Advertisement

އޭދަފުށި ފުޓްސަލް ކަޕް މިރޭ ފަށަނީ

8 އޭޕްރީލް 2024 - 10:46 0

ބ. އޭދަފުށި

އަތޫފް އާތިފް

އަތޫފް އާތިފް


އޭދަފުށި ފުޓްސަލް ކަޕް މިރޭ ފަށަނީ

8 އޭޕްރީލް 2024 - 10:46 0

ބ. އޭދަފުށި

ބ. އޭދަފުށި ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް, "އުރީދޫ އޭދަފުށި ފުޓްސަލް ކަޕް 2024" މިރޭ ފަށާނެ އެވެ.

މި ފަހަރުގެ މުބާރާތުގައި އެންމެ ފުރަތަމަ ސަތާރަ ޓީމަކުން ބައިވެރިވާނެ ކަމަށް ބެލެވުނެވެ. އެކަމަކު، އެންމެ ފަހުން، ބައިވެރިވުމުގެ މުއްދަތު ހަމަވިއިރު، ނަން ހުށަހެޅީ 16 ޓީމަކުންނެވެ.

މިދިޔަ އަހަރު ކުރިއަށްދިޔަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ އަފްރޯ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޯލް ވުލްވްސްގެ މައްޗަށް ކުރިހޯދައިގެންނެވެ.

މިރޭ މުބާރާތް ފަށާނީ ގްރޫޕް އޭގެ ނަލަ ބްރަދާސް އާއި ކީވަން އެފްސީ ބައްދަލުކުރާ މެޗުންނެވެ. މި މެޗު ފަށާނީ މިރޭ 21:30 ގަ އެވެ. ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އަފްރޯ ސްޕޯޓްސް ކުލަބުން ނުކުންނާނީ އެފްސީ ސަޑަންލީ އާއި ދެކޮޅަށެވެ. އެ މެޗު ފަށާނީ 22:30 ގަ އެވެ. މިރޭގެ ފަހު މެޗުގައި ބައްދަލުކުރާނީ މުރިންގް އެފްސީ އާއި ވެލާ އެވެ. މި މެޗު ފަށާނީ 23:30 ގަ އެވެ.

މި މުބާރާތުގެ ފައިނަލް ކުޅޭނީ މި މަހު 17 ގަ އެވެ. މުބާރާތުގެ ހުރިހާ މެޗެއް އޭދަފުށި ކައުންސިލް ފޭސްބުކް ޕޭޖު އާއި ޔޫޓިއުބުން ލައިވްކޮށް ދައްކާނެ އެވެ.

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މި ފަަހަރުގެ ޗެމްޕިއަންކަން ހޯދީ އޭދަފުށިންނެވެ. އެއާ އެކު، އެ ރަށުގައި ފުޓްސަލްގެ ފޯރި ވަނީ ވަރަށް ބޮޑަށް ގަދަވެފަ އެވެ. އަނެއްކޮޅުން، މި ފަހަރުގެ އޭދަފުށީ ފުޓްސަލް ކަޕްގައި އެ ރަށުގެ މަޝްހޫރު ކުޅުންތެރިންގެ އިތުރުން މުޅި ރާއްޖޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ މޮޅު ކުޅުންތެރިން ކުޅޭނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ، އަދަދު ސްޕޯޓްސް އެވެ.