދު (އިއްލެ) ގެ ފުރަތަމަ ފީޗާ މި ފިލްމު 2019 ގައި އެންމެ ކާމިޔާބު ފިލްމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި ނަން ވިދާލިއިރު، އޮލިމްޕަހުގައި ބެލި ގިނަބަޔަކުވަނީ އެ ފިލްމަށް ތައުރީފު އޮއްސާލައިފަ އެވެ.

ބަވަތި ފިލްމަކީ ސައިކޮލޮޖިކަލް ތްރިލާ ޖޮންރާގެ ފިލްމެކެވެ. ނަމަވެސް ފިލްމު ބަލަމުންދާއިރު މިއީ ބިރުވެރި ފިލްމެއްތޯ ސުވާލު އުފެދޭ ވަގުތުތައް ވެސް އަންނާނެ އެވެ.

މި ފިލްމަކީ ފުރިހަމަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އިބްރަތްތެރި މެސެޖެއް ލިއްބައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ މޮޅު ފިލްމެކެވެ. މުޅި ސްކްރީންޕްލޭގައި ސަސްޕެންސް ހިފަހައްޓާފައިވާ މިންވަރުން އެކަނިވެސް ފިލްމުގެ ފުރިހަމަކަން ފެނިގެންދެ އެވެ.

ފިލްމުގެ އެކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވަނީ ފިލްމީ ދާއިރާގައި އެންމެ މޮޅު އެއް ބަތަލާކަމަށް ގިނަ ބަޔަކު ސިފަކުރާ ނުޒޫ އަދި އެކްޓަރު އިފްނާޒު އެވެ.

މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ އިފްނާޒުގެ ކެރެކްޓަރ ނުޒޫ ދިރިއުޅޭ ރަށަށް ފިޓްނަސް ކްލާސްތަކެއް ނަގާދިނުމަށް ކުރާ ދަތުރުގައި ނަޒޫގެ ކެރެކްޓާއާއި ދިމާވެ ލޯބީގެ ގޮތުން ގުޅުމުގެ ސަބަބުން ދިމާވާ އެކިއެކި ހާދިސާތަކުގެ މައްޗަށެވެ.

މުޅިން އަލަށް ފިލްމަކުން ފެނިގެންދިޔަ އިފްނާޒުގެ އަދި ނުޒޫގެ އެކްޓިންގްއަށް މި ފިލްމު ބެލި ގިނަ ބަޔަކުވަނީ ތައުރީފުކޮށްފަ އެވެ. މި ދެ ތަރިންގެ އިތުރުން މި ފިލްމުގައި ފެނިގެންދާ ތަޖުރިބާކާރު އެކްޓަރު ދަރާ ރަޝީދު އަދި ފާތުންގެ އެކްޓިންގްވެސް ފާހަގަކޮށްލެވެ އެވެ.

މި ފިލްމުގެ އެންމެ ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފިލްމުގެ ވީއެފްއެކްސް ތައްޔާރުކޮށްފައިވާ ގޮތް އަދި މޭކަޕްގެ ވާހަކަ ދައްކާނުލާ ދޫކޮށްލެވޭކަށް ނެތެވެ.

"އޯކޭޒް އިންކް" ގެ ފަރާތުން ވަނީ މީގެ ކުރިން ދިވެހި ފިލްމީ އިންޑަސްޓްރީގައި ނުފެންނަ ފެންވަރުގެ އާދަޔާ ހިލާފު މޮޅު ވީއެފްއެކްސް އިފެކްޓްތަކެއް މި ފިލްމުގައި ގެނެސްދީފަ އެވެ.

ފިލްމުގެ މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ މޭކަޕް އާރޓިސްޓް ރުތުބާ އެވެ. ފިލްމުގެ ޓްރެއިލާއިން އެކަނިވެސް މިކަންވަނީ ފާހަގަވެގެން ގޮއްސަ އެވެ.

މި ފިލްމު ފުރިހަމަކަމުގެ ނަތީޖާއެއް ގޮތުން މި ފިލްމުވަނީ 2021 ގައި "ކަރްނާޓަކާ ފިލްމު ފެސްޓިވަލް" ގައި ދިވެހިރާއްޖޭގެ ފިލްމު އިންޑަސްޓްރީ ތަމްސީލުކޮށްފަ އެވެ.

މި ފިލްމު މީޑިއާނެޓުގެ ވީޑިއޯކްލަބަށް ރިލީޒްކުރުމަށް ގާތްވެފައިވާ އިރު މިއީ އެ ފަރާތުން ބެލުންތެރިންނާއި ހަމައަށް ދޫކޮށްލާ ހަތަރު ވަނަ ދިވެހި ފިލުމެވެ. މީގެ ކުރިން ވީޑިއޯކްލަބުންވަނީ "ނޮވެމްބަރ"، "ނީނާ" އަދި "ކަޅަކި" ވީޑިއޯކްލަބް ލައިބްރަރީގައި ހިމަނައިފަ އެވެ. މި ހުރިހާ ފިލްމަކީވެސް ސިނަމާތަކުގައި މަގްބޫލުކަމާއި ކާމިޔާބު ފިލްމުތައްކަން ފާހަގަކޮށްލެވެއެވެ. އިތުރު ފިލްމާއި ސީރީޒް މިއަހަރުތެރޭ ރިލީޒްކޮށް ވީޑިއޯކްލަބް ހިދުމަތް މިއަހަރުތެރޭ އިތުރަށް މުއްސަނދިވެގެންދާނެ ކަމަށް އެފަރާތުން މައުލޫމާތުދެ އެވެ. ދިވެހި އަމިއްލަ އުފެއްދުންތަކާއި ދުނިޔޭގެ އެކިކަންކޮޅުތަކުގެ މުނިފީހިފިލުވަނިވި ފިލްމާއި ސީރީޒް މީޑިއާނެޓުގެ ވީޑިއޯކްލަބް ޚިދުމަތް މެދުވެރިކޮށް ޓީވީ އަދި ފޯނުގެ ޒަރިއްޔާއިން ބަލާލެވޭނެއެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް މި ކޮންޓެންޓް އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީ އިން އަދި އެމް އެސް ޑިޖިޓަލް މެދުވެރިކޮށް ފޯނުން ބަލާލެވޭނެ އެވެ.